އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް (ފޮޓޯ/މިހާރު)
އެފްއޭއެމްގައި ޖައުޝަން ބަހައްޓަން ނިންމުމުން ތޯރިގުގެ ފާޑުކިއުން
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި މިހާރު ވެސް ހުންނެވި މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އެ މަގާމުގައި ބެހެއްޓުމުން އެކަމާ އަހުމަދު ތޯރިގު (ޓޮމް) ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
ޖައުޝަން ވިދާޅުވީ އޭނާ އެ މަގާމުގައި ދެމިހުންނަވަން ނިންމެވީ ފީފާއިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީ އާއި ފީފާގެ ވެސް އެދުމުގެ މަތިން ކަމަށެވެ.
އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޖައުޝަން ހަމަޖެއްސެވީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އެފްއޭއެމްގެ ތެރޭގައި މަނީ ލޯންޑަަރިން ހިންގެވުމާއި ބޭރުން ލިބުނު ފައިސާއަށް ހިޔާނާތްތެރިވުމުގެ ދައުވާ ބައްސާމްގެ މައްޗަށް ވަނީ އުފުލައިފަ އެވެ. އަދި އެ ތުހުމަތާ ގުޅިގެން ނުވަ މަސް ދުވަހަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ފީފާއިން ވަނީ އޭނާ ސަސްޕެންޑް ވެސް ކޮށްފަ އެވެ.
ބައްސާމް ހުންނަވައިގެން އެފްއޭއެމްގެ އާ އިންތިހާބު ބާއްވަން ދެ ފަހަރެއްގެ މަތިން މަސައްކަތްކުރި އެވެ. ނަމަވެސް ކުރީގެ ފޯވަޑް އަދި ބައްސާމްގެ ކުރިން އެފްއޭއެމްގެ ރައީސްކަމުގައި ހުންނެވި ތޯރިގު ކުރިމަތިލެއްވި އިންތިހާބުގައި އޭނާއަށް ވާދަނުކުރެއްވޭ ގޮތް ހެދުމުން އިންތިހާބު ބޭއްވޭ ގޮތެއް ނުވި އެވެ.
ތޯރިގު މައްސަލަ ހުށައެޅުއްވުމުން ފީފާ އާއި އޭއެފްސީން ވެސް ނިންމީ އޭނާއާ އެއްކޮޅަށެވެ. އެކަމަކު ބައްސާމްގެ ދައުރު ޖުލައި މަހު ހަމަވި އިރު ވެސް އާ އިންތިހާބު ބޭއްވޭ ގޮތެއް ނުވި އެވެ. އެހެންކަމުން މިދިއަ މަހު ފީފާއިން ވަނީ ނޯމަލައިޒޭޝަން ކޮމިޓީއެއް ނަގައި، އެ ކޮމިޓީއާ އެފްއޭއެމް ހިންގުން ހަވާލުކޮށްފަ އެވެ. ކޮމިޓީގެ ޒިންމާއަކީ އަންނަ އަހަރުގެ 31 ޖުލައިގެ ކުރިން އާ އިންތިހާބު ބޭއްވުމާއި ގެއްލުނު ފައިސާ ހޯދުމުގެ ކަންކަން ރޭވުމެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ފީފާއިން ހަމަޖެއްސީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޕޯޓްސް މިނިސްޓަރުކަން ވެސް ކުރެއްވި އަހުމަދު ޒުހޫރު އެވެ. އޭނާގެ އިތުރުން ދެން ކޮމިޓީގައި ހިމެނެނީ:
-
އަހުމަދު މުއިއްޒު
-
ފަރީހާ ޝަރީފް
-
އިސްމާއިލް ސައިމަން
-
އަހުމަދު އަލީ
ޖައުޝަން ވިދާޅުވި ގޮތުގައި އޭނާގެ ކޮންޓްރެކްޓް ހަމަވެފައި ވާތީ އަލުން އާކުރަން ބޭނުންނުވާ ވާހަކަ ފީފާ އާއި ނޯމަލައިޒޭޝަން ކޮމިޓީއަށް ވެސް އެންގެވި އެވެ. ނަމަވެސް އެ ދެ ފަރާތުން އޭނާގެ ކިބައިން އެދުނީ މަގާމުގައި ހުންނަވަން ކަމަށް ވިދާޅުވި އެވެ.
"ފީފާ އާއި ކޮމިޓީ އަދި ކޮމިޓީގެ ޗެއާމަންގެ އެދުމަކީ މި ވަގުތު މަޑުކޮށްދިނުން. އެފްއޭއެމް މި އޮތް ހާލަތުން ކަންކަން ތަރުތީބު ކުރުމަށްޓަކައި ކޮމެޓީއާ އެކު މަސައްކަތްކޮށްދިނުމަށް ފީފާ އަދި ކޮމިޓީން ވެސް އެދިފައި ވަނީ،" ލިއުމުން 'ދައުރު'އަށް ދެއްވި ޖަވާބުގައި ޖައުޝަން ވިދާޅުވި އެވެ.
"ވީމާ ފީފާ އާއި ކޮމެޓީ އަދި ކޮމެޓީގެ ޗެއާމަންގެ އެދުމުގެ މަތިންނާއި ފުޓްބޯޅައަށް މަސައްކަތްތަކެއް ކޮށްދިނުމުގެ ހެޔޮ ނިޔަތުގައި އަދި މި ވަގުތު އެފްއޭގައި އެބަ ހުރިން."
އެކަމަކު ކުޅިވަރުގެ ގާނޫނީ ރޮނގުން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ޖައުޝަންއާ މެދު ތޯރިގު ހިތްހަމަޖެހިވަަޑައެއް ނުގަންނަވަ އެވެ. އޭނާ ފޭސްބުކްގައި ލިއުއްވީ އެފްއޭއެމުން އިއުލާންކުރި ދެ އިންތިހާބު ވެސް ގަވާއިދާ ހިލާފަށް ގެންދިއުން ފަދަ ކަންކަމުގައި ޖައުޝަން "ހުރިހާ ހަޑިއެއް ހޭވި' ކަމަށެވެ.
"އެފްއޭއެމްއިން އިއުލާންކުރި ދެ އިންތިހާބުގައި ވެސް އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ އެފްއޭއެމްގެ ޖެނެރަލް ސެކްޓަރީއަކަށް ޖައުޝަން ހުރެގެން. ކޯރަމް ހަމަނުވާ ޖަލްސާތަކުން ފެށިގެން ހެދި ހުރިހާ ހަޑިއެއްގައި ވަނީ ބައިވެރިވެވިފައި،" ތޯރިގު ލިއުއްވި އެވެ.
"ބައްސާމްގެ ޖެނެރަލް ސެކެޓްރީ ބަހައްޓައިގެން އެފްއޭއެމަށް ކުރެވޭނެ ނޯމަލައިޒިންއެއް ނުފެނޭ."
ތޯރިގުގެ އެ ވާހަކައާ މެދު ޖައުޝަން ވިދާޅުވީ އެފްއޭއެމްގައި ކަންކަން ހިނގި ގޮތުގެ ފުރިހަމަ މައުލޫމާތު ތޯރިގަށް އެނގިވަޑައިނުގަތުމުން އެހެން ގަބޫލުކުރެއްވެނީ ކަމަށް ވެދާނެ ކަމަށެވެ. އޭނާއަށް ގޯސްތަކެއް ހެއްދެވިފައި އޮތް ނަމަ ފީފާ އާއި ނޯމަލައިޒޭޝަން ކޮމިޓީން ވެސް އޭނާއަށް އެ ފުރުސަތު ނުދިނީސް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ހިތުން ތިވަރުގެ ގޯސްތަކެއް އަޅުގަނޑު ހަދާފައި އޮތް ނަމަ ފީފާއަކުން އަދި މިހާރު މި އޮތް ނޯމަލައިޒޭޝަންއަކުން އަޅުގަނޑު މި ވަގުތު ވިޔަސް މަޑުކޮށްދިނުމަށް އެދޭނެ ހެނެއް ހިއެއް ނުވޭ،" ޖައުޝަން ވިދާޅުވި އެވެ.
ކޮމެންޓް (2)
ޥާލުސޮރު
ޕައްލަންބެ