ޖަރުމަންގެ މުސިއާލާގެ ކަރުގައި ހިފާ ފައުލްކުރަނީ:

ޔޫރޯ 2024

މޮޅު މެޗެއްގައި ޖަރުމަން ފަހު ވަގުތު ބަލިކޮށް ސްޕެއިން ސެމީއަށް

ފައުލާއި ކާޑު ވެސް ގިނަ މެޗުގައި 2-1 އިން ސްޕެއިން މޮޅުވީ އެއްވަރުވެ ޕެނެލްޓީއަށް ދާން މިނިޓަކަށް ވެފައި ވަނިކޮށް ޖެހި ލަނޑުން
6 ޖުލައި 2024

ޔޫރޯ 2024އިން ކަޓައިގެންދާ އެހެން ޓީމެއް ނަމަ، ރަށަށް ދަނީއޭ ބުނެވިދާނެ އެވެ. ނަމަވެސް އަމިއްލަ ފަސްގަނޑުގައި ކުޅެގެން މުބާރާތުން ކެޓުމުން ޖަރުމަނު ދެން ދާން ޖެހޭ އިތުރު ރަށެއް ނެތެވެ. އެހެންވީމަ އެ ދިޔައީ ގެއަށެވެ.

ޔޫރޯގެ ކުއާޓާ ފައިނަލުގައި ރޭ ސްޕެއިން އާއި ޖަރުމަން ބައްދަލުކުރި ރެސްލިން މެޗު… މާފު ކުރައްވާ، ފުޓުބޯޅަ މެޗުގައި، ދެ ޓީމުން މުޅި ޖުމްލަ 41 ހަމަލާ އުފެއްދި އެވެ. ފައުލްގެ އަދަދު ވެސް ދާދި އެއްވަރެވެ. މުޅި މެޗުގައި ދެ ޓީމަށް 14 ކާޑު ވަނީ ދައްކާފަ އެވެ.

މެޗު ފަށައިގެން ފުރަތަމަ 10 މިނެޓުގެ ތެރޭގައި ޖަރުމަނުގެ ޓޯނީ ކްރޫޒް ސްޕެއިންގެ ޕެޑްރީގެ ފައިގައި ދަތި އަޅުވައި ވައްޓާލި ގޮތަށް ކަކުލަށް އަނިޔާވެ، އޭނާ ބަދަލުކުރަން ޖެހުނެވެ. ނަމަވެސް ކްރޫޒް ކުރި ފައުލަށް އެއްވެސް ކާޑެއް ނުދައްކަ އެވެ. އޭނާގެ ފުޓުބޯޅަ ކެރިއަރުގެ ފަހު މެޗަށް ވާތީ ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު ކަން ދިމާކުރި ގޮތުން އެ ބަދަލަކީ، ފަހަރުގައި ޖަރުމަނުގެ ބަދުނަސީބެވެ.

މެޗު ފެށިތަނާހެން ކްރޫޒް ކުރި ނުރައްކާތެރި ޓެކުލަކުން ކަކުލަށް އަނިޔާވެ، ޕެޑްރީ ދަނޑުން ބާލުވަނީ

ސްޕެއިންގެ ފުރަތަމަ ގޯލު މެޗުގެ 51 ވަނަ މިނެޓުގައި ޖެހީ، ޕެޑްރީގެ ބަދަލަށް ކުޅެން އެރި ޑެނީ އޮލްމޯ އެވެ. އެ ގޮތުގައި އޮވެ މެޗު ނިމެން ދަނިކޮށް ފްލޯރިއަން ވާޓްޒްގެ ގޯލަކާ އެކު ނަތީޖާ އެއްވަރުވެ، އިތުރު ވަގުތު ކުޅެން މަޖުބޫރުވި އެވެ.

