ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލްގައި ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ އެތުލެޓީކޯ މެޑްރިޑްގެ ގޯލަށް ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
މެންޗެސްޓަ ސިޓީ ދޫކޮށްލާކަށް ޑިބްރޭނާ ނޫޅޭ: ގާޑިއޯލާ
މެންޗެސްޓަ ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކެވިން ޑިބްރޭނާ އެ ކްލަބް ދޫކޮށް ސައުދީ ލީގަށް ބަދަލުވާން އުޅޭކަމަށް ފެތުރެމުން ދާ ރިޕޯޓްތައް ކޯޗު ޕެޕް ގާޑިއޯލާ ދޮގުކޮށްފި އެވެ.
މިދިއަ ހަތަރު އަހަރު އިނގިރޭސި ލީގުގެ ޗެމްޕިއަންއާ އެކު ޑިބްރޭނާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި އެއް އަހަރު އެބަ އޮތެވެ.
މިދިއަ މަހު އޭނާ ބުނެފައި ވަނީ ސައުދީ އަރަބިއްޔާއިން ލިބުނު ހުށައެޅުމަކާ މެދު އޭނާ ވިސްނާނެ ކަމަށެވެ. އޭގެ ސަބަބަކީ ލިބެން ހުރި ފައިސާ ގިނަވުން ކަމަށް ވެސް ބުންޏެވެ.
އެކަމަކު އެ ވާހަކަތަކާ މެދު ގާޑިއޯލާގެ ކަންބޮޑުވުމެއް ނެތެވެ.
"ކެވިން ނޫޅޭ ދާކަށެއް،" އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ގޮސް ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ.
އޭނާގެ ވާހަކަތަކަށް ބަލާއިރު ބޮޑަށް ވައްތަރީ މިދިއަ ސީޒަންގައި ސިޓީގައި އޮތް ސްކޮޑަށް ބަދަލެއް ނާންނާނެ ކަމެވެ.
"އެއްވެސް މީހަކު ކްލަބް ދޫކޮށް ދާން އުޅޭ ނަމަ އަހަރެމެން އެމީހަކާ ވާހަކަ ދައްކާނަން. [ޓްރާންސްފާގެ] އެންމެ ފަހު ދުވަހާ ހަމައަށް އަހަރެމެންނަށް ވެސް ފުރުސަތު އޮންނާނެ،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އާ ކުޅުންތެރިޔަކު ކްލަބާ ނުގުޅޭނެއޭ ބުނާކަށް ނޭނގެ އެވެ. ނަމަވެސް މިދިއަ ސީޒަންގައި ބޭނުންކުރި ސްކޮޑް އެކުގައި ތިބުމުގެ 85 ،90، %95 ފުރުސަތު އެބަ އޮތް ކަމަށް ބުންޏެވެ.