ތުރުކީ ކޮޅަށް ލަނޑު ޖަހާ އެއްވަރުކުރުމަށް ފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޔޫރޯ 2024

ސްވިސް އާއި ތުރުކީގެ ކަރުނައިގެ ތެރެއިން އިންގްލެންޑް އާއި ނެދަލެންޑްސް ސެމީ ފައިނަލަށް

އިންގްލެންޑަށް ސްވިޒަލެންޑް ބަލިކުރެވުނީ ޕެނެލްޓީ ޖަހައިގެން. ތުރުކީ ކުރި ހޯދާފައި ވަނިކޮށް ނެދަލެންޑްސް ދެމިގަތީ ފަހަތުން އަރާ ޖެހި ދެ ލަނޑުން
7 ޖުލައި 2024

ޔޫރޯ ކަހަލަ ބޮޑު މުބާރާތެއްގެ ސެމީ ފައިނަލަށް އެންމެ ފިޔަވަޅެއް ކައިރީގައި އޮއްވާ ބަލިވުމަކީ ކަރުނަ އެވެ. އެ ކަރުނަ އަޅަން މިރޭ ޖެހުނީ ސްވިޒަލެންޑާއި ތުރުކީއަށެވެ.

ފުރަތަމަ މެޗުގައި އިންގްލެންޑް ކޮޅަށް 75 ވަނަ މިނިޓްގައި ސްވިޒަލެންޑްގެ ބްރީލް އެމްބޮލޯ ޖެހި ލަނޑަށް އިންގްލެންޑުން ރައްދުދިނީ ފުރިހަމަ ހުނަރެއް ދައްކާލުމަށް ފަހު ބުކާޔޯ ސަކާ 80 ވަނަ މިނިޓްގަ އެވެ.

އެ ނަތީޖާއަށް ބަދަލެއް ނައުމުން ކުޅުނު އިތުރު 30 މިނިޓްގެ ދެ ހާފު ވެސް ނިމުނީ 1-1ގަ އެވެ. ދެން ދިޔައީ ޕެނެލްޓީއަށެވެ.

ސްވިޒަލެންޑްގެ ބަދުނަސީބު ޕެނެލްޓީއަކަށް ވީ ފަށަންވެގެން ދިފާއީ ކުޅުންތެރިޔާ މެނުއެލް އަކަންޖީ ޖެހި ބޯޅަ އެވެ. އިންގްލެންޑް ކީޕަރު މަތަކުރީ އެވެ. އޭގެ ފަހުން ނެދަލެންޑްސްގެ ކުޅުންތެރިން ގޯހެއް ނުހަދަ އެވެ. އެކަމަކު އިންގްލެންޑްގެ ފަސް ޕެނެލްޓީ ވެސް ވައްދާލުމުން، ނަތީޖާއަކަށް ވީ 5-3 އިން އިންގްލެންޑް މޮޅުވެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކުރުމެވެ.

ކްއާޓާ ފައިނަލްގެ ފަހު މެޗުގައި ތުރުކީން ނެދަލެންޑްސްގެ މައްޗަށް ވެރިވެގަތީ 35 ވަނަ މިނިޓްގައި ސަމެތު އަކޭދިންގެ ލަނޑުންނެވެ. މި ނަތީޖާގައި ތުރުކީ 70 މިނިޓާ ހަމައަށް ހިފެހެއްޓި އެވެ. އެކަމަކު ނެދަލެންޑްސްއަށް ލިބުނު ކޯނަރެއްގައި ސްޓެފަން ޑިވާޖުގެ ފުރިހަމަ ބޮލުން ޖެހުން ތުރުކީއަށް ދިފާއެއް ނުކުރެވުނެވެ.

އޭގެ ފަސް މިނިޓް ފަހުން 2-1އިން ނެދަލެންޑްސް ކުރި ހޯދީ ގޯލުގެ ހަމަ ކުރިމައްޗަށް ހުރަސްވި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ތުރުކީގެ މާޓް މުލްޑޫރުގެ ފައިގައި ޖެހި ބައިކޮޅަށް ވަދެގެންނެވެ.

އޭގެ ފަހުން ތުރުކީގެ ހިތްވަރު އާކޮށް ލަނޑެއް ޖަހަން ވަރަށް މަސައްކަތްކުރި އެވެ. އެކަމަކު ނެދަލެންޑްސްގެ ދިފާއީ ކުޅުންތެރިންނާއި ކީޕަރުގެ ހުޝިޔާރުކަމުގައި، ފަހު ވަގުތުގެ ހަމަލާތައް ބޭކާރުކޮށްލި އެވެ.

ފަހު ހާފަށް އެޅޭއިރު ތުރުކީއަށް ކުރި ލިބިފައި އޮއްވާ މިދިއަ 14 އަހަރުގެ ތެރޭގައި ބަލިވެފައެއް ނުވެ އެވެ. އެގޮތަށް ކުރި ހޯދާފައި ވަނިކޮށް އެންމެ ފަހުން ބަލިވީ 29 މޭ 2010ގައި އެމެރިކާއާ އެކު ކުޅުނު އެކުވެރިކަމުގެ ބައިނަލްއަގުވާމީ މެޗެއްގައި 2-1 އިންނެވެ.

އެކަމަކު ހަނދާނުން ފޮހެލަން އުނދަގޫވާނީ މިރޭގެ ބައްޔެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް