ޕެރިހުގެ މަޝްހޫރު ސެން ކޯރު: މާދަމާ ރޭ ގާތްގަނޑަކަށް 10،000 އެތުލީޓުން މި ކޯރުގައި ދަތުރުކުރާނެ

ޕެރިސް 2024

އޮލިމްޕިކްސް ހުޅުވާނީ މީގެ ކުރިން ފެނިފައިނުވާ ތަފާތު މަންޒަރުތަކަކުން

ޕެރިހުގެ ތެރެއިން ދެމިފައި އޮންނަ ސެން ކޯރުގެ ހަ ކިލޯމީޓަރަށް ޓީމުތައް ގެންދާނީ 100 ވަރަކަށް ބޯޓުގައި
25 ޖުލައި 2024

ހިޔާލަށް ގެނެސްބަލާށެވެ. ޕެރިހުގެ މަޝްހޫރު ކޯރު ސެންގައި 100 އަށް ވުރެ ގިނަ ބޯޓު، އެއް ފަހަރާ، ސަފުސަފަށް، ގާތްގަނޑަކަށް ހަ ކިލޯމީޓަރަށް، ދުއްވާފައި ދާ ތަނެވެ. އެ ބޯޓު ފަހަރުގައި 10،000އަށް ވުރެ ގިނަ އެތުލީޓުން، އެ މީހުން ނިސްބަތްވާ ގައުމުތަކުގެ ދިދަތައް ހިފައިގެންނެވެ.

މިއީ މާދަމާ ރޭ ފްރާންސްގައި ފަށާ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ފެންނާނެ މަންޒަރެކެވެ. މިއީ ސްޓޭޑިއަމެއްގައި ނޫން ގޮތަކަށް އޮލިމްޕިކް ގޭމްސްގެ ހުޅުވުން ބާއްވާ ފުރަތަމަ ފަހަރު ވެސް މެ އެވެ. ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ފެންނާނީ މީގެ ކުރިން ފެނިފައި ނުވާނެ ފަދަ މަންޒަރުތަކެކެވެ.

މި ބޯޓުތަކުގައި އެތުލީޓުންގެ އިތުރުން ޝަރަފުވެރި އެތައް ބަޔަކު ވެސް ހިމެނޭނެ އެވެ. ޕެރިހުގެ މަޝްހޫރު އެތައް ތަނެއް، މި ރަސްމިއްޔާތުގެ ތެރެއިން، ކޯރުގެ އެކި ދިމަދިމާލުން ފެންނާނެ އެވެ.

އޮލިމްޕިކް ގޭމްސްއަށް ޕެރިސް ތައްޔާރުވެފައި

އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެކި އިވެންޓްތައް ހުށަހަޅައިދޭ ފަންނާނުން ވަނީ ސިއްރުކޮށްފަ އެވެ. އެހެންކަމުން އެ މީހުން ހާމަވާނީ ވެސް މި ފުރިހަމަ ރަސްމިއްޔާތުގެ ތެރެއިންނެވެ.

ކުރިން ނަމަ އޮލިމްޕިކް ގޭމްސް ހުޅުވާ ރަސްމިއްޔާތު ހަމަ ލޮލުން ބަލަން ވަދެވޭނީ ގާތްގަނޑަކަށް 80،000 މީހުންނަށެވެ. ނަމަވެސް ސެން ކޯރުގެ ދިގު ރާސްތާއަކަށް ފެތުރިގެން ދާއިރު، ކޯރުގެ އައްސޭރި ފަށުގައި ތިބެގެން ވެސް އެތައް ލައްކަ ބަޔަކަށް މި މަންޒަރު ފެންނާނެ އެވެ.

"ފްރާންސް ނިސްބަތްވާ ހުރިހާ ކަމެއް ދައްކާލަން ބޭނުން،" ހުޅުވުމުގެ ރަސްމިއްޔާތުގެ އާޓިސްޓިކް ޑައިރެކްޓަރު އަދި ފްރާންސްގެ އެކްޓަރެއް ކަމަށްވާ ތޯމަސް ޖޮލީ ބުންޏެވެ.

"ފްރާންސްގެ ތާރީހީ ސިފަތަކާއި، މި ގައުމަކީ ކިހާ މަސްހުނި ސަގާފަތެއް އޮތް ތަނެއްކަން، މިކަހަލަ ހުރިހާ މުއްސަނދި ކަމެއް މި ރަސްމިއްޔާތުގެ ތެރެއިން ދައްކާލުން ބޭނުމަކީ. މިއީ އެތައް ބައެއްގެ ރޫހު އާލާކޮށްދޭނެ ތަމްސީލުކޮށްލުމަކަށް އަސްލު ވާނީ."

މާދަމާ ރޭ ރާއްޖޭ ގަޑިން 1030ގައި ފަށާ ރަސްމިއްޔާތުގެ ގިނަ ކަންކަން އޮތީ ސިއްރެއްގެ ގޮތުގަ އެވެ. މި ހަރަކާތް ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ދެމިގެންދާނެ ކަމަށް ބެލެވެ އެވެ. ރަސްމިއްޔާތުގެ ފަހު ބައި ކުރިއަށް ދާނީ ޕެރިހަށް އިރުއޮއްސޭ ވަގުތާ ދިމާވާ ގޮތަށެވެ.

އޮލިމްޕިކް ގޭމްސް ހުޅުވާއިރު އެންމެ ފުރަތަމަ ތައާރަފުކުރާނީ، އޮލިމްޕިކްސް އުފެދުނު ގައުމު ކަމަށްވާ ގްރީސް އެވެ. މިފަހަރު ވެސް އެކަން އޮންނާނީ އެގޮތަށެވެ. ދެވަނައަށް ތައާރަފުކުރާނީ ރެފިއުޖީންގެ މައްޗަށް އެކުލެވޭ ކޮންޓިންޖެންޓެވެ. ބާއްވާ ގައުމު ފްރާންސްގެ ތައާރަފު އޮންނާނީ އެންމެ ފަހުންނެވެ.

ޔުކްރެއިންއަށް ރަޝިޔާއިން އަރައިގަނެ ހިންގާ ހަނގުރާމައާ ގުޅިގެން ރަޝިޔާ އާއި ބެލަރޫސް މިފަހަރު ބައިވެރިއެއް ނުކުރެ އެވެ. އެކަމަކު އެ ދެ ގައުމުގެ އެތުލީޓުން އަމިއްލަ ގޮތުން ވާދަކުރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް