ނެދަލެންޑްސްގެ ދުވުންތެރިޔާ ސިފާން ހަސަން: މިއީ އާދަޔާ ހިލާފު ދުވުންތެރިއެއް
އޮލިމްޕިކްސްގެ އާދަޔާ ހިލާފު: ހަތަރު ރޭހުގެ ބަދަލުގައި ސިފާން ދުވާނީ ތިން ރޭހުގައި
ނެދަލެންޑްސްގެ ދުވުންތެރިޔާ ސިފާން ހަސަންއަކީ އާދަޔާ ހިލާފު އެތުލީޓެއްކަން 2021ގެ އޮލިމްޕިކްސްގައި ވެސް އޮތީ ސާބިތުކޮށްދީފަ އެވެ. އެފަހަރު އަންހެނުންގެ 5000 އާއި 10000 މީޓަރުގެ ރޭހުން ރަން މެޑެލް ހޯދި އެވެ. ދެން ވާދަކުރި 1500 މީޓަރުން ލޯ މެޑެއްޔެވެ.
ޕެރިސް އޮލިމްޕިކްސްގައި އުމުރުން 31 އަހަރުގެ ދުވުންތެރިޔާ ވަނީ އެ ތިން ދުވުމުގެ އިތުރުން މެރެތަންއަށް ވެސް ކޮލިފައިވެފަ އެވެ.
ސިފާން ބުނި ގޮތުގައި 1500 މީޓަރުގެ ރޭހުގައި މިފަހަރު ވާދަނުކުރަން އޭނާ ވަނީ ނިންމައިފަ އެވެ. އެހެންކަމުން އޭނާގެ އަމާޒަކަށް އޮންނާނީ ޓޯކިޔޯ އޮލިމްޕިކްސްގައި ހޯދި ދެ ރަން މެޑެލް ދިފާއުކުރުމުގައި މެރެތަން އިން ވެސް ރަން މެޑެއްޔަށް ވާދަކުރުމެވެ.
"ބައެއް ފަހަރަށް ބިރުގަނެފައި ހުރުމަކީ ރަނގަޅެއް... އަހަންނަށް މާ ރަނގަޅަށް ދުވެވޭ،" ސިފާން ބުންޏެވެ.
"ފަހަރެއްގައި މި ހުރިހާ ކަމެއް ވެސް ވަރަށް ރީތިކޮށް ނިމިދާނެ."
އަންހެނުންގެ 1500 މީޓަރުގައި މި ވަގުތު ދުނިޔޭގައި ހުރި އެންމެ ވަރުގަދަ ދުވުންތެރިޔަކީ ކެންޔާގެ ފައިތު ކިޕްޔެގޮން އެވެ. އޭނާއަކީ 2016 އާއި 2021ގެ އޮލިމްޕިކްސްގައި ވެސް އެ ރޭހުން ރަން މެޑެލް ހޯދި ދުވުންތެރިޔާ އެވެ. އަދި މިފަހަރު ކޮލިފައިވި އިރު ދުނިޔޭގެ ރެކޯޑް ވެސް އޮތީ އޭނާގެ އަތުގަ އެވެ.
މުބާރާތުގެ 5000 މީޓަރުގައި ވެސް ސިފާންއާ އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނީ ކިޕްޔެގޮންގެ އެވެ. މި ދުވުމުގައި ވެސް އަންހެނުންގެ ދުނިޔޭގެ ރެކޯޑް އޮތީ އޭނާގެ އަތުގަ އެވެ. އެހެންކަމުން ސިފާންއަށް ރަން މެޑެލް ދިފާއުކުރަން ފަސޭހައެއް ނުވާނެ އެވެ.
ދުވުމަށް ލޯބިކުރާ މީހުންގެ މެދުގައި އޮތް ޝައުގުވެރިކަމަކީ އޮލިމްޕިކްސްގެ ވަރުގަދަ ތިން ރޭހެއްގައި ސިފާން ދުވުމެވެ. އެއީ އޭނާގެ ހިތްވަރުގަދަކަމާއި ކެރޭކަމުގެ ހެއްކެކެވެ.