އިއްޔެ ބޫޓާންއާ ދެކޮޅަށް އެރުމުގެ ކުރިން ރާއްޖޭގެ ޓީމު ގްރޫޕް ފޮޓޯއެއްގައި

އިލާންގެ ވާޖިބު އަދާކޮށްފި، އަސްލު ފެންވަރު ވަޒަންކޮށްލުން މާދަމާ

ޗައިނާގައި ކުރިއަށްދާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި އިއްޔެ ބޫޓާން ދެ ލަނޑު ޖަހާފައި އޮއްވާ ފަހަތުން އަރާ ރާއްޖެ 2-2 އިން އެއްވަރުކޮށްދިނީ އިލާން
20 އޮކްޓޯބަރު 2024

އިއްޔެ ޗައިނާގެ ދާލިއަންގައި ފެށި 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ބޫޓާނުން ރާއްޖެ ކޮޅަށް ދެ ލަނޑު ޖަހާފައި އޮއްވާ ކެޕްޓަން މުހައްމަދު އިލާން އިމްރާން ދެ ލަނޑު ކާމިޔާބުކޮށް އެއްވަރުކޮށްދީފި އެވެ.

މިހާރު ރާއްޖެއިން ފެންނަ އެ އުމުރުގެ އެންމެ ހުނަރުވެރި ފޯވަޑްގެ ރައްދު އައީ 50 އާއި 62 ވަނަ މިނިޓްގައި ބޫޓާނުން ދެ ލަނޑު ޖަހާފައި އޮއްވާ، 70 އަދި 81 ވަނަ މިނިޓްގަ އެވެ.

އިލާންގެ ވާޖިބު އަދަކޮށް ރާއްޖޭގެ ޓީމަށް ޕޮއިންޓެއް ކަށަވަރުކޮށްދިނުމަކީ ރަނގަޅު ފެށުމެކެވެ. ނަމަވެސް ދިވެހި ކުޅުންތެރިންގެ އަސްލު ފެންވަރު ވަޒަންކުރުމުގެ މަރުހަލާ ފެށޭނީ މާދަމާ ބަހުރެއިންއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. އޭގެ ފަހުން ދެން ބައްދަލުކުރާނީ އޭޝިއާ ފުޓްބޯޅައިގެ ގަދަ ބާރުތައް ކަމަށްވާ ސައުތު ކޮރެޔާ އާއި ޗައިނާއާ އެވެ.

މިދިއަ އަހަރު އޮތް ސްކޫލްތަކުގެ 15 އަހަރުން ދަށުގެ މުބާރާތުގައި ލަނޑެއް ޖެހުމަށް ފަހު އިލާން އުފާ ފާޅުކުރަނީ: އެ މުބާރާތުގައި އޭނާ 38 ލަނޑު ޖެހި

މިހާރު މި އޮތް 17 އަހަރުން ދަށުގެ ޓީމަކީ މިދިއަ އަަހަރު ބޫޓާންގައި އޮތް ސާފްގެ އެ އުމުރުފުރާގެ މުބާރާތުގައި 3-2 އިން ބޫޓާން ބަލިކުރި ޓީމެވެ. އެ މެޗުގައި ވެސް އިލާން ލަނޑު ޖެހި އެވެ.

ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އިލާންއަކީ ރައްޖޭގެ ފުޓްބޯޅައިގައި މިހާރު ނުފެންނަ އިތުބާރު ފޯވަޑެއް ނެތުމުގެ އުނިކަން ކުރިމަގުގައި ނައްތާލާނެ ހުނަރު ހުރި ކުޅުންތެރިއެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް