ޔޫރޯގެ ފުރަތަމަ މެޗުގައި ނޭފަތް ފެޅުމުން ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ހާއްސަ މޫނުމައްޗެއްގައި ޕްރެކްޓިސްކުރަނީ

ޔޫރޯ 2024

އެމްބާޕޭ މިރޭ ހުންނާނީ މޫނުމަތި އަޅައިގެން، އެކަމަކު ތިން ކުލައެއް ނޫން

ފްރާންސްގެ ކެޕްޓަންގެ ނޭފަތް ފެޅުމުން އޭގެ ހިމާޔަތެއްގެ ގޮތުން އަޅާ މޫނުމަތި ހުންނަން ޖެހޭނީ، ގަވާއިދު ބުނާ ގޮތުން، އެންމެ ކުލައެއްގައި
21 ޖޫން 2024

ފްރާންސް އާއި ނެދަލެންޑްސް މިރޭ 12 ޖަހާއިރު ޔޫރޯގެ ވަރުގަދަ މެޗަށް ނުކުންނަ އިރު ކީލިއަން އެމްބާޕޭ ހުންނާނީ ޔަގީނުން ވެސް މޫނުމަތި އަޅައިގެންނެވެ.

ފުރަތަމަ މެޗުގައި އޮސްޓްރިއާގެ ދިފާއީ ކުޅުންތެރިއެއްގެ ބުރަކަށީގައި މޫނު ޖެހި ނޭފަތް ފެޅުމުން، އޮޕަރޭޝަނަކަށް ނުގޮސް މިވަގުތަށް ފަރުޖެއްސެން އެބަ އޮތެވެ. އެކަމަކު ޑޮކްޓަރުން ލަފާދީފައި ވަނީ އަނިޔާ ބޮޑުވުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން މޫނުމަތި އެޅުމަށެވެ.

ފަރިތަކުރުންތަކުގައި 25 އަހަރުގެ ފޯވަޑް ފެނުނީ ފްރާންސްގެ ގައުމީ ތިން ކުލަ ކަމަށްވާ ރަތާއި ހުދު އަދި ނޫ ހިމެނޭ މޫނު މައްޗެއްގައި ހުއްޓަ އެވެ. ނަމަވެސް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ، ޔުއެފާގެ ގަވާއިދު އޮންނަ ގޮތުން ސިއްހީ ކަމެއްގައި ބޭނުންކުރަން ޖެހޭ އެއްޗެއްގައި ހުންނަން ޖެހޭނީ އެންމެ ކުލައެކެވެ. އެ އެއްޗެއްގައި އެ އުފެއްދި ކުންފުނީގެ ނަން ވެސް އޮވެގެން ނުވާނެ އެވެ.

އޮސްޓްރިއާ އާއި ފްރާންސް ބައްދަލުކުރި މެޗުގެ ފަހުކޮޅު ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ބޮލުން ޖަހަން އުޅުމުގެ ތެރޭގައި އޭނާގެ ނޭފަތް ފެޅުނު މަންޒަރު

އެމްބާޕޭ ބޭނުންކުރާ މޫނުމައްޗަށް ޔުއެފާގެ ހުއްދަ ކުރިން ހޯދަން ޖެހޭނެ އެވެ. އެހެންކަމުން ފަރިތަކުރުންތަކުގައި ފެންނަ ކަހަލަ ތިން ކުލައިގެ ރީތި މޫނުމަތި އެމްބާޕޭގެ ފަރާތަކުން ނުފެންނާނެ އެވެ.

ފްރާންސްގެ ފުޓްބޯޅަ އިދާރާ، އެފްއެފްއެފްއިން ބުނި ގޮތުގައި އެމްބާޕޭ ބޭނުންކުރަން އެކި ވައްތަރުގެ، އެކި ސައިޒްގެ މޫނުމަތިތަކެއް ވަނީ ތައްޔާރުކޮށްފަ އެވެ. އެއިން ކޮންމެ އެއްޗެއްގައި ވެސް ހިމެނެނީ އެންމެ ކުލައެއް ކަމަށް ވެސް، އެފްއެފްއެފްއިން ބުންޏެވެ.

މިރޭގެ މެޗުގައި ކުޅޭނެކަމުގެ ޔަގީންކަން ވެސް އެމްބާޕޭ ވަނީ ދީފަ އެވެ. އިންސްޓަގްރާމްގައި ލިއަމުން އޭނާ ބުނީ 'ރިސްކެއް ނެތި ކާމިޔާބީތަކެއް ވެސް ނުލިބޭނެ' ކަމަށެވެ.

މިދިއަ ދެ ވޯލްޑް ކަޕްގައި 12 ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއަށް މިހާތަނަށް ޔޫރޯގައި އަދި އެންމެ ލަނޑެއް ވެސް ނުޖެހެ އެވެ. އެހެންކަމުން އެ އާކަން ކަނޑާލަން ވެސް އިތުރު ހިތްވަރެއް ލާނެކަމާ މެދު ޝައްކެއް ނެތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް