އޮލިމްޕިކްސްގެ ފެންސިންގައި މިސްރު ތަމްސީލްކުރި ނަދާ ހާފިޒް: އޭނާ ވާދަކުރީ ބަނޑަށް ހަތް މަހުގައި
ބަނޑަށް ހަތް މަހުގައި މިސްރުގެ އެތުލީޓަކު އޮލިމްޕިކްސްގައި ވާދަކޮށްފި
"އެންމެންނަށް ވެސް ފެންނާނީ ދެ ކުޅުންތެރިން. އެކަމަކު ހަގީގަތުގައި މިއީ ތިން ކުޅުންތެރިންގެ ވާދަކުރުމެއް،" އޮލިމްޕިކްސްގެ ފެންސިންގައި ވާދަކުރި މިސްރުގެ ނަދާ ހާފިޒް ބުންޏެވެ.
"އެއީ އަހަންނާއި އަހަންނާ ވާދަކުރި އެތުލީޓު އަދި އަހަރެމެންގެ ދުނިޔެއަށް އަންނަން ތައްޔާރުވެފައި އޮތް ތުއްތު ދަރިފުޅު."
އުމުރުން 26 އަހަރުގެ ނަދާ ފެންސިންގެ އަންހެނުންގެ ބައިގެ ފުރަތަމަ މެޗުން މޮޅުވި އެވެ. އޭނާ މުބާރާތުން ކެޓީ ގަދަ 16ގަ އެވެ. އޮލިމްޕިކްސްގައި ވާދަކުރީ ބަނޑަށް ހަތް މަހުގަ އެވެ.
މިއީ ނަދާގެ ތިން ވަނަ އޮލިމްޕިކްސް އެވެ. އޭނާ ބުނީ މާބަނޑުވެ އިނދެ ފެންސިން ކޯޓަށް އޭނާއަށް އެރުނީތީ ވެސް ފަހުރުވެރިވާ ކަމަށެވެ.
"ޖަޒުބާތީ ގޮތުން ވެސް އަދި ޖިސްމާނީ ގޮތުން ވެސް މި ވާދަކުރުމުގައި އަހަންނާއި އަހަރެންގެ ދަރިފުޅު އެއްވަރަކަށް ހިއްސާވޭ،" ނަދާ ބުންޏެވެ.
ބަލިވެ އިނުމަކީ، އޭނާ ބުނި ގޮތުގައި، ވަރަށް ބޮޑު ދަތުރެކެވެ. ހާއްސަކޮށް ބަލިވެ އިނދެ ކުޅިވަރުގައި ކުރިއަށް ދިއުމެވެ. ނަމަވެސް އެ ދެ ކަން ވެސް އަމިއްލައަށް ބެލެހެއްޓުނުކަމުގެ އުފާ އޮތް ކަމަށް ބުންޏެވެ.
"އަހަރެންގެ ނަސީބު ރަނގަޅު އިތުބާރުކުރެވޭ ފިރިއަކު ލިބުމާއި އާއިލާގެ އެހީތެރިކަން ވެސް އޮތުމުން. މިހާ ހިސާބަށް މި އާދެވުނީ އެހެންވެ،" މިސްރުގެ ގާހިރާއަށް ނިސްބަތްވާ ނަދާ ބުންޏެވެ.
އޮލިމްޕިކްސްއަކީ މިކަހަލަ ވަރަށް ތަފާތު ކަންކަމުން ފުރިގެންވީ ކުޅިވަރުގެ ވާދަކުރުމެކެވެ. ޕެރިހުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރުގެ އެއްވުމުގައި މިފަހަރު 10،000 އެތުލީޓުން ތަމްސީލުކުރެ އެވެ.