ޕެރިސް އޮލިމްޕިކްސްގެ މެރެތަންގައި އިތިއޮޕިއާގެ ޓަމިރާތު ޓޯލާ ކުރީގައި ހުރެގެން ދުވަނީ. ރޭހުގެ މެދަކާ ހަމައިން އޭނާ ނެގި ލީޑް ރޭސް ނިމެންދެން ވެސް ދެމެހެއްޓި
އޮލިމްޕިކްސްގެ މެރެތަންގައި ކިޕްޗޯގީގެ ދުވަހެއް ނޫން، 10 ކިލޯމީޓަރަށް ފަހު ރޭސް ދޫކޮށްލި
މިއަދު އޮތް ޕެރިސް އޮލިމްޕިކްސްގެ މެރެތަންގައި އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން އެލޫޑް ކިޕްޗޯގީއަށް ރޭސް ނުނިންމި ހިތްދަތިކަމާ ކުރިމަތިވި އިރު އޮލިމްޕިކްސްގެ އާ ރެކޯޑަކާ އެކު އިތިއޮޕިއާގެ ޓަމިރާތު ޓޯލާ ރަން މެޑެލް ހޯދައިފި އެވެ.
އޮލިމްޕިކްސްގެ ވެސް އެންމެ މުހިންމު އިވެންޓް ކަމަށް ބެލެވޭ މެރެތަން 32 އަހަރުގެ ދުވުންތެރިޔާ ނިންމީ ދެ ގަޑި ހަ މިނިޓް 26 ސިކުންތުންނެވެ. މިއީ 2008ގެ އޮލިމްޕިކްސްގައި ކެންޔާގެ ސެމުއެލް ވަންޖިރޫ ހެދި ރެކޯޑަށް ވުރެ ހަ ސިކުންތު އަވަސް ނިންމުމެކެވެ.
ޓޯލާގެ ފަހަތުން ދެވަނަ ހޯދީ ބެލްޖިއަމްގެ ބަޝީރު އަބްދީ (2:06.47) އެވެ. ލޯ މެޑެލް ކާމިޔާބުކުރީ 2:07:00 އިން ނިންމި ކެންޔާގެ ބެންސަން ކިޕްރުޓޯ އެވެ.
ޓޯލާގެ މި ކާމިޔާބީ އެހެން ގޮތަކުން ވެސް ފާހަގަކުރެވެ އެވެ. އޭނާއަށް ރޭހުގައި ބައިވެރިވެވުނީ ވެސް ދެ ހަފުތާއަށް ވެފައި އޮއްވަ އެވެ. އެއީ އިތިއޮޕިއާގެ އެހެން ދުވުންތެރިއެއް ކަމަށްވާ ސިސޭ ލެމާއަށް އަނިޔާވުމުގެ ސަބަބުން ލިބުނު ފުރުސަތެކެވެ.
ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު މެރެތަން ދުވުންތެރިޔާ 39 އަހަރުގެ ކިޕްޗޯގީއަށް ރޭހުގެ ކުރީކޮޅު ދިމާވި މައްސަލަތަކާ އެކު 10 ކިލޯމީޓަރަށް ފަހު އޭނާ ވަނީ ރޭސް ދޫކޮށްލައިފަ އެވެ. އޭގެ އިތުރު ތަފްސީލު އަދި ނުލިބެ އެވެ.