އިންގްލެންޑްގެ ގައުމީ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް

ފުޓްބޯޅަ

އިންގްލެންޑްގެ ކޯޗު ސައުތުގޭޓް އިސްތިއުފާ ދީފި

ޖެހިޖެހިގެން ޔޫރޯގެ ދެ ފައިނަލްގައި އިންގްލެންޑް ކުޅުނު ނަމަވެސް ސައުތުގޭޓްއަށް ކުރިމަތިވެފައި އޮތް ފާޑުކިޔުންތައް ބޮޑު
16 ޖުލައި 2024

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ސްޕެއިން އަތުން 2-1އިން އިންގްލެންޑް ބަލިވިތާ ދެ ދުވަހުގެ ތެރޭގައި ކޯޗުކަމުން ގެރެތު ސައުތުގޭޓް އިސްތިއުފާ ދީފި އެވެ.

މުބާރާތުގެ ކުރީކޮޅު އިންގްލެންޑް ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކާ ވެސް ކުރިމަތިވި ސައުތުގޭޓް، 53، އިސްތިއުފާ ދިންއިރު އޭނާގެ އެއްބަސްވުން ހަމަވާނީ މި އަހަރުގެ ފަހުކޮޅެވެ.

"އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެ އަދި ކޯޗެއްގެ ގޮތުން މަސައްކަތްކުރެވުނީތީ އެހާމެ ފަހުރުވެރިވަން،" ސައުތުގޭޓް ބުންޏެވެ. 

އޭނާ ބުނީ މިއީ އާ ޗެޕްޓާއެއް ފަށަން ބަދަލެއް ބޭނުންވާ ވަގުތެއް ކަމަށެވެ.

ޔޫރޯގައި ސްލޮވޭނިއާއާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުގައި ކެޕްޓަން ހެރީ ކޭންއަށް ސައުތުގޭޓް އިރުޝާދުދެނީ

ސައުތުގޭޓްއަށް ކުރިމަތިވި އެންމެ ބޮޑު ފާޑުކިޔުމަކީ ހުނަރުވެރި އެތައް ކުޅުންތެރިންނެއް ލިބިފައި އޮއްވާ ވެސް އެ ފެންވަރުގެ ކުޅުމެއް އިންގްލެންޑަށް ދެއްކޭ ގޮތް ނުވުމެވެ. ނަމަވެސް މިއީ 1966ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން މިހާތަނަށް އިންގްލެންޑް ދުށް އެންމެ ކާމިޔާބު ކޯޗެވެ. މި އަހަރުގެ ޔޫރޯ ފައިނަލްގެ އިތުރުން 2021ގެ ޔޫރޯގެ ފައިނަލްގައި ވެސް އިންގްލެންޑް ކުޅުނެވެ. އޭގެ އިތުރުން 2018ގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އަދި 2022ގެ ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލަށް އިންގްލެންޑް ދިޔައީ ވެސް އޭނާގެ ކޯޗުކަމުގެ ދަށުންނެވެ.

އިންގްލެންޑްގެ ގައުމީ ޓީމަށް 53 މެޗު ކުޅެފައިވާ ދިފާއީ ކުޅުންތެރިޔާ އިންގްލެންޑްގެ ކޯޗުކަމުގެ މަގާމުގައި އަށް އަހަރު ހޭދަކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް