ރާއްޖޭގައި 2021ގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ތެރޭގައި އޭރުގެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: އެ މުބާރާތުގެ ފައިސާ އިނާމު ވެސް ޓީމުތަކަށް ނުދޭކަމުގެ ޝަކުވާ އެބަ އޮތް

އެފްއޭއެމް

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއަށް އޮތީ ބޮޑެތި ޒިންމާތަކެއް

ފީފާ އާއި އޭއެފްސީން އެފްއޭއެމަށް ދިން ފައިސާގެ ތެރެއިން އެއްވެސް އެއްޗެއް ގެއްލިފައިވާ ނަމަ އެ ހޯދުމަކީ އާ ކޮމިޓީން ކުރަން ޖެހޭ އެއް މަސައްކަތް
24 ޖުލައި 2024

އެފްއޭއެމް ވަގުތީ ގޮތުން ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން އިއްޔެ ފީފާއިން ނިންމި ނިންމުމާ އެކު އެ ކޮމިޓީން ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑެވެ. އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ރިޔާސަތުގައި އެ އިދާރާއިން އެއްވެސް ފައިސާއެއް ގެއްލިފައިވާ ނަމަ އެ ހޯދުމަކީ ކޮމިޓީގެ އެއް ޒިންމާ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލާނީ ފުޓްބޯޅަ އާއި ހިންގުމުގެ ތަޖުރިބާ ހުރި ދިވެހިންގެ މައްޗަށެވެ. ފީފާއިން މިހާރު ވަނީ އޭގެ ލިސްޓެއް ހޯދައިފަ އެވެ. އިއްޔެ ނެރުނު ބަޔާނެއްގައި ފީފާއިން ބުނީ ކޮމިޓީއަށް ލާ މީހުންގެ ގާބިލްކަން ފީފާގެ ރިވިއު ކޮމިޓީން ބަލާނެ ކަމަށެވެ.

އެފްއޭއެމްގައި ވެސް މަސައްކަތްކުރި ބައެއް މީހުން ބުނީ ބައްސާމް އާއި އެފްއޭއެމްއާ ގުޅުން ހުރި ބައެއް މީހުން އެ އިދާރާގެ ފައިސާގައި ޖެހިފައި ހުރި މިންވަރު ބަލައި، އެ ފައިސާ ހޯދުމަކީ ކޮމިޓީއަށް އެންމެ ބޮޑު ގޮންޖެހުމަށް ވާނެ ކަމަށެވެ.

"ވަރަށް ބޮޑު މަސައްކަތެއް އެއީ. އެކަމަކު ފީފާއިން އަންގާ ގޮތަކަށް އެކަން ކުރަން ވެސް ޖެހޭނެ،" މި ހާލަތުގެ ގޮތުން ނަން ޖަހައިގެން ވާހަކަ ދައްކަން ބޭނުންނުވާ ފުޓްބޯޅައިގެ ތަޖުރިބާކާރަކު ބުންޏެވެ.

އެފްއޭއެމްގެ ކުރީގެ ވެރިން: އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލް (މ) އާއި ނައިބު ރައީސް އަލީ އުމަރު (ކ) އަދި ސެކްރެޓަރީ ޖެނެރަލް ހުސެއިން ޖަވާޒު (ދައުރު ފޮޓޯ/ހުސެއިން ސުނޭން)

ފީފާ އާއި އޭއެފްސީން އެފްއޭއެމަށް ދިން އެތައް މިލިއަން ޑޮލަރެއް އަމިއްލަ ކަންކަމުގައި ބައްސާމް ބޭނުންކުރެއްވިކަމުގެ ތުހުމަތު ވަނީ އެޅިފަ އެވެ. އެ ތުހުމަތުތަކާ ގުޅިގެން ފީފާ އިން ވަނީ ނުވަ މަސްދުވަހަށް އޭނާ ފުޓްބޯޅައިން ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި ބައްސާމްގެ މައްޗަށް މިހާރު ވެސް ދެ ދައުވާއެއްގެ ޝަރީއަތް ކުރިއަށް އެބަ ދެ އެވެ.

އެފްއޭމުން ރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެފްއޭއެމްގެ އެއްވެސް ފައިސާއެއް ގެއްލިފައިވާ ނަމަ އެ އެއްޗެއް ހޯދަން "ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރުމަކީ" ކޮމިޓީގެ އެއް މަސްއޫލިއްޔަތެވެ.

އޭގެ އިތުރުން "ފީފާއިން އައްޔަންކޮށްފައިވާ އެކްސްޓާނަލް ފައިނޭންޝަލް ކޮންސަލްޓަންޓާ ގުޅިގެން އެފްްއޭއެމްގެ ދަރަނިތައް ރީސްޓްރަކްޗާ ކުރުން" ވެސް، އާ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެފްއޭއެމްގެ ދަރަނި 100 މިލިއަން ރުފިޔާއާ ކައިރިކުރާނެ ކަމަށް، މައުލޫމާތު ހުރި ބައެއް ފަރާތްތަކުން، ބުނެ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމްގެ އާ އިންތިހާބު ވެސް ބާއްވަން ޖެހޭނެ އެވެ. ކޮމިޓީގެ މުއްދަތަކީ 31 ޖުލައި 2025 އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް