ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިން މެޗެއް ނިންމާފައި ދަނޑުން ފައިބަނީ

ފުޓްބޯޅަ

ބަލިވަނީ ތަޖުރިބާ ނެތީމާ، އެއްވެސް ޓީމެއް ދެކެ ބިރެއް ނުގަންނާނެ: އީތަން

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފިކޭޝަން ކުޅެން ރާއްޖޭގެ ޓީމު މިއަދު ޗައިނާއަށް ފުރާނެ. ކުޅެން ޖެހެނީ އޭޝިއާގެ ވެސް ވަރުގަދަ ޓީމުތަކާ
16 އޮކްޓޯބަރު 2024

އޭޝިއާގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންއަށް ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު މިރޭ ޗައިނާއަށް ފުރާނެ އެވެ.

މިއީ މިދިއަ މަހު ބޫޓާންގައި އޮތް ސާފްގެ 17 އަހަރުން ދަށުގެ މުބާރާތުގައި ކުރަން ޖެހުނު ވާދައަށް ވުރެ މާ ބޮޑު ވާދައެކެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން އޮތީ މެޗުތައް އޮންނަ ޗައިނާ އާއި ސައުތު ކޮރެޔާ އާއި ބަހުރެއިން އަދި ބޫޓާން އެވެ. ޗައިނާ އާއި ސައުތު ކޮރެޔާއަކީ އޭޝިއާގެ ފުޓްބޯޅައިގެ ބޮޑެތި ބާރުތަކެވެ. ބަހުރެއިންއަކީ އޭގެ ފަހަތުން ދެން ގުނާލެވޭ ގައުމުތަކުގެ ތެރެއިން ގައުމެކެވެ.

މިދިއަ މަހު ބޫޓާންގައި އޮތް މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ވާދަކުރަން ޖެހުނީ، މިދިއަ އަހަރާއި މި އަހަރު ވެސް ފައިނަލްގައި ކުޅުނު ބަންގްލަދޭޝް އާއި އިންޑިއާއާ އެވެ. ބަންގްލަދޭޝްއާ 1-1 އިން އެއްވަރުކޮށް، އިންޑިއާ އަތުން 3-0އިން ވީ ބައްޔެވެ.

ރާއްޖޭގެ ޒުވާން ޓީމުތަކަށް އޮތް މައްސަލައަކީ މެޗު ތަޖުރިބާ ނެތުމެވެ. މި އަހަރު ނިމެން މިދަނީ އުމުރު ފުރައިގެ ރަނގަޅު މުބާރާތެއް ވެސް ނެތި އެވެ. ޕްރެކްޓިސް މެޗުތަކެއް ނުލިބެ އެވެ.

ރާއްޖޭގެ17 އަހަރުން ދަށުގެ ގައުމީ ޓީމު މިދިއަ މަހު ބޫޓާންއަށް ފުރުމުގެ ކުރިން

ރާއްޖޭގެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އީތަން އިބްރާހިމް ޒަކީ ދާދި ފަހުން 'ދައުރު'އަށް ދިން އިންޓަވިއުގައި ބުނީ ރާއްޖޭގެ ޓީމު ޖެހިލުންވާނެ އަދި ބިރުގަންނަ އެއްވެސް ޓީމެއް ނެތް ކަމަށެވެ. ހަމައެކަނި މައްސަލައަކީ ތަޖުރިބާ ނެތުންކަން އޭނާ ވެސް ފާހަގަކުރި އެވެ.

"އަޅުގަނޑު މި އޭޖް ގްރޫޕްއާ އެކު އުޅޭތާ މިހާރު ތިން އަހަރު ވެދާނެ. އަޅުގަނޑަށް އެނގޭ އެއްޗަކީ އަޅުގަނޑުމެން ބިރެއް ނުގަންނާނެ އެއްވެސް ޓީމެއް ދެކެއެއް،" އީތަން ބުންޏެވެ.

އެ އުމުރު ފުރާގައި ކުޅުނަސް އޭނާގެ އުމުރަކީ އަދި 15 އަހަރެވެ. އޭނާ ބުނީ ޗައިނާ އާއި ސައުތު ކޮރެޔާއާ ކުޅެން ޖެހުނަސް ރާއްޖޭގެ ޓީމުގެ %100 ދޭން އެއްވެސް ކުޅުންތެރިޔަކު ޖެހިލުންނުވާނެ ކަމަށެވެ.

އީތަން އިބްރާހިމް ޒަކީ: އޭނާ ބުނީ މައްސަލައަކީ ތަޖުރިބާ ކުޑަވުން ކަމަށް

ބިރުނުގަތުމުގެ "މައިންޑްސެޓަކީ ވެސް އަޅުގަނޑުމެން ވަރަށް އިމްޕްރޫވްވާ ކަމެއް،" އީތަން ބުންޏެވެ.

"އަޅުގަނޑުމެންގެ ހަމައެކަނި މައްސަލައަކީ ތަޖުރިބާ ނެތުން."

ގްރޫޕްގައި ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ ބޫޓާންއާ ދެކޮޅަށް މި މަހު 19ގަ އެވެ. އޭގެ ފަހުން ދެން ހުރި މެޗުތައް ކުޅޭނީ:

  • 21 އޮކްޓޯބަރު - ބަހުރެއިން

  • 23 އޮކްޓޯބަރު - ސައުތު ކޮރެޔާ

  • 25 އޮކްޓޯބަރު - ޗައިނާ

ރާއްޖޭގެ ޓީމުގެ ކޯޗަކީ، ސާފް މުބާރާތުގައި ވެސް ކޯޗަކަށް ހުރި މުހައްމަދު އާދަމް އެވެ. އޭނާއަކީ އެއްވަނަ ޑިވިޒަންގައި ވިކްޓަރީއަށް ކުޅެ ފަހުން ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ތަޖުރިބާކާރު ކޯޗެކެވެ.

އެންމެ ފަހުން މި އުމުރުފުރާގައި ރާއްޖެ އާއި ބޫޓާން ވާދަކުރީ މިދިއަ އަހަރު އޮތް ސާފްގެ 17 އަހަރުން ދަށުގެ މުބާރާތުގަ އެވެ. އެ މެޗުން 3-2އިން ރާއްޖެ މޮޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް