(ފޮޓޯ/ގެޓީ އިމޭޖެސް)
ރެނޯލްޓް އާއި ގޫގުލް އިން 'ސޮފްޓްވެއާ ގޮތަށް' ކާރު އުފައްދަނީ
ޓެކްނޮލޮޖީ ކުންފުނިތަކުން ސޮފްޓްވެއާ އުފައްދަމުން އަންނަ އުސޫލާ އެއްގޮތަށް ކާރު އުފެއްދުމަށް ފަރަންސޭސިވިލާތުގެ ރެނޯލްޓް ކުންފުންޏާއި ވަރުގަދަ ގޫގުލް އިން އަތުގުޅާލައިފި އެވެ.
ކުރިން ވެސް އެކުގައި މަސައްކަތް ކޮށްފައިވާ މި ދެ ކުންފުނިން މިފަހަރު މި އެއްބަސްވި ޕްރޮޖެކްޓުގެ ދަށުން ގޫގުލްގެ ކްލައުޑް ޑިވިޝަނުގައި ބޭނުންކުރާ ޓެކްނޮލޮޖީ ބޭނުންކޮށް "ސޮފްޓްވެއާގެ މައްޗަށް ބަރޯސާވެފައިވާ" ވެހިކަލެއް އުފެއްދުމަށް ރެނޯލްޓުން ވަނީ ނިންމާފަ އެވެ.
މި މަޝްރޫއުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށް ގޫގުލް އާއި ރެނޯލްޓުން އާ ވެހިކަލެއްގެ "ޑިޖިޓަލް ނަކަލެއް" ހަދާނެ އެވެ. ޑިޖިޓަލް ނަކަލެއް ހެދުމުން އެ ކާރެއް އަސްލު އުފެއްދުމުގެ ކުރިން ހިޔާލީ ދުނިޔެއެއްގައި ބޭނުންކޮށް، ޓެސްޓު ކުރުމުގެ ފުރުސަތު ފަހިވެގެންދެ އެވެ.
ކާރުގެ އެތެރެ އާއި ބޭރުގައި ބޭނުން ކުރެވޭނެ އެޕްލިކޭޝަންތައް އުފެއްދުމަށް ވެސް ރެނޯލްޓަށް އެހީތެރިކަން ގޫގުލް އިން ފޯރުކޮށްދޭނެ އެވެ. ގޫގުލް އިން އުފައްދާ މި އެޕްލިކޭޝަންތަކުން ލިބޭ މައުލޫމާތުތަކުގެ މައްޗަށް ބަލައިގެން ވެހިކަލުގައި ދިމާވާ މަައްސަލަތައް ދެނެގަނެ، ކަސްޓަމަރަށް ހިތްގައިމު ތަޖުރިބާއެއް ފޯރުކޮށްދޭން މަސައްކަތް ކުރާނެ އެވެ.
"ކުރެވެން ހުންނަ ކަންކަމާއި ކަސްޓަމަރުން ބޭނުންވާ ކަންކަމުގެ މައްޗަށް ބިނާކޮށް ވެހިކަލްތަކުގައި ބޭނުން ކުރަމުން އަންނަ އިލެކްޓްރޯނިކް ސާމާނުތައް މި އަންނަނީ އެތައް ގުނައެއް އިތުރުވަމުން،" ރެނޯލްޓް ގްރޫޕުގެ ސީއީއޯ ލޫކާ ޑެ މެއޯ އިއްޔެ ވިދާޅުވި އެވެ.
"ކާރާ އަބަދު ގުޅިފައި ހުންނަ، ވަގުތުން ވަގުތަށް އަޕްޑޭޓުތައް ދެ ފަރާތަަށް ވެސް ލިބެމުންދާ ގޮތަށް ގޫގުލްއިން އުފައްދާ މި އައިޓީ ޕްލެޓްފޯމާ އެކު އަހަރެމެންގެ ކަސްޓަމަރުންގެ މުސްތަގުބަލުގެ ބޭނުންތައް ފުރިހަމަ ކޮށްދޭނެ ވެހިކަލްތަކެއް އުފެދިގެން ދާނެ،" ޑެ މެއޯ ވިދާޅުވި އެވެ.
ރެނޯލްޓް އާއި ގޫގުލް ގުޅިގެން ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ ރެނޯލްޓުގެ ކާރުތަކުގައި ހުންނަ މީޑީއާ ޑިސްޕްލޭތަކަށް އެންޑްރޮއިޑް އެޅުމަށް 2018 ވަނަ އަހަރު އެވެ.