ޔުވެންޓަސް އާއި ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ
އަހަންނަކީ އޮޅުވާލައި، މަކަރުހަދާނެ މީހެއް ނޫން: ޕޮގްބާ
"އަހަންނަކީ މަކަރުހަދާ މީހެއް ނޫން' ކަމަށާއި ނަމަވެސް މަނާ ބޭހަށް ޕޮޒިޓިވްވުމުގެ ޒިންމާ އޭނާ ނަގާ ކަމަށް، ފްރާންސްގެ ތަރި ޕޯލް ޕޮގްބާ ބުނެފި އެވެ.
މަނާ ބޭހާ ދެކޮޅަށް މަސައްކަތްކުރާ އިޓަލީގެ ގައުމީ އެޖެންސީން މިދިއަ ފެބްރުއަރީ މަހު ޕޮގްބާ ސަސްޕެންޑްކުރީ ޓެސްޓޮސްޓެރޯންގެ މާއްދާ ހަށިގަނޑުގައި މާ ގިނައިން ހުރިކަން ޓެސްޓްތަކުން ދެއްކުމުންނެވެ. މިއީ ބުންވަރު ގަދަކޮށްދޭ ހޯމޯނެކެވެ.
އުމުރުން 31 އަހަރުގެ ކުޅުންތެރިޔާއަށް އިއްވި ހަތަރު އަހަރުގެ ސަސްޕެންޝަން އޭނާގެ ފަރާތުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން ބެލުމަށް ފަހު އެ މުއްދަތު 18 މަހަށް ވަނީ ދަށްކޮށްފަ އެވެ. އެ ނިންމުމުގައި ފާހަގަކުރި ގޮތުގައި މަނާ ބޭސް އޭނާ ބޭނުންކުރީ ގަސްދުގައެއް ނޫނެވެ.
"އަަހަންނަކީ އޮޅުވާލައި، މަކަރުހަދާނެ މީހެއް ނޫން،" ސްކައި ސްޕޯޓްސްއާ ވާހަަކަ ދައްކަމުން ޕޮގްބާ ބުންޏެވެ.
"އަހަންނަކީ އަހަރެންގެ ކުޅިވަރު ދެކެ އިންތިހާއަށް ލޯބިވާ މީހެއް. ދުވަހަކު ވެސް އަހަންނެއް އެ ކުޅިވަރަށް މަކަރެއް ނުހަދާނަން. މޮޅުވާން ބޭނުންވަނީ އިންސާފުވެރިކަމާ އެކު."
ދަށްކުރި ސަސްޕެންޝަންގެ މުއްދަތު ގުނަން ފަށާފައި ވަނީ 11 ސެޕްޓެމްބަރު 2023ގަ އެވެ. ފުޓްބޯޅައިގެ ތަމްރީންތައް ޖެނުއަރީގައި ފަށައި އަންނަ އަހަރުގެ މާޗު މަހު ކުޅެން ނުކުންނަން ޝަރުތު ހަމަވާނެ ކަމަށް، ޕޮގްބާގެ ކައިރި މީހުން ބުނެ އެވެ.
އޭނާ ބުނި ގޮތުގައި މަނާ ބޭހަށް ޕޮޒިޓިވްވި ސަޕްލިމެންޓް ބޭނުންކޮށްފައި ވާތީ އެ ޓެސްޓްގެ ނަތީޖާގެ ޒިންމާ އޭނާ ނަގަ އެވެ. އޭގެ އަދަބު ވެސް އޮންނަން ވާނެ ކަމަށާއި އެކަމަކު އެއީ ހަތަރު އަހަރު ނޫން ކަމަށް ބުންޏެވެ.
މެންޗެސްޓަ ޔުނައިޓެޑާ އެކު ހެދި އެގްރިމެންޓްގެ މުއްދަތު ހަމަވުމުން އޭނާގެ ކުރީގެ ކްލަބް ޔުވެންޓަސްއާ ޕޮގްބާ ގުޅުނީ ޖުލައި 2022ގަ އެވެ. އެކަމަކު އަނިޔާތަކާ ހެދި ގަވާއިދުން ކުޅުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
ޔުވެންޓަސްއާ އެކު ހެދި އެއްބަސްވުން ނިމޭނީ 2026ގަ އެވެ. އެހެންކަމުން އޭނާ ތަމްރީންތައް ފަށާނީ އެ ކްލަބާ އެކުގަ އެވެ.
"އަހަރެން ބޭނުން ފިޓްވާން. އަހަރެން ބޭނުން ދަނޑަށް އަރަން، ކޮންމެ ދަނޑަކަށް ވިޔަސް. ފުޓްބޯޅައަކީ އަހަރެންގެ ލޯބި،" ޕޮގްބާ ބުންޏެވެ.