
މެޓަ
މެޓައިން އަނެއްކާ ވެސް 10،000 މުވައްޒަފުން ވަކިކުރަނީ
ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ ވެރި މެޓަ ކުންފުނިން އަނެއްކާ ވެސް ގިނަ އަދަދަކަށް މުވައްޒަފުން މަދުކުރުމަށް ނިންމައިފި އެވެ.
މެޓައިން މިފަހަރު މަދުކުރަން ނިންމާފައި ވަނީ 10،000 މުވައްޒަފުން ނެވެ. މިއީ ހަތަރު ވަރަކަށް މަސްތެރޭ މެޓައިން ގިނަ އަދަދަކަށް މުވައްޒަފުން މަދުކުރާކަން އިއުލާނު ކުރި ދެވަނަ ފަހަރެެވެ. ހުސްވި ނޮވެމްބަރު މަހު ވެސް އެކުންފުނިން ވަނީ 11،000 މުވައްޒަފުން ވަކިކޮށްފަ އެވެ.
"އުފެއްދުންތެރިކަމުގެ އަހަރެއް"ގެ ޝިއާރުގެ ދަށުން މުވައްޒަފުން މަދުކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތައް "އުނދަގޫ" ވާނެކަމަށް މެޓަގެ ޗީފް އެގްޒެކެޓިވް މާކް ޒަކަބާގް ވިދާޅުވި އެވެ.
ދިހަހާސް މުވައްޒަފުން މަދުކުރުމުގެ އިތުރުން ހުސްވެފައިވާ 5،000 ވަޒީފާއަށް އާ މުވައްޒަފުން ނުހޯދާނެ ކަމަށް ވެސް ޒަކަބާގް ވަނީ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ވިދާޅުވެފަ އެވެ.
މިދިޔަ އަހަރު މެޓައަށް ލިބުނު އާމްދަނީ ބޮޑުތަނުން މަޑުޖެހުމާ އެކު ކުންފުންޏަށް ހޭލަން މަޖުބޫރުވިކަމަށް މިމެމޯގައި ޒަކަބާގް ވަނީ ފާހަގަ ކުރައްވާފަ އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މެޓައަށް ލިބިފައިވާ އާމްދަނީ ވަނީ އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު %4 ދަށަށް ގޮސްފަ އެވެ. ނަމަވެސް އެ ކުއާޓަރުގައި ވެސް މެޓައަށް ވަނީ 23 ބިލިއަން ޑޮލަރުގެ ފައިދާއެއް ވެފަ އެވެ.
މެޓަގެ ވިޔަފާރިއަށް ކުރަމުން އަންނަ އަސަރުތަކުގެ ފަހަތުގައި ވަނީ އެމެރިކާގައި އުފުލިފައިވާ އިންޓްރެސްޓު ރޭޓުތަކާއި ބައިނަލްއަގްވާމީ ސިޔާސީ ހަލަބޮލިކަމާއި އަދި ގަވާއިދުތައް އިތުރުވުން ކަމަށް ޒަކަބާގް ވަނީ ފާހަގަކުރައްވާފަ އެވެ.
މެޓަގެ އިތުރުން ޓެކްނޮލޮޖީ ސިނާއަތުގައި އޮޕަރޭޓުކުރަމުން އަންނަ ގޫގުލް އާއި އެެމެޒޯން ފަދަ ބޮޑެތި ކުންފުނިތަކުން ވެސް ވަނީ މުވައްޒަފުން މަދުކުރާކަން އިއުލާނުކޮށްފަ އެވެ. އެގޮތުން އެމެޒޯން އިން ގާތްގަނޑަކަށް 18،000 އަދި ގޫގުލްގެ ވެރި އަލްފަބެޓުން 12،000 މުވައްޒަފުން މަދުކުރުމަށް މިއަހަރު ވަނީ އިއުލާނުކޮށްފަ އެވެ.
ކޮމެންޓް