ސްނެޕް އިންކް.

ޓިކްޓޮކް އެމެރިކާގައި މަނާކުރުމުގެ މަސައްކަތްތަކާ އެކު ސްނެޕްގެ ހިއްސާގެ އަގު މައްޗަށް

ޗައިނާގެ ބައިޓްޑާންސް ކުންފުންނިން ހިންގަމުން އަންނަ ޓިކްޓޮކްއާ މެދު ވޮޝިންޓަނުގައި އިތުރުވަމުން އަންނަ ފާޑުކިޔުންތަކާ އެކު ސްނެޕް ކުންފުންޏަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އިންވެސްޓަރުން ބަލަން ފަށައިފި އެވެ. 

ޓިކްޓޮކް ފަދަ ހިދުމަތްތައް މަނާކުރަން ފަސޭހަވެގެން ދާނެ ފަދަ ބިލެއް އެމެރިކާގެ މަޖިލީހުން ފާސްކުރަން އުޅޭ ހަބަރާ ގުޅިގެން ސްނެޕް ކުންފުނީގެ ހިއްސާއެއްގެ އަގު ވަނީ ހޯމަ ދުވަހު %10 އަދި އަންގާރަ ދުވަހުގެ ހެނދުނު %5 އުފުލިފަ އެވެ. 

ޓެކްނޮލޮޖީގެ ރޮނގުން އެމެރިކާއަށް ހުރި ބިރުތަކާ މެދު ފިޔަވަޅު އެޅުމަށް ރައީސް ޖޯ ބައިޑަން އަށް ލިބިދޭ ބާރުތައް ފުޅާކުރުމަށް އެމެރިކާގެ މަޖިލީހުގެ 12 މެމްބަރަކު ވަނީ  މިއަދު ބިލެއް ތައާރަފު ކުރައްވައިފަ އެވެ.

ރީސްޓްރިކްޓިންގް ދަ އެމާޖެންސް އޮފް ސެކިއުރިޓީ ތްރެޓްސް ދެޓް ރިސްކް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ (ރީސްޓްރިކް)ގެ ނަން ދެވިފައިވާ މިބިލުގެ އަމާޒަކީ ޓިކްޓޮކް މަނާ ކުރުމެއް ނޫނެވެ. ނަމަވެސް އެމެރިކާގެ ވިޔަފާރިއާ ބެހޭ ޑިޕާޓްމަންޓުން ގައުމަށް ހުރި ބިރެއްގެ ގޮތުގައި ކަނޑައަޅާ ބޭރުގެ އިލެކްޓްރޯނިކް އާލާތްތަކާއި ސޮފްޓްވެއާތައް  މަނާކުރުމަށް ސަރުކާރަށް ލިބިދޭ ބާރުތައް މިބިލުން ފުޅާކޮށްދެ އެވެ. މި ބާރުތަކުގެ ތެރޭގައި ހިދުމަތެއް މުޅިން މަނާކުރުން ވެސް ހިމެނެ އެވެ. 

ޗައިނާއާ ގުޅުން ހުރި ކުންފުނިތަކުން އެމެރިކާއާ ބެހޭ ނާޒުކު މައުލޫމާތުތައް ޕްރެޝަރާ ހެދި ބެއިޖިންގް އަށް ފޯރުކޮށްދީފާނޭ ކަމަށް ވޮޝިންޓަނުގައި އޮތް ކަންބޮޑުވުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފަ އެވެ. 

ނަމަވެސް މިފަދަ މައުލޫމާތެއް ހިއްސާ ކުރުމަށް ބެއިޖިންގް އިން މިހާތަނަށް އެދިފައި ނުވާކަމަށް ޓިކްޓޮކްގެ ސީއީއޯ ޝައު ޗޫ ވަނީ މިހަފްތާގައި ވިދާޅުވެފަ އެވެ. ވޮޝިންޓަނުގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ޓިކްޓޮކް އިން ވަނީ އެމެރިކާގެ ކަސްޓަމަރުންނާ ބެހޭ ހުރިހާ މައުލޫމާތުތަކެއް އެމެރިކާގެ ވަރުގަދަ އޮރެކަލް ކުންފުނީގެ ސާވާތަކަށް ވެސް ބަދަލުކޮށްފަ އެވެ. އަދި ވަކި ހާލަތްތަކެއްގައި އެމެރިކާގައި އޮޕަރޭޓު ކުރަމުން ގެންދެވިދާނެ ކަމުގެ ޔަގީންކަން ހޯދުމަށް ޓިކްޓޮކް އިން އަންނަނީ ބައިޑަންގެ ސަރުކާރާ އެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތް ވެސް ކުރަމުން ނެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓިކްޓޮކް މަނާކުރަމުން އަންނަނީ ކީއްވެ؟ (ވީޑިއޯ/ސްކައި ނިއުސް)

ހިއްސާގެ ބާޒާރާ ބެހޭ ދިރާސާތައް ހަދާ ސީއެފްއާރްއޭ ރިސާޗްގެ ސީނިއާ އެނެލިސްޓު އެންޖެލޯ ޒީނޯ ހޯމަ ދުވަހު ވިދާޅުވިގޮތުގައި ޓިކްޓޮކް އެމެރިކާގައި މަނާވެގެން ގޮސްފި ނަމަ އެންމެ ބޮޑަށް ފައިދާ ކުރާނީ ސްނެޕްޗެޓަށާއި ފޭސްބުކްގެ ވެރި މެޓައަށާއި އަދި ޔޫޓިއުބް ކުންފުންޏަށެވެ. 

ޒީނޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޓިކްޓޮކް އިން މަޝްހޫރުކޮށްފައިވާ ކުރު ވީޑިއޯތަކުގެ ސަބަބުން ކަސްޓަމަރުން ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތު ވަނީ އިތުރުވެގެން ގޮސްފަ އެވެ. އަދި މިއާ އެކު ސޯޝަލް މީޑިއާގައި ކުރެވޭ އިސްތިހާރުތަކުން ލިބޭ އާމްދަނީ ވެސް ޓިކްޓޮކް އަށް ލިބެމުން އަންނަ ވަރު ވަނީ ހަލުވިކަމާ އެކު އިތުރުވަމުން ގޮސްފަ އެވެ.

ޓިކްޓޮކްގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން އެމެރިކާގެ މަޝްހޫރު ސޯޝަލް މީޑިއާ ބައެއް ހިދުމަތްތަކުން ވަނީ ޓިކްޓޮކްގެ ބައެއް ފީޗާތައް ވެސް ނަކަލުކޮށްފަ އެވެ.

އެމެރިކާގައި ޓިކްޓޮކް މަނާކޮށްފާނެ ކަމުގެ ހަބަރާ އެކު ސްނެޕްގެ ހިއްސާގެ އަގުތައް އުފުލުނު ކަމުގައިވީ ނަމަވެސް ޔޫޓިއުބްގެ ވެރި އަލްފަބެޓް ކުންފުނީގެ ހިއްސާގެ އަގަށް ބަދަލުތަކެއް އައިސްފައެއް ނުވެ އެވެ. އަދި ފޭސްބުކް އާއި އިސްޓަގްރާމްގެ ވެރި މެޓަ ކުންފުނީގެ ހިއްސާގެ އަގު ވަނީ މިއަހަރު ތެރޭ %50 އުފުލިފަ އެވެ. ނަމަވެސް މިއީ ކުންފުނި ހިންގުން ހަރުދަނާ ކުރުމަށް މެޓައިން ފަށާފައިވާ މަސައްކަތާ އެކު ހިއްސާގެ އަގަށް އައިސްފައިވާ ބަދަލުތަކެ ކެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް