އޮލިމްޕިކްސްގެ ރާޅާއެޅުމުގައި ބްެރެލްޒިލްގެ ގެބްރީލް މެޑީނާއަށް އެންމެ މަތިން ޕޮއިންޓް ލިބުމުން އުފާ ފާޅުކުރަން ފުންމައިގެން އެރި ވަގުތު ނެގި ފޮޓޯއެއް: މިއީ ޕެރިސް އޮލިމްޕިކްސްގައި މިހާތަނަށް އެންމެ ހިތްގައިމު ފޮޓޯ

ޕެރިސް 2024

ބްރެޒިލްގެ ރާޅާއެޅުންތެރިޔާގެ މި ފޮޓޯއަކީ ޕެރިސް އޮލިމްޕިކްސްގެ އެންމެ ރީތި ފޮޓޯއަށް ވެދާނެ

ގެބްރީލް މެޑީނާ ބޮޑު ރާޅެއްގައި އަޅާލި ގޮތް ފުރިހަމަވެގެން އޭނާއަށް ލިބުނީ 10 އިން 9.9 ޕޮއިންޓް. އުފާ ފާޅުކުރަން ކަނދާ އެކު މައްޗަށް ފުންމާލި މަންޒަރުގެ ފޮޓޯ ވަނީ ވައިރަލްވެފައި
31 ޖުލައި 2024

މިދިއަ ހޯމަދުވަހު ބްރެޒިލްގެ ރާޅާއެޅުންތެރިޔާ ގެބްރީލް މެޑީނާއަށް ލިބުނު ބިޔަ ރާޅުގައި އޭނާ ދެއްކި ހުނަރު ފުރިހަމަކަމުން ފަނޑިޔާރުން 10 އިން 9.9 ދިނެވެ. އެ ރާޅުގެ ހޮޅި ތެރެއިން ނުކުމެ އުފާ ފާޅުކުރަން މައްޗަށް ފުންމައިގެން އެރިތަނުގެ ފޮޓޯ މިހާރު އެ އަންނަނީ ސޯޝަލް މީޑިއާގައި ވައިރަލްވަމުންނެވެ.

ރާޅުގެ ހޮޅ ތެރެއިން ނުކުތް ވަގުތު ފްރާންސްގެ ފޮޓޯގްރާފަރު ޖެރޯމް ބްރުލެޓް، ރާޅު ނިމޭ ކޮޅުގައި، ލޯންޗުގައި ހުރީ ތައްޔާރުވެގެންނެވެ. އޭނާއަށް 10 އިން 10 ލިބޭނެކަން ކަށަވަރުކޮށް މެޑީނާ ފުންމައިގެން އަރާ އިނގިލިން އިޝާރަތްކޮށްލީ 'އެކެއް' ކަމަށް ބުނަމުންނެވެ.

އޮލިމްޕިކްސްގައި މިހާތަނަށް ރާޅެއް އަޅައިގެން 10 އިން 9.9 ވެސް ލިބިފައެއް ނުވެ އެވެ. އެހެންކަމުން މިހާރު ވެސް އެއީ ރެކޯޑް މިންވަރެކެވެ.

އޮލިމްޕިކްސްގެ ރާޅާއެޅުމުގައި މެޑީނާއަށް މި ރާޅު އެޅިލެއް ފުރިހަމަކަމުން 10 އިން 9.9 ލިބުނު

"އަހަންނަށް އިހުސާސްކުރެވުނީ އެއީ 10 އިން 10އެއް ކަމަށް. މީގެ ކުރިން ވެސް އަހަރެން ހުންނާނީ 10އިން ޕޮއިންޓް ހޯދާފައި. އެއީ ވަރަށް ހިތްގައިމު ރާޅެއް،" މެޑީނާ ބުންޏެވެ.

އެކަމަކު އޭނާ ބުނި ގޮތުގައި ރާޅުގެ ހޮޅި ހަނިކަމުން އެއީ ނުރައްކާތެރި ވެސް ވަގުތުކޮޅެކެވެ.

ބްރުލެޓްއަށް މެޑީނާއަކީ އާ މީހެއް ނޫނެވެ. އޭނާ ސްޓައިލް އެނގެ އެވެ. އެހެންކަމުން އެ ވަގުތު ރާޅާއެޅުންތެރިޔާ ކޮންމެވެސް ހަރަކާތެއް ކުރާނެކަން ޔަގީންވެ، އޭނާ ހުރީ ތައްޔާރުވެގެންނެވެ. ލޯންޗުގައި އެހެން ފޮޓޯގްރާފަރުން ވެސް މެޑީނާ ހަދާނެ ގޮތަކަށް ސަމާލުވި އެވެ.

އޮލިމްޕިކްސްގެ ރާޅާއެޅުން އޮންނަނީ ފްރާންސްއާ 16،000 ކިލޯމީޓަރު ދުރުގައި އޮންނަ ޓަހިޓީގަ އެވެ. މިއީ ފްރާންސްގެ ދަށުގައި އޮންނަ ރަށެކެވެ. އޮލިމްޕިކްސްގެ ތާރީހުގައި ވެސް އެ ގޭމްސްގެ އިވެންޓެއް މުބާރާތް ބާއްވާ ގައުމާ އެހާ ދުރުގައި މީގެ ކުރިން ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

މެޑީނާގެ އެ ފޮޓޯ އެހާ ބޮޑަށް ވައިރަލް ވެދާނެ ކަމަކަށް ބްރުލެޓަށް ހީކުރެވިފައެއް ވެސް ނެތެވެ. އެ ފޮޓޯ މެޑީނާގެ އިންސްޓްގްރާމްގައި ޖެހުމުން އެއަށް ވެސް މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބިފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް