މިދިއަ ހަފުތާގައި އޮތް ޗެމްޕިއަންސް ލީގުގެ މެޗެއްގައި ބޮރޫޝިއާ ޑޯޓްމުންޑްއާ ދެކޮޅަށް ހެޓްރިކް ހެދުމަށް ފަހު ވިނީޝިއަސް ޖޫނިއަ އުފާ ފާޅުކުރަނީ
ވިނީޝިއަސްއަށް އެވޯޑް ނުލިބުމުން ބްރެޒިލްގައި ވެސް ރުޅިވެރިކަން
ފްރާންސްގެ މަޖައްލާ ފްރާންސް ފުޓްބޯލްއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ވިނީޝިއަސް ޖޫނިއާއަށް ނުލިބުމުން އޭނާގެ ގައުމު ބްރެޒިލްގެ ތެރޭގައި ވެސް މި އޮތީ ރުޅިވެރިކަމެވެ.
ރެއާލް މެޑްރިޑްގެ އުމުރުން 24 އަހަރުގެ ހަލުވި ފޯވަޑަށް ބެލޮންޑިއޯ ނުލިބި އެ މަގާމު ކާމިޔާބުކުރީ މެންޗެސްޓަ ސިޓީ އާއި ސްޕެއިންގެ މިޑްފީލްޑް ކުޅުންތެރިޔާ ރޮޑްރީ އެވެ.
ވިނީޝިއަސް ވަނީ ރެއާލްއަށް މިދިއަ ސީޒަންގެ ލަ ލީގާ އާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދޭން މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ރޮޑްރީއަކީ ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ހަތަރު ވަނަ ފަހަރަށް ސިޓީއަށް ހޯދައިދޭށާއި ސްޕެއިންއަށް މި އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދިނުމުގެ އެއް އާރުކާޓީ އެވެ.
ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށް ސިފަކުރާ ބެލޮންޑިއޯގައި ވިނީޝިއަސް ދިޔައީ ދެވަނައަށެވެ. އޭނާއަށް އެވޯޑް ނުލިބޭކަން އެނގުމުން ރެއާލްއިން ވަނީ އެވޯޑް ހަފުލާ ވެސް ބޮއިކޮޓްކޮށްފަ އެވެ. އެކަމަކު އެންމެ މޮޅު ކްލަބަށް ރެއާލް ހޮވުނު އިރު އެންމެ މޮޅު ކޯޗަކީ ރެއާލްގެ ކާލޯ އަންޗޮލޮޓީ އެވެ.
ރެއާލްއިން ފަހުން ބުނީ އެ ކްލަބަށް އިހުތިރާމްނުކުރާ ތަނަކަށް ނުދާނެ ކަމަށެވެ.
އެވޯޑްގެ ނަތީޖާއާ މެދު ފްރާންސް ފުޓްބޯލްއިން ވާހަކަ ދެއްކި އެވެ. އެގޮތުން އެ މަޖައްލާގެ އެޑިޓަ އިން ޗީފް ވިންސެންޓް ގާސިއާ ވިދާޅުވި ގޮތުގައި ނަތީޖާ ދިޔައީ ވަރަށް ހަމަހަމަކޮށެވެ. ވިނީޝިއަސްއަށް އޮތް ޑިސްއެޑްވާންޓޭޖަކަށް ވީ މޮޅު ކުޅުންތެރިޔާގެ މަގާމަށް ރެއާލްގެ އެހެން ދެ ކުޅުންތެރިން ކަމަށްވާ ޖޫޑް ބެލިންހަމް އާއި ޑެނީ ކަރްވަހާލް ވާދަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ސަބަބުން ވިނީޝިއަސްއަށް ޕޮއިންޓްކޮޅެއް މަދުވުމުގެ ފުރުސަތު އޮންނާނެ،" ގާސިއާ ވިދާޅުވި އެވެ.
ބެލޮންޑިއޯގެ އެވޯޑްތައް ކަނޑައަޅަނީ ފީފާގެ ރޭންކިންގައި ހިމެނޭ ފުރަތަމަ 100 ގައުމުން ހޮވާލެވޭ ކުޅިވަރަށް ހާއްސަ 100 ނޫސްވެރިންނެވެ.
މިއީ އެންމެ ބޮޑު ބޭއިންސާފު
އެކަމަކު ވިނީޝިއަސްގެ ނާކާމިޔާބީ ބްރެޒިލްގެ މީހުންނަށް ނެގެނީ މުޅިން ތަފާތުކޮށެވެ. އެ ގައުމުގެ ބައެއް ނޫސްވެރިން ބުނާ ގޮތުގައި އޭނާއަށް އެވޯޑް ނުލިބުނީ ނަސްލީ އިމްތިޔާޒާ ދެކޮޅަށް އަޑުއުފުލާތީ އެވެ. ވިނީޝިއަސްއަކީ ސްޕެއިންގައި ވެސް ނަސްލީ ދިމާކުރުންތައް އަމާޒުވާ ކުޅުންތެރިއެކެވެ.
"އަހަރެމެންނަށް އެނގޭ ވިނީޝިއަސްއަކީ ސްޕެއިން އާއި ޔޫރަޕްގެ އެހެން ހިސާބުތަކުގައި ވެސް ނަސްލީ ތަފާތުކުރުން ކުރިމަތިވާ ކުޅުންތެރިއެއް ކަން،" ބްރެޒިލްގެ އެންމެ ފުޅާ ޓީވީ ނެޓްވޯކް ކަމަށްވާ ގްލޯބޯ ނިއުސްގެ ކޮމެންޓޭޓަރެއް ކަަމަށްވާ ގޫޖާ ޗަކްރާ ބުންޏެވެ.
"އެހެންވެ އަހަރެމެންނަށް ސުވާލުކުރެވިދާނެ ރޮޑްރީއަށް ކާމިޔާބު ލިބުނީ ވިނީޝިއަސްއާ ދެކޮޅަށް އޮންނަ ތަފާތުކުރުންތަކުގެ ސަބަބުންހޭ."
ބްރެޒިލްގެ ނުފޫޒު ގަދަ އެޑިޓަރެއް ކަމަށްވާ ގުސްތާވޯ ފެލްޑޮން ބުނީ ވިނީޝިއަސްއަށް އެވޯޑް ނުލިބުމަކީ ބެލޮންޑިއޯގެ ތާރީހުގައި ވެސް އެންމެ ބޮޑު ބޭއިންސާފު ކަމަށެވެ.
"އޭނާއަކީ ބްރެޒިލްގެ މީހަކަށް ވެފައި، ރެއާލްއަށް ކުޅުމާއި ފޯވަޑަކަށް ވުމަކީ އެވޯޑްގެ ތާރީހަށް ބަލާ ނަމަ ވިނީޝިއަސްއާ އެއްކޮޅަށް ހުރި މުހިންމު ޕޮއިންޓްތައް،" ފެލްޑޮން ބުންޏެވެ.
ބްރެޒިލްގެ ބައެއް މީހުން ދެކޭ ގޮތުގައި ރޮޑްރީއަށް ވުރެ ހުރިހާ ގޮތަކުން ވެސް މޮޅީ ވިނީޝިއަސް އެވެ. އޭނާގެ ޑްރިބްލިން އާއި ހަލުވި ކުޅުން ރޮޑްރީގެ ކުޅުމަށް ވުރެ މާ ބޮޑަށް އަޅައިގަންނާނެ ކަމަށް ވެސް، ބައެއް ނޫސްވެރިން ބުނެ އެވެ.
ކޮމެންޓް (1)
ޓެޕީނިއޯގެ ބައްޕަ