ކްރިސްޓިއާނޯ ރޮނާލްޑޯ (ކ) އާއި ލިއޮނެލް މެސީ: މިިދިއަ 20 އަހަރު ބެލަންޑޯ އެވޯޑްގައި ރަސްކަންކުރީ މި ދެ ކުޅުންތެރިން
މެސީ އާއި ރޮނާލްޑޯގެ ނަން ބެލަންޑޯ އެވޯޑުން ފުރަތަމަ ފަހަރަށް ގެއްލިއްޖެ
ކޮންމެ ކަމަކަށް ވެސް ވަގުތެއް ކަނޑައެޅިފައިވެ އެވެ. ފުޓްބޯޅަ ތަރިން ކަމަށްވާ ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން ބެލަންޑޯ އެވޯޑުން ވެސް މިވަނީ އުނިވެފަ އެވެ.
މި އަހަރުގެ ބެލަންޑޯ އެވޯޑަށް ނޮމިނޭޓްވި 30 ކުޅުންތެރިންގެ ލިސްޓް ނެރުނު އިރު މި ދެ ކުޅުންތެރިން ނުހިމެނުނީ ޔޫރަޕްގައި ނުކުޅޭތީ އެވެ. އެކަމަކު މިއީ 2003ގެ ފަހުން މި އެވޯޑަށް މީގެ ތެރެއިން އެންމެ ކުޅުންތެރިޔަކު ވެސް ނުހިމެނުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން 20 އަހަރުގެ ތާރީހު ބަދަލުވީ އެވެ.
މެސީއަކީ މިދިއަ އަހަރުގެ އެވޯޑް ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ. ހަތް ފަހަރަށް އެވޯޑް ހޯދުމާ އެކު އޭނާއަކީ އެންމެ ގިނައިން އެ މަގާމު ހާސިލްކުރި ކުޅުންތެރިޔާ ވެސް މެ އެވެ. ވާދަވެރި ރޮނަލްޑޯއަށް އެވޯޑް ލިބިފައި ވަނީ ފަސް ފަހަރު އެވެ. އެކަމަކު ރޮނާލްޑޯއަކީ އެވޯޑަށް އެންމެ ގިނަ ފަހަރު (18) ނޮމިނޭޓްވި ކުޅުންތެރިޔާ އެވެ.
މެސީ އާއި ރޮނާލްޑޯ ވެސް މިހާރު ކުޅެނީ ޔޫރަޕްގެ ލީގުތަކަކަށް ނޫނެވެ. އެހެންކަމުން އެވޯޑަށް ނޮމިނޭޓްވާނެ އެއްވެސް ފުރުސަތެއް ނެތެވެ. ސައުދީ ލީގުގައި ރޮނާލްޑޯ ކުޅޭއިރު މެސީއަކީ އެމެރިކާގެ ފުޓްބޯޅަ ލީގުގެ މައިގަނޑު ތަރި އެވެ.
ފްރާންސްގެ ފުޓްބޯޅަ މަޖައްލާ، ފްރާންސް ފުޓްބޯލްއިން ކުރިއަށް ގެންދާ މި އެވޯޑް ބޭއްވުމުގައި މި އަހަރުން ފެށިގެން ޔުއޭފާއިން ބައިވެރިވާނެ އެވެ. އެވޯޑަށް ކުޅުންތެރިން ހޮވަނީ ދުނިޔޭގެ ފުޓްބޯޅަ ރޭންކިން ލިސްޓްގެ ފުރަތަމަ 100 ގައުމުގެ ކުޅިވަރު ނޫސްވެރިންނެވެ. ކޮންމެ ގައުމަކަށް ވެސް ވޯޓު ލެވޭނީ ފުޓްބޯޅަ ނޫސްވެރިންގެ ތެރެއިން އެކަކަށެވެ.
މިފަހަރުގެ އެވޯޑަށް ނޮމިނޭޓްވި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ:
-
އާލިން ހާލޭންޑް (މެންޗެސްޓަ ސިޓީ، ނޯވޭ)
-
ޓޯނީ ކްރޫސް (ރެއާލް މެޑްރިޑް، ޖަރުމަން)
-
ވިނީޝިއަސް ޖޫނިއަ (ރެއާލް މެޑްރިޑް، ބްރެޒިލް)
-
ރޮޑްރީ (މެންޗެސްޓަ ސިޓީ، ސްޕެއިން)
-
ލަމީން ޔަމާލް (ބާސެލޯނާ، ސްޕެއިން)
-
ޖޫޑް ބެލިންހަމް (ރެއާލް މެޑްރިޑް، އިންގްލެންޑް)
-
ހެރީ ކޭން (ބަޔާން މިޔުނިކް، އިންގްލެންޑް)
-
ރުބެން ޑިއާސްް (މެންޗެސްޓަ ސިޓީ، ޕޯޗުގަލް)
-
ފިލް ފޯޑެން (މެންޗެސްޓަ ސިޓީ، އިންގްލެންޑް)