ޗެމްޕިއަންސް ލީގުގައި ބަޔާ ލެވަކޫސަންގެ ކޮޅަށް ހެޓްރިކް ހެދި ލުއިސް ޑިއާޒް އުފާ ފާޅުކުރުމުގެ ތެރޭގައި

ސިޓީއަށް ބޮޑު ލަދެއް، ލިވަޕޫލް ޔޫރަޕްގައި ވެސް ހަމަ ގަދަކޮށް

މެންޗެސްޓަ ސިޓީ ތަފާތު ބޮޑުކޮށް ބަލިވި އިރު ރޭ އަމިއްލަ ދަނޑުގައި ބަޔާ ލެވަކޫސަން އަތުން ތަފާތު ބޮޑުކޮށް މޮޅުވެ ލިވަޕޫލް މިހާރު އޮތީ ޗެމްޕިއަންސް ލީގުގެ ތާވަލްގެ ކުރީގައި
6 ނޮވެމްބަރު 2024

އިނގިރޭސި ޗެމްޕިއަން މެންޗެސްޓަ ސިޓީ ރަށުން ބޭރުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އަތުން 4-1 އިން ބަލިވެ ބޮޑު ލަދަކާ ކުރިމަތިވި އިރު ލިވަޕޫލް އަންނަނީ ޔޫރަޕްގައި ވެސް ތަފާތު ދައްކަމުންނެވެ. ރޭ ލިވަޕޫލް މޮޅުވީ ބަޔާ ލެވަކޫސަން އަތުން 4-0 އިންނެވެ.

މިދިއަ ހަތަރު އަހަރުގެ ޕްރިމިއަ ލީގުގެ ޗެމްޕިއަން ސިޓީ އެހާ ތަފާތު ބޮޑުކޮށް 2018ގެ ފަހުން ބަލިވެފައެއް ނުވެ އެވެ. ސްޕޯޓިންގެ މި ބޮޑު ކާމިޔާބު ހޯދީ މެޗުގެ ހަތަރު ވަނަ މިނިޓްގައި ސިޓީން ލީޑު ވެސް ނަގާފައި އޮއްވަ އެވެ.

ޕެޕް ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ޖެހިޖެހިގެން ތިން މެޗުން ސިޓީ ބަލިވީ އެންމެ ސީޒަނެއްގަ އެވެ. މިއީ އެކަން އޭނާ ތަޖުރިބާކުރި ދެވަނަ ފަހަރެވެ.

ޗެމްޕިއަންސް ލީގުގެ ތާވަލްގައި ސިޓީ މި ވަގުތު އޮތީ ހަތް ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

ލިވަޕޫލްގެ ވާހަކަ ވަރަށް އުފާވެރި އެވެ. ޕްރިމިއަ ލީގުގައި ވެސް ލިވަޕޫލް އޮތީ އެއްވަނައިގަ އެވެ. އަދި ރޭގެ ތަފާތު ބޮޑު ނަތީޖާއާ އެކު ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓް ހޯދީ އެވެ. ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވި ހަމައެކަނި ޓީމަކީ ވެސް ލިވަޕޫލް އެވެ. މިރޭ އެސްޓަން ވިލާ މޮޅުވެއްޖެ ނަމަ، އެއީ އެ ނަތީޖާ ހޯދި ދެވަނަ ޓީމަށް ވާނެ އެވެ.

ރޭ ލިވަޕޫލްގެ ތަރިއަކީ ހެޓްރިކް ހެދި ލުއިސް ޑިއާޒް އެވެ. ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖެހީ ކޮޑީ ގެކްޕޯ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް