ލިއޮނެލް މެސީގެ އުމުރުން އެންމެ 20 އަހަރުގައި ނެގި މި ފޮޓޯއިން އެ ފެންނަ ތުއްތުކުއްޖަކީ މިހާރު ބޭސެލޯނާ އާއި ސްޕެއިންގެ 16 އަހަރުގެ ތަރި ލަމީން ޔަމާލް

ލަމީން ޔަމާލް

ޔަމާލް ފެންވަރުވާ ފޮޓޯ މެސީ ނެގީ ވަރަށް ލަދުން އިނދެ

މިހާރު ބާސެލޯނާ އާއި ސްޕެއިންގެ 16 އަހަރުގެ ތަރި ޔަމާލްގެ އެންމެ ހަ މަހުގައި އެ ފޮޓޯ ނެގީ ބާސެލޯނާއިން ކުޑަކުދިންގެ ހައްގުގައި ތައްޔާރުކުރި ކަލަންޑަރަކަށް
8 ޖުލައި 2024

މިހާރު އެންމެ މަޝްހޫރުވެެގެން އުޅޭ އެއް ފޮޓޯއަކީ ލަމީން ޔަމާލް ކުޑައިރު، ޓަބަކަށް ލައިގެން އޭނާ ފެންވަރުވަން ލިއޮނެލް މެސީ އިން ފޮޓޯ އެވެ.

މި ފޮޓޯގެ ހަގީގަތް، އެ ފޮޓޯ ނެގި ފޮޓޯގްރާފަރު ވެސް އެންމެ ފަހުން ކިޔައިދީފި އެވެ. އޭނާ ބުނި ގޮތުގައި އޭރު އުމުރުން އެންމެ 20 އަހަރުގެ މެސީ ހަ މަހުގެ ޔަމާލް، ކުޑަކުދިން ފެންވަރުވަން ބޭނުންކުރާ ޕްލާސްޓިކް ޓަބެއްގައި ބައިންދައިގެން ފެންވަރުވާ ފޮޓޯ ނެގީ ވަރަށް ހާލުންނެވެ. އެކަން ކުރަން މެސީ އިނީ އެހާ ލަދުންނެވެ.

"އެއީ ނަގަން ވަރަށް އުނދަގޫ ފޮޓޯއެއް،" ފޮޓޯގްރާފަރު ޖޯން މޮންފޯޓް، ދި އެތުލެޓިކްއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

"އަހަރެން އެކަން ސިފަކުރަންޏާ ބުނެވޭނީ އެއީ ކޮންމެވެސް ވަރެއްގެ ލެއެއް އޮހޮރުވައިގެން ނެގި ފޮޓޯއެކޭ."

އޭރު މެސީ އުޅެނީ އެހާ ލަދުންނެވެ. ހާއްސަކޮށް ފެން ފުރާފައި ހުރި ޕްލާސްޓިކް ޓަބެއްގައި ތުއްތު ކުއްޖަކު ބައިންދައިގެން ފޮޓޯ ނަގަން ޖެހޭތީ އެކަން އޭނާއަށް އަދި މާ އުނދަގޫވި."

މެސީއަށް އެހީވާން ޔަމާލްގެ މަންމަ ހުއްޓެވެ. އެކަމަކު ދެ މީހުންގެ މެދުގައި ވާހަކަ ދެއްކުން ފެށޭ ގޮތެއް ފުރަތަމަކޮޅު ނުވި އެވެ.

"އެ އެންމެންނަށް ވެސް އެއީ ވަރަށް އުނދަގޫ ވަގުތުކޮޅެއް. ފަހަރަކު ކަމެއް ރަނގަޅުވަމުން ގޮސް އެންމެ ފަހުން އެ ފޮޓޯ ނެގުނު. އެއީ އެހާމެ ރީތި ފޮޓޯއެއް ވެސް މެ،" މޮންފޯޓް ބުންޏެވެ.

އެ ފޮޓޯ ނެގީ ޑިސެމްބަރު 2007ގަ އެވެ. އޭރު ބާސެލޯނާއަށް މެސީ ކުޅެން ފެށިތާ ހަތަރު އަހަރު ވެއްޖެ އެވެ.

އުމުރުން އެންމެ 16 އަހަރުގެ ލަމީން ޔަމާލް ސްޕެއިން ޓީމަށް ޔޫރޯގައި ކުޅެނީ. އޭނާއަކީ އެ މުބާރާތުގައި މިހާތަނަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ

މިއީ ބާސެލޯނާގެ ކްލަބް ފައުންޑޭޝަނާއި ސްޕެއިންގެ ކުޅިވަރުގެ ނޫހަކާ ގުޅިގެން ކުޑަކުދިންނަށްޓަކައި 2008ގައި ނެރުނު ކަލަންޑަރަކަށް ނެގި ފޮޓޯއެކެވެ. އެ ކަލަންޑަރު ވިއްކައިގެން ލިބުނު ފައިސާ ހަދިޔާކުރީ ކުޑަކުދިންނަށް ހާއްސަ ޔުނެސްކޯ އާއި ބޭސެލޯނާ ނިސްބަތްވާ ކެޓަލޯނިއާގެ ބައެއް އަމިއްލަ ޖަމިއްޔާތަކަށެވެ.

ބާސެލޯނާގެ ސްކޮޑްގެ 12އ ކުޅުންތެރިން ކުޑަކުދިންނާ އެކު އެ ކަލަންޑަރަށް ފޮޓޯ ނެގި އެވެ. އެތައް އަހަރަކަށް ދެމިގެންދިޔަ އެ ޕްރޮގްރާމަށް އެތައް ސަތޭކަ އާއިލާއެއްގެ އެއްބާރުލުން ވެސް ލިބުނެވެ. އޭގެ ތެރެއިން ގިނަ ފޮޓޯތައް އާއިލާތަކުގެ އަމިއްލަ  އަލްބަމްގައި ހުރެދާނެ އެވެ. ޔަމާލްގެ ފޮޓޯ ތަފާތުވެގެން އުޅެނީ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް އޭނާ ވުމުންނެވެ.

އެ ފޮޓޯ އާއި ތުވާއްޔަކުން ޔަމާލްގެ ގައިހިއްކަން މެސީ އުޅޭ ތަނާއި ޔަމާލްގެ މަންމަ ޝެއިލާ އޭނާގެ ދަރިފުޅު ފެންވަރުވަން އުޅޭ ތަން ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކުރީ 16 އަހަރުގެ ކުޅުންތެރިޔާގެ ބައްޕަ މުނީރު ނަސްރޯއީ އެވެ.

"މިއީ ވަރަށް އާދަޔާ ހިލާފު ކަމެއް،" މޮންފޯޓް ބުންޏެވެ.

"އޭރު އެކެއްގެ ހިތަކަށް ވެސް ނާރާނެ އެ ތުއްތު ކުއްޖާ މިހާރު އެ ހުރި މަގާމުގައި ހުރެދާނެ ކަމަކަށް. ހަމައެހެން މެސީ އެ ހުރި މަގާމަށް އޭނާއަށް ވެސް ދެވިދާނެއެކޭ އޭރު ހިއެއްނުކުރާނެ."

ފީފާގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އެވޯޑާ އެކު އާޖެންޓީނާގެ ލިއޮނެލް މެސީ ވާހަކަ ދައްކަނީ: މިހާ ބޮޑު ތަރިއަކަށް އޭނާ ވެދާނެއެކޭ 2007ގައި ގިނަ ބަޔަކު ހިއެއްނުކުރާނެ

ޑިސެމްބަރު 2007ގައި މެސީ ވަނީ އޭރު ވެސް ބާސެލޯނާގައި ސްޕެއިން ލީގު ދެ ފަހަރަށް އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. އެކަމަކު އޭރު އެއީ އަރަަމުން އަންނަ ތަަރިއެކެވެ. އޭރު ބާސެލޯނާގެ މަތީ ތަރިންނަކީ ރޮނާލްޑީނިއޯ އާއި ތިއެރީ އޮންރީ އާއި ޒަވީ އާއި އެންޑްރޭ އިނިއެސްޓާ ފަދަ ކުޅުންތެރިންނެވެ.

އެ ފަހަރު ފޮޓޯގްރާފަރަށް ދިނީ 12 ކުޅުންތެރިންނެވެ. 

"ވަރަށް ގިނަ ފަހަރަށް ކުޅުންތެރިން ބުނާނެ އަވަސްކޮށްލަން ހިނގާށޭ، އަހަރެން މި އުޅެނީ ވަރަށް އަވަދިނެތިއޭ،" ފޮޓޯތައް ނަގަން ކުރި މަސައްކަތާ ބެހޭ ގޮތުން މޮންފޯޓް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކުޅުންތެރިޔާ އާއި ބެލެނިވެރިޔާ ވާހަކަ ދައްކަން ޖެހޭ ހާލަތްތަކުގައި ވަރަށް މަސައްކަތްކުރަން ޖެހުނެވެ. އެންމެ ހަ މަހުގެ ޔަމާލް އާއި މެސީގެ ފޮޓޯ ނަގަން އުނދަގޫވީ ޔަމާލްގެ މަންމަ އާއި މެސީ ވާހަކަ ދައްކައިގެން ކަންކަން ކުރަން ޖެހުމުންނެވެ.

"މަންމަ ވަރަށް އެހީތެރިވި،" ފޮޓޯގްރާފަރު ބުންޏެވެ.

މޮންފޯޓް ބުނި ގޮތުގައި ކޮންމެ ބެލެނިވެރިޔަކަށް ވެސް އެ ބައެއްގެ ދަރިފުޅުގެ ފޮޓޯގެ ކޮޕީއެއް ލިބުނުތޯ ކަށަވަރުކުރި އެވެ. ހާއްސަކޮށް ޔަމާލްގެ މަންމަ ކުރި މަސައްކަތް ބުރަކަން އޭނާ ފާހަގަކުރި އެވެ. އޭރު ޔަމާލްގެ މައިންބަފައިން އުޅުނީ ބާސެލޯނާއާ 40 ކިލޯމީޓަރު ދުރުގައި އޮތް އަވަށެއްގަ އެވެ. ބާސެލޯނާގެ ދަނޑަށް ޔަމާލް ގޮވައިގެން އަންނަން ކުރި ދަތުރުގެ އަގު ވެސް ވަޒަންކުރަން ޖެހޭނެ ކަމަށް މޮންފޯޓް ބުންޏެވެ.

މިއަދު ޔަމާލްއަކީ ސްޕެއިން ޓީމުގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރރިޔާ އެވެ. ޔޫރޯގައި މިހާތަނަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ އެވެ. ބާސެލޯނާއަށް އޭނާ އެރީ އުމުރުން 15 އަހަރުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް