މިިދިއަ އަހަރު ބެންގަލޫރުގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން ކޮޅަށް ލަނޑު ޖެހުމަށް ފަހު ހަމްޒާ މުހައްމަދު (ހަމްޕް) އުފާ ފާޅުކުރަނީ --ފޮޓޯ/އިމޭޖްސްއެމްވީ
ރާއްޖޭގެ ގައުމީ ޓީމު ބަންގްލަދޭޝްއާ އެކު މެޗުތަކެއް ކުޅެނީ
އެފްއޭއެމްގެ މައްސަލަގަނޑުގައި އެންމެ ބޮޑު ގުރުބާނީއެއް ވާން ޖެހުނީ އެއްވަނަ ޑިވިޒަންގެ ކުޅުންތެރިންނަށެވެ.
ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ މުބާރާތެއް ނުކުޅޭތާ މިހާރު އަހަރެއް ވީ އެވެ. ފުޓްބޯޅަ ޕްރެކްޓިސް ކުރަމުން އަންނަނީ ވެސް މާޒިޔާ އެކަންޏެވެ. ނަސީބަކުން ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތިބީ އެ ކްލަބްގަ އެވެ.
އިއްޔެ އެފްއޭއެމުން އިއުލާންކުރީ ނޮވެމްބަރު މަހު ބަންގްލަދޭޝްއާ އެކު ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗު ކުޅެން ހަމަޖެހިއްޖެ ވާހަކަ އެވެ. މި ދެ މެޗު އޮންނާނީ 13-16 ނޮވެމްބަރުގައި، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަޝުންދަރަ ކިންގްސް ދަނޑުގަ އެވެ.
ރާއްޖެ އާއި ބަންގްލަދޭޝް އެންމެ ފަހުން ވާދަކުރީ މިދިއަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގަ އެވެ. ރާއްޖެ ލަނޑެއް ޖަހާފައި އޮއްވާ ފަހަތުން އަރާ ބަންގްލަދޭޝް 3-1އިން މޮޅުވި އެވެ.
ރާއްޖޭގެ މައި ލީގާއި އެފްއޭ ކަޕް ކަހަލަ ބޮޑު މުބާރާތްތައް ރާވައި ހިންގޭނެ ގޮތެއް ދަރަންޏާއި އިދާރީ މައްސަލަތަކުން ފުނޑުވެފައި އޮތް އެފްއޭއެމްއަކަށް ނެތެވެ. ނަމަވެސް ފީފާއިން ހަމަޖެއްސި ނޯމަލައިޒޭޝަން ކޮމިޓީން މިހާރު އަންނަނީ އެފްއޭއެމްގެ ކަންކަން ހަމަޔަކަށް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ގައުމީ 28 ޖޫން 2023ގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގެ މެޗަށް ފަހު އަދި މެޗެއް ނުކުޅެ އެވެ. ބެންގަލޫރުގައި އޮތް މުބާރާތުގައި އެ ދުވަހު ރާއްޖެ ބަލިވީ ލުބްނާން އަތުން 1-0 އިންނެވެ.
އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖްގައި ކުޅެން މާދަމާ މާޒިޔާ ކްވޭތަށް ފުރާނެ އެވެ. ނޮވެމްބަރު މަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެން ކިރިޔާ ވެސް ތަމްރީނެއް ލިބިފައި ވަނީ މާޒިޔާގައި ތިބި ގައުމީ ޓީމުގެ ކުޅުންތެރިންނަށެވެ. އެ ކުޅުންތެރިންނަށް ޗެލެންޖްސް ލީގު ވާނީ ވަރަށް ބޮޑު ތަޖުރިބާއަކަށް ކަމަށް ބެލެވެ އެވެ.