އުރީދޫން އޮފީސްތަކުގެ މެދުގައި ބޭއްވި އީ-ސްޕޯޓްސް ނުވަތަ ގޭމު ކުޅުމުގެ މުބާރާތުގައި ބައިވެރިވި ޓީމްތައް (ފޮޓޯ/އުރީދޫ)
އުރީދޫ، އޮފީސްތަކުގެ ގޭމް ކުޅުމުގެ މުބާރާތުގައި ވިދާލީ ބީއެމްއެލް
އޮފީސްތަކުގެ މެދުގައި އުރީދޫ ނޭޝަންގެ ފަރާތުން ބޭއްވި ފުރަތަމަ އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ނުވަތަ ގޭމް ކުޅުމުގެ މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަަލަށް ބޭއްވި މި ކުޅިވަރު މުބާރާތުގައި 33 އޮފީހަކުން ވާދަކުރި އެވެ. އެ މުބާރާތުގައި ކުޅެފައި ވަނީ ރާއްޖޭގެ އީ-ސްޕޯޓްސް ކޮމިއުނިޓީގެ ތެރޭގައި މަގުބޫލު ތިން ގޭމެކެވެ. އެއީ:
-
ޕަބްޖީ މޮބައިލް
-
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް
-
އީއޭއެފްސީ
ތަފްސީލް - އެ މުބާރާތުގައި ޗެމްޕިއަންކަން ހޯދި ފަރާތްތަކަކީ:
-
ގައުމީ ބޭންކް، ބީއެމްއެލް - ޕަބްޖީގެ ޗެމްޕިއަން
-
އެއާޓްރެފިކް ސާވިސް - މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގުގެ ޗެމްޕިއަން
-
ކޭ އެންޑް އެފް ހޯލްޑިންގެ ޖަނާން މުހައްމަދު - އީއޭއެފްސީގެ ޗެމްޕިއަން
ޕަބްޖީއާއި އީއޭއެފްސީގެ ޗެމްޕިއަން ޓީމަށް ވަނީ 10،000ރ. ދީފަ އެވެ. އަދި ބޭންގް ބޭންގުގެ ޗެމްޕިއަނަށް ދީފައި ވަނީ 4،500ރ. އެވެ.
ފާހަގަކޮށްލެވޭ - މި މުބާރާތުގެ އީއެފްސީ އާއި ބޭންގް ބޭންގް ގޭމުން ބީއެމްއެލްއަށް ޗެމްޕިއަންކަން ނުހޯދުނު ނަމަވެސް އެ ބޭންކުން ވަނީ އެ ދެ ގޭމްގެ ފައިނަލްގައި ވެސް ކުޅެ ރަނަރަޕްކަން ހޯދައިފަ އެވެ.
އުރީދޫގެ ބަސް - އެ ކުންފުނިން ބުނީ އޮފިސްތަކުގެ މެދުގައި ގޭމް ކުޅުމުގެ މުބާރާތެއް ބޭއްވީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އާލާކޮށް ރަހުމަތްތެރި ކަމާއި ވާދަވެރިކަން އިތުރުކުރުމުގެ ގޮތުން ކަމަށެވެ.
"އީ-ސްޕޯޓްސް ކޮމިއުނިޓީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ހާއްސަ ޕްލެޓްފޯމެއްގެ ގޮތުގައި މި މުބާރާތް ވަނީ ވެގެން ގޮސްފަ އެވެ،" އުރީދޫން ބުންޏެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް ފައިސާގެ އިނާމުތައް ހަވާލުކޮށްފައި ވަނީ އިއްޔެ ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.