ސްޕެއިންގެ އޮލްމޯ ލަނޑު ޖަހައި ލީޑު ނަގަނީ
ވާޓްޒްގެ ގޯލާ އެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި އޮއްވައި ނަތީޖާ އެއްވަރުވި

ޕެނަލްޓީ ޝޫޓްއައުޓަކަށް ދާން ކައިރިވެފައިވަނިކޮށް ސްޕެއިންއަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ 119 ވަނަ މިނެޓުގައި މިކޭލް މެރީނޯ އެވެ.

މެޗުގެ ފަހު ވަގުތު މެރީނޯ ބޮލުން ޖަހާލި ރީތި ލަނޑު

ގިނަ އަދަދެއްގެ ފައުލް ފެނުނު މި މެޗުގައި ފާހަގަވި އެއް ކަމަކީ ޖަރުމަނުގެ ޖަމާލް މުސިއާލާ ހިފަހައްޓަން ސްޕެއިން ޓީމުން ކުރި ބުރަ މަސައްކަތެވެ. މުސިއާލާ ދުއްވައިގެންފި ނަމަ އަތުނުވާނެކަން އެނގޭތީ ކަމަށް ވެސް ވެދާނެ އެވެ. އޭނާއަށް ބޯޅަ ލިބޭއިރަށް ނުވަތަ ދުއްވައިގަންނައިރަށް ޖޯޒީގައި ހިފާ ދަމައި، އޮންނަނީ ވައްޓާލައިފަ އެވެ.

  • މުސިއާލާ ހިފަހައްޓަން ސްޕެއިންގެ ރޮޑްރީގޯ އޭނާގެ ގައިގައި އޮޅުލައިގެންފައި
  • ރޮޑްރީގޯ، މުސިއާލާގެ އަތާއި ފައިގައި ހިފަހައްޓައިގެން
  • ރޮޑްރީގޯ، މުސިއާލާގެ އަތާއި ފައިގައި ހިފަހައްޓައިގެން
  • މުސިއާލާ ހިފަހައްޓަން ސްޕެއިންގެ ދެ ކުޅުންތެރިން މަސައްކަތް ކުރަނީ
  • ޖަރުމަނުގެ ޑިފެންޑަރެއް ހިފަހައްޓަން ސްޕެއިން ފޯވާޑެއް މަސައްކަތް ކުރަނީ
  • ޔޫރޯ 2024ގައި ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗު

އިތުރު ވަގުތުގައި ސްޕެއިންއަށް ލީޑު ލިބިފައިވަނިކޮށް ވެސް އެކަން ތަކުރާރު ކުރުމުން މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ސްޕެއިންގެ ތަޖުރިބާކާރު ޑެނީ ކާވަހާލްއަށް ދެ ރީނދޫ ކާޑު ހަމަވެ، ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވައިލި އެވެ. ފުރަތަމަ ރީނދޫ ކާޑު ވެސް ދެއްކީ މުސިއާލާ ވައްޓާލައިގެންނެވެ.

ލީޑު ވެސް ލިބި، މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މުސިއާލާގެ ކަރުގައި ހިފުމުން ކާވަހާލްއަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކަނީ

މުޅި މެޗުގައި ސްޕެއިންއަށް ދެއްކި ފަސް ރީނދޫ ކާޑާއި އެއް ރަތް ކާޑާ އެކު ޖުމްލަ ހަ ކާޑުގެ ތެރެއިން ތިން ކާޑަކީ ސީދާ މުސިއާލާ ހިފަހައްޓާނުލެވިގެން ކުރި ފައުލްތަކާ ގުޅިގެން ދެއްކި ކާޑުތަކެކެވެ.

ނަމަވެސް ޖުމްލަކޮށް ބަލާއިރު މެޗުގައި މޮޅު ކުޅުމެއް ދެއްކީ ސްޕެއިނުންނެވެ. ޖޯޒީގައި ނުހިފަހައްޓާ ދަނޑިވަޅުތަކުގައި ޖަރުމަނަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ނިންމާނުލެވުނީ އެވެ.

ސެމީގައި ސްޕެއިން ނުކުންނާނީ މިރޭ ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ކަޓުވައިލި ފްރާންސްއާ ދެކޮޅަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް