ފްރާންސް އާއި ޕީއެސްޖީގެ ކުރީގެ ތަރި ކީލިއަން އެމްބާޕޭ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑްއާ ގުޅި، ސަޕޯޓަރުންނަށް ތައާރަފުވަނީ

ރެއާލްގައި އެމްބާޕޭގެ ނަންބަރަކީ 9، މަރުހަބާ ކިޔަން 80،000 މީހުން

ކުރީގެ ޕީއެސްޖީގެ ތަރި އަދި ފްރާންސްގެ ކެޕްޓަން ބުނީ މިއީ އެތައް ރެއަކު ދުށް ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް
17 ޖުލައި 2024

"ރެއާލް މެޑްރިޑަށް ކުޅުމަކީ އެތައް ރެއަކު އަހަރެން ދެކެމުން އައި ހުވަފެނެއް،" ރެއާލް މެޑްރިޑްގެ ރަސްމީ ދަނޑު ބެރްނެބެއުގައި އޮތް ހާއްސަ ރަސްމިއްޔާތުގައި ކީލިއަން އެމްބާޕޭ ބުންޏެވެ.

ޕީއެސްޖީ ދޫކޮށް ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ސޮއިކުރި ކުޅުންތެރިޔާ ރަސްމީކޮށް ޖާޒީއާ ހަވާލުވުމާއި ސަޕޯޓަރުންނަށް ދައްކާލަން އޮތް ރަސްމިއްޔާތަށް 80،000 މީހުން ވަދެ، ދަނޑު އޮތީ ފުރާލައިފަ އެވެ. ރެއާލްގައި އެމްބާޕޭ ކުޅޭނީ ޖާޒީ ނަމްބަރު 9 އެއްގަ އެވެ.

"މި ހުވަފެން ހަގީގަތަކަށް ވުމުން އަހަރެން މި ހުރީ ވަރަށް އުފަލުން،" އެމްބާޕޭ ބުންޏެވެ.

އެމްބާޕޭއަށް އޮތް ރަސްމިއްޔާތުގައި ރެއާލްގެ ދަނޑަށް ނުކުންނަނީ 

އުމުރުން 25 އަހަރުގެ ފޯވަޑަށް ހާއްސަ ރަސްމިއްޔާތު އިއްޔެއަށް ފަސްކުރީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސްއަށް ކުޅެން ޖެހުމުންނެވެ. ފްރާންސް ކެޓީ ސެމީ ފައިނަލްގައި ސްޕެއިން އަތުން 2-1 އިން ބަލިވެގެންނެވެ.

އެމްބާޕޭ ބުނީ އޭނާއަކީ ރެއާލްގެ ކުޅުންތެރިޔަކަށް މިހާރު ވެއްޖެ ކަމަށެވެ. އެ ޝަރަފް ހޯދުމުގެ ހުވަފެން އޭނާ ދެކެން ފެށީ ކުޑައިރު ކަމަށް ވެސް ބުންޏެވެ.

"މިއީ އަހަންނަށް ވަރަށް އާދަޔާ ހިލާފު ދުވަހެއް،" ސްޕެއިން ބަހުން ވާހަކަ ދައްކަމުން އެމްބާޕޭ ބުންޏެވެ.

ރެއާލްއާ އެކު 2029އާ ހަމައަށް ހެދި އެއްބަސްވުމުގެ ދަށުން އޭނާއަށް އަހަރަކު 16 މިލިއަން ޑޮލަރު (246 މިލިއަން ރުފިޔާ)ގެ މުސާރައެއް ލިބޭނެ އެވެ. އޭގެ އިތުރުން ސޮއިކުރުމުގެ ބޯނަސްއަކަށް 160 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ)، ފަސް އަހަރަށް ބަހާލައިގެން ވެސް ދޭ ގޮތަށް ވަނީ އެއްބަސްވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް