ކްރޮއޭޝިއާ ކޮޅަށް ރޭ ލަނޑު ޖަހައި ކެރިއަރުގެ 900 ލަނޑު ހަމަކުރުމަށް ފަހު ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރޮވެނީ
900 ލަނޑަށް ފަހު ރޮނާލްޑޯ: 'މިއީ ވަރަށް ޖަޒުބާތީ ވަގުތެއް'
ޔޫރަޕްގެ ނޭޝަންސް ލީގުގައި ރޭ ކްރޮއޭޝިއާ 2-1 އިން ބަލިކުރި މެޗުގެ ދެވަނަ ލަނޑު ޖަހާފައި ކްރިސްޓިއާނޯ ރޮނާލްޑޯ ދުވެފައި ގޮސް ކޯނަރު ދަނޑި ކައިރީގައި ދެ ކަކޫ މައްޗަށް ތިރިވި އެވެ. އޭނާގެ ލޮލުގައި ކަރުނަ އެވެ.
އުފާކުރުން ހައްގެވެ. އެއީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި ޖެހި 900 ވަނަ ލަނޑެވެ. ކާމިޔާބީތަކުން ފުރިފައި އޮތް ހަޔާތެކެވެ.
އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ އަދިވެސް ޕޯޗުގަލްގެ ގައުމީ ޓީމަށް ނަގާތީ ބައެއް މީހުން ސުވާލު އުފެއްދިޔަސް، އެއީ އެ ގައުމަށް ވެސް މިހާތަނަށް ލިބިފައިނުވާ ފަދަ ކުޅުންތެރިއެއްކަން ސާބިތުކޮށްދެ އެވެ.
"އެއީ އެހާ ބޮޑު ހާސިލްވުމަކަށް ވާތީ އެހާމެ ޖަޒުބާތީ ވެސް ވަގުތުކޮޅެއް،" ރޮނާލްޑޯ ބުންޏެވެ.
"ބައެއް މީހުންނަށް ހީވެދާނެ އެއީ ހަމަ އާދައިގެ ކަމެކޭ. އެކަމަކު އަހަންނާއި އަހަރެން ކައިރީގައި އުޅޭ މީހުންނަށް އެނގޭނެ ކިހާ ބޮޑު މަސައްކަތެއްކަން އެއީ. ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން މީހާ ތައްޔާރުވެގެން ހުންނަން، 900 ލަނޑު ހަމަކުރަން."
އޭނާ ސިފަކުރި ގޮތުގައި އެއީ އޭނާގެ ކެރިއަރުގައި ވަރަށް މުހިންމު ހާސިލްވުމެކެވެ.
ރޮނަލްޑޯގެ ލަނޑު ލިސްޓް
-
131 ލަނޑު: ޕޯޗުގަލް
-
5 ލަނޑު: ސްޕޯޓިން ލިޒްބަން
-
145 ލަނޑު: މެންޗެސްޓަ ޔުނައިޓެޑް
-
450 ލަނޑު: ރެއާލް މެޑްރިޑް
-
101 ލަނޑު: ޔުވެންޓަސް
-
68 ލަނޑު: އަލް ނަސްރު
ވާދަވެރި ކުޅުމުގެ ތެރެއަށް ވަދެ އޭނާ ފުރަތަމަ ގޯލު ޖެހި އިރާއި އޭގެ ފަހުން މި ވޭތުވި ދުވަސްތައް ކިޔައިދޭ ނަމަ އެ ގޯލު ޖެހި އިރު އުފަންވި ކުއްޖެއްގެ އުުމުރުން މިހާރު 21 އަހަރު ވެދާނެ އެވެ.
ޕޯޗުގަލްގެ ކްލަބެއް ކަމަށްވާ ސްޕޯޓިން ލިޒްބަންއަށް ކުޅެ އޭނާގެ ފުރަތަމަ ދެ ލަނޑު ޖެހީ 2 އޮކްޓޯބަރު 2002ގަ އެވެ. އޭރު އުމުރަކީ އެންމެ 17 އަހަރެވެ.
އޭގެ ފަހުން އޭނާ ވަނީ މެންޗެސްޓަ ޔުނައިޓެޑާއި ރެއާލް މެޑްރިޑް އާއި ޔުވެންޓަސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ އެވެ. މިހާރު ކުޅެމުން އަންނަނީ ސައުދީ ލީގުގެ އަލްނަސްރުއަށެވެ.