ފުރަތަމަ މެޗުގައި ރާކިބް ހުސެއިން އަތުން ބޯޅަ ހޯދަން ރާއްޖޭގެ ހައިޝަމް ހަސަން (ކ) މަސައްކަތްކުރަނީ
ބަންގްލަދޭޝްއިން ފަހަތުން އަރާ ރާއްޖެ ބަލިކޮށްފި
ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު ކުޅުނު އެކުވެރިކަމުގެ ބައިނަލްއަގުވާމީ ދެވަަނަ މެޗު މިއަދު ބަންގްލަދޭޝްއިން 2-1 އިން ކާމިޔާބުކޮށްފި އެވެ.
ފުރަތަމަ މެޗުގައި ރާއްޖޭގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ)ގެ ހަމައެކަނި ލަނޑުން މޮޅުވެފައި އޮއްވާ މިއަދުގެ މެޗު ބަންގްލަދޭޝްއިން ކާމިޔާބުކުރީ އިތުރު ވަގުތުގައި ފަހަތުން އަރަ އެވެ.
ލީޑު ނަގައިދިނީ 23 ވަނަ މިނިޓްގައި ދިފާއީ ކުޅުންތެރިޔާ ހައިޝަމް ހަސަން ބަންގްލަދޭޝްގެ ޕެނެލްޓީ އޭރިޔާގެ ތެރެއަށް ހުސްކޮށްލަދިން ބޯޅައިން ފާސިރެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މުޖީބު ރަހުމާން ޖޮނީ މަތިން ފޮނުވާލި ބޯޅައެއް ކަނަށް ވައްދާލައިގެން އެއްވަރުކުރި އެވެ.
ބަންގްލަދޭޝް މޮޅުކޮށްދިން ލަނޑު މެޗުގެ އެންމެ ފަހު ވަގުތުކޮޅު ޖަހައިދިނީ ޕަޕޮން ސިންހެވެ. ރާއްޖޭގެ ގޯލުގެ ހަމަ ކުރިމަތިން ހުހަށް ލިބުނު ބޯޅަ ގޯލަށް ވައްދާލީ ހަމަޖެހިލައިފަ އެވެ.
ފުރަތަމަ މެޗުން ރާއްޖެ މޮޅުވުމާ އެކު މިއަދުގެ މެޗުގައި ބަންގްލަދޭޝްގެ ސަޕޯޓަރުން ވަނީ ދަނޑު ފުރާލައިގެން ތިބެ ހިތްވަރުދީފަ އެވެ. ބަންގްލަދޭޝްގައި އުޅޭ ދިވެހިން ވެސް ރާއްޖޭގެ ޓީމަށް ސަޕޯޓްކުރަން ވަދެ ތިއްބެވެ.
އަލީ ސުޒެއިންގެ ކޯޗުކަމުގެ ދަށުގައި މިދިއަ ބުރާސްފަތިދުވަހު ކުޅުނު މެޗުން ރާއްޖެ މޮޅުވުމަކީ އެ ގައުމުގެ ފަސްގަނޑުގައި ރާއްޖެއަށް ބަންގްލަދޭޝް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. އެކަމަކު 2003ގެ ފަހުން މިދިއަ އަހަރާ ޖެހެންދެން ރާއްޖެ އަތުން ބަންގްލަދޭޝްއަށް މޮޅުވެވިފައެއް ނުވެ އެވެ. އެ ތާރީހު ބަދަލުކޮށްލީ އިންޑިއާގެ ބެންގަލޫރުގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް މެޗުގައި 3-1 އިންނެވެ.
އެކުވެރިކަމުގެ ދެ މެޗަށް ރާއްޖެ ދިޔައިރު މި އަހަރުގެ ތެރޭގައި ގައުމުގައި ވާދަވެރި އެންމެ މެޗެއް ވެސް ދިވެހި ކުޅުންތެރިން ކުޅެފައެއް ނުވެ އެވެ. ބޮޑު މައްސަލަތަކެއްގެ ތެރޭގައި އޮތް އެފްއޭއެމްއަށް ކްލަބްތަކަށް އެހީތެރިވެވޭނެ ގޮތެއް ނެތި، ގައުމީ ފެންވަރުގެ ހުރިހާ މުބާރާތެއް ވަނީ ކެންސަލްވެފަ އެވެ.
ކޮމެންޓް