އިނގިރޭސި ޕްރިމިއަ ލީގުގައި ނިއުކާސަލް ކޮޅަށް ދެ ލަނޑު ޖެހި ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހު (ވ)އަށް އެހެން ކުޅުންތެރިން މަރުހަބާ ކިޔަނީ
ލިވަޕޫލަށް މޮޅެއް ނުވެވުނު، އާސެނަލް އާއި ޗެލްސީއަށް ކާމިޔާބު
ނުވަ ޕޮއިންޓްގެ ލީޑެއް ދަމަހައްޓަމުން އައި ލިވަޕޫލްއަށް ނިއުކާސަލް ކައިރިން މޮޅުނުވެވި، ޗެލްސީ އާއި އާސެނަލްގެ ދެ މެޗު ރޭ ކާމިޔާބުކުރުމުން ޕޮއިންޓް ތާވަލްގައި ކުރިއަށް ވުރެ ފަރަގު ކުޑަވެއްޖެ އެވެ.
ރޭ ދަންވަރު ކުޅުނު އެހެން މެޗެއްގައި އެންމެ ފަހު ހަތަރު ފަހަރު ލީގު ޗެމްޕިއަންކަން ހޯދި މެންޗެސްޓަ ސިޓީ ވަނީ ހަތް މެޗަށް ފަހު ފުރަތަމަ ފަހަރަށް މޮޅުވެފަ އެވެ. އެކަމަކު ތާވަލްގައި އަދި އޮތީ ހަތަރު ވަނައިގަ އެވެ.
ރޭ ނިއުކާސަލް އާއި ލިވަޕޫލްގެ މެޗު 3-3 އިން އެއްވަރުވީ ފަހަތުން އަރާ 3-2 އިން ލިވަޕޫލް މޮޅުވާން ދަނިކޮށް ފަހު 10 މިނިޓްގެ ތެރޭގައި ނިއުކާސަލް ޖެހި ލަނޑުންނެވެ. ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހު މި މެޗުގައި ދެ ލަނޑު ޖެހި އެވެ.
މިއީ މި ސީޒަންގެ އެންމެ މޮޅު މެޗުކަމަށް ބައެއް ތަޖުރިބާކާރުން ސިފަކުރެ އެވެ. އެކަމަކު މެޗު އެއްވަރުވުމަކީ ޖެހިޖެހިގެން ފަސް މެޗުން މޮޅުވާން ލިވަޕޫލް ކުރި މަސައްކަތަށް އައި ހުއްޓުމެކެވެ.
ލަނޑުގެ ގޮތުން ތަފާތު ވެގެން ޗެލްސީ ދެވަނައަށް އެރީ ރަށުން ބޭރުގައި ސައުތެމްޓަން 5-1 އިން ބަލިކޮށްގެންނެވެ.
އާސެނަލް ވަނީ އަމިއްލަ ދަނޑުގައި މެންޗެސްޓަ ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެފަ އެވެ. މިއީ ޔުނައިޓެޑްގެ އާ ކޯޗު ރުބެން އަމޯރިމްގެ ފުރަތަމަ ބައްޔެވެ. ކޯޗުކަމާ ހަވާލުވެ އޭނާގެ ބެލުމުގެ ދަށުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި އެވަޓަން އަތުން 4-0 އިން މޮޅުވި އެވެ.
އެކަމަކު ރޭ އާސެނަލް ކައިރީގައި މާ ބޮޑު ކަމެއް ކުރެވޭ ވަރެއް ނުވި އެވެ. އާސެނަލްގެ ދެ ގޯލު ވެސް އައީ ކޯނަރަކުންނެވެ. ހިލޭ ޖެހުންތަކުގައި އާސެނަލްގެ ކުޅުންތެރިން ލަނޑު ކާމިޔާބުކުރާ ގޮތުން އެތައް ބަޔަކު ވަނީ ހައިރާންވެފަ އެވެ.
ޕްރިމިއަ ލީގުގެ ގަދަ ފަހެއް
-
1-
ލިވަޕޫލް، ކުޅުނު 14، ފައިދާ ގޯލް 18، ޕޮއިންޓް 35
-
2-
ޗެލްސީ، ކުޅުނު 14، ފައިދާ ގޯލް 16، ޕޮއިންޓް 28
-
3-
އާސެނަލް، ކުޅުނު 14، ފައިދާ ގޯލް 14، ޕޮއިންޓް 28
-
4-
މެންޗެސްޓަ ސިޓީ، ކުޅުނު 14، ފައިދާ ގޯލް 6، ޕޮއިންޓް 26
-
5-
ބްރައިޓަން، ކުޅުނު 13، ފައިދާ ގޯލް 5، ޕޮއިންޓް 23
ކޮމެންޓް