ސްޕެއިންގެ ލަމީން ޔަމާލް ގޯލު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ: އެންމެ 16 އަހަރުގައި ތަފާތު ރެކޯޑްތައް އަންނަނީ ހަދަމުން

ޔޫރޯ 2024

ސްޕެއިންގެ ކުޑަކުއްޖާ ހަމަ މޮޅީ؛ ލަނޑާ އެކު ޔަމާލް ތާރީހުގެ ތެރެއަށް، ސްޕެއިން ފައިނަލަށް

ޔޫރޯ 2024ގެ ސެމީގައި ސްޕެއިނުން ފަހަތުން އަރައި 2-1 އިން ފްރާންސް ބަލިކުރި މެޗުގައި ސްޕެއިންގެ އުމުރުން 16 އަހަރުގެ ލަމީން ޔަމާލް ވީ ޔޫރޯގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށް
10 ޖުލައި 2024

މެޗުގެ އަށް ވަނަ މިނެޓުގައި ފްރާންސުން ގޯލެއް ޖެހުމާ އެކު އެންމެ މެޗަކުން ވެސް ބަލިނުވެ ޔޫރޯ 2024ގެ ސެމީއަށް ދަތުރުކުރި ސްޕެއިންގެ ދުވަސް އެ ދިޔައީ ކަމަށް އެ ވަގުތު ހީވެދާނެ އެވެ. ނަމަވެސް އެ ގޯލަށް ޖަވާބުދާރީވާން ސްޕެއިންއަށް މާ ގިނަ އިރެއް ނުނަގަ އެވެ.

ކޯލޯ މުއާނީގެ އެ ގޯލަށް ފަހިވީ ޔޫރޯގެ ފުރަތަމަ މެޗުގައި ނޭފަތަށް ލިބުނު އަނިޔާއަކާ ގުޅިގެން ފޯމު ގެއްލިފައި ހުރި ކެޕްޓަން ކީލިއަން އެމްބާޕޭ ނަގައިދިން ހުރަހަކުންނެވެ.

އެމްބާޕޭގެ ހުރަހަކުން ކޯލޯ މުއާނީގެ ގޯލުން ފްރާންސަށް އަވަސް ލީޑެއް ލިބުނު

މެޗުގެ 21 ވަނަ މިނެޓުގައި ސްޕެއިންގެ އުމުރުން 16 އަހަރުގެ ލަމީން ޔަމާލް، ފްރާންސްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. އެއީ އަހަރުތަކަކަށް ރީޕްލޭ ދައްކާނެ ފަދަ މޮޅު، ރީތި ލަނޑެކެވެ.

އެ ލަނޑާ އެކު ޔަމާލް ވަނީ ޔޫރޯ މުބާރާތެއްގައި ގޯލެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގައި ތާރީހަށް ވަދެފަ އެވެ. މުބާރާތުގައި އޭނާ ޖެހި ފުރަތަމަ ލަނޑު، ފައިނަލަށް މެޗަށް ފަސްވި ނަމަ 16 އަހަރުގައި ލަނޑު ޖެހުމުގެ ޝަރަފެއް ނުލިބުނީހެވެ. ސަބަބަކީ އަންނަ ހޮނިހިރުދުވަހު އުމުރުން 17 އަހަރު ވާނެތީ އެވެ.

  • ފްރާންސް ކޮޅަށް ޔަމާލް ޖެހި ގޯލާ އެކު ޔޫރޯ މުބާރާތެއްގައި ގޯލެއް ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށް އޭނާ ވަނީ ވެފައި
  • ފްރާންސް ކޮޅަށް ޔަމާލް ލަނޑު ޖަހަނީ
  • ފްރާންސް ކޮޅަށް ޔަމާލް ޖެހި ގޯލު
  • ސްޕެއިންގެ ލަމީން ޔަމާލް ގޯލު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

އެ ގޯލާ އެކު ހިނދުކޮޅަކަށް ނަމަވެސް ފްރާންސްގެ ޑިފެންސް އޮތީ ރޫޅިފަ އެވެ. އެ ފުރުސަތުގެ ބޭނުން ހިފައި، އޭގެ ހަތަރު މިނެޓު ފަހުން ސްޕެއިނުން ލީޑު ނެގި އެވެ. ޑެނީ އޮލްމޯ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ފްރާންސްގެ ޖޫލްސް ކުންޑޭގެ ފައިގައި ޖެހިފަ އެވެ.

އޮލްމޯ ފޮނުވާލި ހަމަލާ ކުންޑޭގެ ފައިގައި ޖެހިފައި ގޯލަށް ވަންނަނީ

ފަހު ހާފުގައި ގިނަ ހަމަލާ އުފައްދަން މަސައްކަތްކުރީ ފްރާންސުންނެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ފުރުސަތުތައް ބޭކާރުވީ ހަމަލާއަކާ ހިސާބަށް ނުދެވެނީހެވެ. ސަބަބަކީ އުސްމާން ޑެމްބޭލޭ އަރިމަތިން ނަގާ ހުރަސްތައް އަމާޒުވަނީ ސްޕެއިން ކީޕަރުގެ އަތަށެވެ. ނުވަތަ ބޭރަށެވެ.

ސްޕެއިންގެ ގޯލުތަކަށް ފަހު ފްރާންސްގެ ޑިފެންސް ރަނގަޅު ކުރުމުގެ ނަތީޖާއަކަށް ވީ، އެ ގޯލުތައް ފިޔަވައި ފްރާންސްގެ ގޯލާ އަމާޒުކޮށް އިތުރު އެންމެ ހަމަލާއެއް ވެސް ސްޕެއިންއަށް ފޮނުވާ ނުލެވުމެވެ.

އޭގެ އިތުރަށް ވަގުތު ބޭކާރު ކުރުމާއި އިދިކޮޅު ޓީމު ޕްރެޝަރަށް ދުއްވާލުމުގައި ސްޕެއިންގެ ރަސްމީ އުކުޅު ކަމަށްވާ ފަހަތުގައި ޕާސްކުރަން ތިބި ތަން ވެސް ފަހު ހާފުގައި ފެނުނެވެ. 

މެޗަށް ފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅުކުރާއިރު ފްރާންސް ކުޅުންތެރިން މާޔޫސްވެފައި

ނަމަވެސް އަނެއްކާވެސް ދުނިޔޭގެ ފުޓްބޯޅައިގައި މޮޅު ޓީމެއްގެ ގޮތުގައި ބަލަން ޖެހޭ ފެންވަރު ސްޕޭނުން އެ އަންނަނީ ސާބިތުކޮށްދެމުންނެވެ.

ސެމީގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ އިންގްލެންޑާއި ނެދަލެންޑްސް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް