އާސެނަލްގެ ދިފާއީ ކުޅުންތެރިޔާ ވިލިއަމް ސަލިބާ ރަތް ކާޑު ދެއްކުމުން ދަނޑުން ފައިބަނީ

އާސެނަލް

ސަލިބާގެ ރަތް ކާޑާ އެކު އާސެނަލްއަށް ފުރަތަމަ ބަލި

ލީގުގައި މިހާތަނަށް އާސެނަލްއަށް ތިން ރަތް ކާޑު ވަނީ ދައްކާފައި. މިއީ ތާވަލްގައި ކުރިއަށް ދާން ބަލާއިރު ހަތް ޕޮއިންޓްގެ ގެއްލުމެއް
20 އޮކްޓޯބަރު 2024

މެޗުގެ 30 ވަނަ މިނިޓްގައި ދިފާއީ ކުޅުންތެރިޔާ ވިލިއަމް ސަލިބާއަށް ދެއްކި ރަތް ކާޑާ އެކު ސީޒަންގައި އާސެނަލް ފުރަތަމަ ފަހަރަށް ބަލިވެ، ޕްރިމިއަ ލީގުގެ އެއްވަނައަށް އަރަން އޮތް ފުރުސަތު ވެސް ރޭ ގެއްލުވާލައިފި އެވެ.

ވަރުގަދަ ދިފާއީ ކުޅުންތެރިޔާގެ ޕްރޮފެޝަނަލް ކެރިއަރުގެ ވެސް ފުރަތަމަ ރަތް ކާޑު ލިބިގަތީ، ބޯންމައުތުގެ ފޯވަޑް އިވަނިލްސަން، މެދު ރޮނގާ ހަމައިން ވައްޓާލުމާ ގުޅިގެންނެވެ. ރެފްރީ ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު ވީއާރުއޭއިން ޗެކްކޮށް، އެއީ ލަނޑު ޖަހަން ލިބެން އޮތް ފުރުސަތަކަށް ހުރަސް އެޅުން ކަމަށް ބަލައި، ރަތް ކާޑަކަށް ބަދަލުކުރި އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ، މެޗަށް ފަހު ބުނީ، އެ ފެންވަރުގެ މެޗެއްގައި 10 ކުޅުންތެރިންނާ އެކު ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. 

ބޯންމައުތު މެޗުން މޮޅުވީ ފަހު ހާފުގައި ޖެހި ދެ ލަނޑުން، 2-0 އިންނެވެ. 

މިއީ ބަލިނުވެ 16 މެޗު ކުޅެފައިވާ އާސެނަލްގެ އެ ކުރިއެރުމަށް އައި ހުއްޓުމެކެވެ. އަދި މި ސީޒަންގެ ވެސް ފުރަތަމަ ބައްޔެވެ.

ރޭ މޮޅުވެގެން ތާވަލްގެ އެއްވަނައަށް އެރެން ވެސް އޮތެވެ. ސަލިބާގެ ރަތް ކާޑާ އެކު، އަންނަ ހަފުތާގައި ލިވަޕޫލްއާ ދެކޮޅަށް ކުޅެން ވެސް އާސެނަލްއަށް އެ ގެއްލުނީ ވަރަށް އިތުބާރު ކުޅުންތެރިއެކެވެ.

މިރޭ ޗެލްސީ އަތުން ލިވަޕޫލް މޮޅުވެއްޖެ ނަމަ އަންނަ ހަފުތާގައި އާސެނަލްގެ ދަނޑަށް ޒިޔާރަތްކުރާނީ ހަތަރު ޕޮއިންޓްގެ ތަފާތަކާ އެކުގަ އެވެ.

ލީގުގައި މިހާތަނަށް އާސެނަލްއަށް ތިން ރަތް ކާޑު ދައްކާފައިވެ އެވެ. ކުރިން ރަތް ކާޑު ދެއްކި ދެ މެޗު އެއްވަރުވެ، ޖުމްލަ ހަތަރު ޕޮއިންޓް ގެއްލުނެވެ. ރޭ އެ ގެއްލުނީ ތިން ޕޮއިންޓެވެ. އެހެންކަމުން މިއީ ލީގުގެ ޗެމްޕިއަންކަން ހޯދަން އުއްމީދުކުރާ ކްލަބަކަށް އެކަށީގެންވާ ކަމެއް ނޫން ކަމަށް، ތަޖުރިބާކާރުން ވެސް ދެކެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް