ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލްގައި ޕެނެލްޓީ ޖަހައިގެން ސްވިޒަލެންޑް ބަލިކުރުމަށް ފަހު އިންގްލެންޑް ކުޅުންތެރިން އުފާ ފާޅުކުރަނީ
އިންގްލެންޑްގެ ޕެނެލްޓީ ޖެހުން؛ ފަހަތުގައި ހުރި ސިއްރުތައް ގިނަ
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލްގައި ސްވިޒަލެންޑްގެ ގޯލަށް އިންގްލެންޑްގެ ފަސް ޕެނެލްޓީ ވެސް ވައްދާލީ، ފަސޭހަކަމާ އެކު، އެއްވެސް ކުށެއް ނެތި އެވެ. އެކަމަކު އެއީ 2021ގެ ހިތި ނަތީޖާއާ އެކު ލިބުނު ތަޖުރިބާގެ އަލީގައި ކޯޗު ގެރެތު ސައުތުގޭޓްގެ ކޯޗިން ޓީމުގެ ހާއްސަ މަސައްކަތުގެ ކާމިޔާބީއެކެވެ. އޭގެ ފަހަތުގައި އޮތީ ރޭވުންތެރިކަމާއި ހާއްސަ ފަރިތަކުރުންތަކެކެވެ.
ފުރަތަމަ ކަމަކަށް މެޗު އެއްވަރުވުމުން ޕެނެލްޓީއަށް ދިއުމުގެ ކުރިން އިންގްލެންޑް އާއި ސްވިޒަލެންޑްގެ ކޯޗުންނާއި މުޅި ޓީމުގެ އަމަލްތައް ހުރި ގޮތަށް ބަލާލަމާ ހިނގާށެވެ. ސްވިޒަލެންޑްގެ ކޯޗު މުރާތު ޔަކިން ވާހަކަދެއްކީ މުޅި ޓީމު އެއްކޮށްގެންނެވެ. ބެންޗުގައި ތިބި ކުޅުންތެރިންނާ އެންމެންނެވެ.
އެކަމަކު ސައުތުގޭޓް އިރުޝާދުދިނީ އޭރު ދަނޑު މަތީގައި ތިބި 11 ކުޅުންތެރިންނަށެވެ. ކެޕްޓަން ހެރީ ކޭން ބަދަލުކުރުމުން އޭރު އޭނާ ވެސް އިންނަން ޖެހުނީ ބެންޗުގަ އެވެ. އެކަމަކު ޕެނެލްޓީއާ މެދު ދެއްކި ވާހަކަތަކުގައި ކޭން ވެސް ބައިވެރިއެއް ނުވެ އެވެ. އެހެންކަމުން މިއީ ކޮންޓްރޯލްކޮށްފައި އޮތް ޕްރެޝަރަކާއި ނަސޭހަތެއްކަން އެނގެ އެވެ.
އިންގްލެންޑްގެ ފަސް ޕެނެލްޓީ ކާމިޔާބުކުރީ ކޯލް ޕަލްމާ، ޖޫޑް ބެލިގަމް، ބުކާޔޯ ސަކާ، އިވާން ޓޯނީ އަދި ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް އެވެ.
"މިއީ ރިހާސަލްކޮށް، ފައްކާކޮށްފައި އޮތް ކަމެއް،" ޕެނެލްޓީ ޖެހުމާ ބެހޭ ގޮތުން ލިއުނު ޕްރެޝާ: ލެސަންސް ފްރޮމް ސައިކޮލޮޖީ އޮފް ދަ ޕެނެލްޓީ ޝޫޓްއައުޓްގެ މުސައްނިފް، ގެއިރު ޖޯޑެޓް، ކުޅިވަރަށް ހާއްސަ ވެބްސައިޓް ދި އެތުލެޓިކްއާ ވާހަކަ ދައްކަމުން ބުންޏެވެ.
"އެމީހުން އޭގެ ހުރިހާ ކަމެއް އޮތީ ރާވާ ނިންމާފައި. ހުރިހާ ކަމެއް ވެސް ކޮށްފައި އެ ހުރީ އެނގިގެން. އެއީ ޓީމެއްގެ ގޮތުގައި ޕެނެލްޓީ ޖަހާ މެޝިނަކާ އެއްފަދަ ބަރާބަރު މަސައްކަތެއް."
އިންގްލެންޑްގެ 11 ކުޅުންތެރިންނާ ވާހަކަ ދެއްކި އިރު ފުރަތަމަ ފަސް ޕެނެލްޓީ ނުޖަހާ ބައެއް ކުޅުންތެރިން ކަމަށްވާ، ޑެކްލަން ރައިސް، ލޫކް ޝޯ، ކައިލް ވޯކާ އަދި ޖޯން ސްޓޯންސްއަށް އިޝާރަތްކޮށް ވެސް ސައުތުގޭޓް ވާހަކަ ދެއްކިތަން ފެނުނެވެ.
ޕެނެލްޓީ ޖަހަން ނެގި ކޮންމެ ކުޅުންތެރިޔަކަށް، ޕެނެލްޓީ ނުޖަހާ ކުޅުންތެރިޔަކު ހާއްސަކުރި އެވެ. ޕެނެލްޓީ ޖެހުމަށް ފަހު އެ ކުޅުންތެރިޔާއަށް މަރުހަބާ ކިޔުމާއި ހިތްވަރުދިނުމުގެ ޒިންމާ ނެގީ އެ ހާއްސަކުރި ކުޅުންތެރިޔާ އެވެ. ވޯކާއަށް ޕަލްމާ އެވެ. ބެލިގަމްއަށް ޝޯ އެވެ. ސަކާއަށް ހަމަޖެއްސީ ސްޓޯންސް އެވެ. ޓޯނީއަށް ރައިސް އެވެ. އެންމެ ފަހު ޕެނެލްޓީ ޖެހި އެލެގްޒެންޑާ-އާނޯލްޑްއަށް ވެސް ކުޅުންތެރިޔަކު ކަނޑައަޅާފައި ހުންނާނެ އެވެ. އެކަމަކު އެ ޕެނެލްޓީއާ އެކު އިންގްލެންޑް ސެމީ ފައިނަލަށް ދިއުމުން އޭނާގެ ފަހަތުން ހުރިހާ ކުޅުންތެރިން ދުއްވައިގަތީ އެވެ.
ދެން އޮތީ ސްވިޒަލެންޑްގެ ފުރަތަމަ ޕެނެލްޓީ އަދި އެރޭ ނާކާމިޔާބުވި ހަމައެކަނި ޕެނެލްޓިއަށް ވީ ގޮތެވެ. އެ ޕެނެލްޓި ޖަހަން ދިޔައީ މެންޗެސްޓަ ސިޓީގެ ވެސް ދިފާއީ ކުޅުންތެރިޔާ މެނުއަލް އަކަންޖީ އެވެ. އޭނާގެ ޕެނެލްޓީ އެހާ މޮޅެއް ނޫނެވެ. އެކަމަކު އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކާޑް އެ ޕެނެލްޓީ މަތަކުރުމުގެ ކުރިން، އަކަންޖީއަށް އޮތީ ނަފުސާނީ ގޮތުން ހުރަސްއަޅައިފަ އެވެ.
އަކަންޖީ ގޮސް ބޯޅަ ބާއްވާފައި ޕެނެލްޓި ޖަހަން ތަައްޔާރުވެގެން ހުރި އިރު ޕިކާޑް ދިޔައީ ގޯލާ މާ ދުރަށެވެ. އޭނާގެ ފެންފުޅި ބާއްވާފައި އޮތީ 20 ޔާޑު ދުރުގަ އެވެ. އެހެންވެ ޕެނެލްޓީއަށް ގޯލަށް އެރުމުގެ ބަދަލުގައި ފުރަތަމަ ދިޔައީ ފެން ފުޅިއާ ދިމާލަށެވެ.
އަކަންޖީ އެ ހެދީ ބޮޑު ގޯހެއް ކަމަށް ޖޯޑެޓް ގަބޫލުކުރެ އެވެ.
"އެގޮތަށް ޕެނެލްޓީ ޖަހަން ކުޅުންތެރިޔަކު ތައްޔާރުވެ އަށް ސިކުންތަށް ވުރެ ގިނަ އިރު ހުރެއްޖެ ނަމަ ޕެނެލްޓީ ކާމިޔާބުކުރެެވޭ ނިސްބަތް %50 އަށް ދަށްވޭ،" އޭނާ ބުންޏެވެ.
ޕެނެލްޓީ ޖަހަން ބޯޅަ ބާއްވާފައި ތައްޔާރުވެގެން އެންމެ ގިނަ ވަގުތު ހޭދަކުރީ ވެސް އަކަންޖީ އެވެ. ޖުމްލަ 14 ސިކުންތެވެ. އޭރު ގޯލު ކައިރިއަށް އައިސް ޕިކާޑް ދެން ވެސް ދިޔައީ ލަސްކުރަމުންނެވެ. އެގޮތުން ރެފްރީއާ ވާހަކަ ދައްކަން ވެސް އިރުކޮޅެއް ހޭދަކުރި އެވެ.
ޕިކާޑްގެ އެ އަމަލް ރެފްރީ ޑެނިއަލޭ އޯސަޓޯއަށް ވިސްނި ފަހުން ފިޔަވަޅު އެޅި އެވެ. ފަހުން ޖެހި ޕެނެލްޓީތަކުގައި ވަގުތު ބޭކާރުކުރުމުގެ ބަދަލުގައި ގޯލަށް އަރަން އިންޒާރު ދިނެވެ.
ޕިކާޑްގެ ފެންފުޅީގައި ސްވިޒަލެންޑުން ޕެނެލްޓީ ޖަހާނެ ކުޅުންތެރިންގެ ނަން ލިޔެ، އެ ކުޅުންތެރިންގެ ޕެނެލްޓީގައި އޭނާ އަމަލްކުރާނެ ގޮތް ވެސް ހިމެނި އެވެ. އެކަމަކު އޭނާ ހުރިހާ ޕެނެލްޓީއަކަށް ރައްދުދިނީ ކުރިން ލިއެފައި އޮތް ގޮތަކަށެއް ނޫނެވެ. އެހެން ނޫން ނަމަ އަކަންޖީގެ އިތުރުން ފެބިއަން ސްކާގެ ޕެނެލްޓީ މަތަކުރުމުގެ ފުރުސަތު ވެސް އޮތީހެވެ. ކުރިން ކަނޑައަޅާފައި އޮތީ ކަނާތް ފަރާތަށް ޑައިވްކުރާ ގޮތް ދައްކާފައި ވާތް ފަރާތަށް ޑައިވްކުރާށެވެ. ނަމަވެސް ޕިކާޑް އޮޅުވާލަން އުޅުނީ ވާތް ފަރާތަށް ޑައިވްކުރާ ގޮތް ދައްކާށެވެ. އޭނާ ޑައިވް ޖެހީ ކަނާތް ފަރާތަށެވެ. ސްކާ ޕެނެލްޓީ ޖެހީ ވާތް ފަރާތަށެވެ.
މިކަހަލަ ބައެއް ނިންމުންތައް ހުއްޓަސް އިންގްލެންޑްގެ ޕެނެލްޓީ ޝޫޓްއައުޓް މިފަހަރު ވަރަށް ތަފާތުކަން މި ވަނީ ދައްކައިދީފަ އެވެ. އެ ޓީމުގެ އުކުޅުތައް މިހާރު ގިނަ ބަޔަކަށް އެނގުނަސް އެއީ މާ ބޮޑު ހާސްކަމަށް ނުވާނެ އެވެ. އެއަށް ވުރެ މާ ފުރިހަމައަށް ތައްޔާފުވެފައި އޮތް ކަމަށް، ބައެއް ތަޖުރިބާކާރުން ބުނެ އެވެ.