ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭގެ ނޭފަތް ފަޅައިގެން ދިއުމުން ދަނޑުން ފައިބަނީ

ނޭފަތަށް ލިބުނު އަނިޔާގައި އެމްބާޕޭގެ ހާލު ރަނގަޅެއް ނޫން

ފްރާންސް ކެޕްޓަންގެ ނޭފަތް ފަޅައިގެން ދިއުމުން ކުޅެވޭ ވަރު ނުވެގެން އޭނާ ޖެހުނީ ބާލަން. އޭގެ ކުރިން ބޭކާރު ރީނދޫ ކާޑެއް ވެސް ހޯދި
18 ޖޫން 2024

ޖަރުމަންގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސްގެ ފުރަތަމަ މެޗުގައި ރޭ ކެޕްޓަން ކީލިއަން އެމްބާޕޭގެ ނޭފަތަށް ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ހާލު ރަނގަޅު ނޫން ކަމަށް ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނެފި އެވެ.

މެޗުގެ ފަހުކޮޅު އެމްބާޕޭގެ ނޭފަތް ފެޅުނީ ބޮލުން ޖަހަން އުޅުމުގެ ތެރޭގައި އޮސްޓްރިއާގެ ދިފާއީ ކުޅުންތެރިޔާ ކެވިން ޑަންސޯގެ ބުރަކަށީގައި މޫނު ޖެހިގެންނެވެ. ލޭ މަނާނުވުމުން އޭނާ އެންމެ ފަހުން ބޭލީ އެވެ.

އެކަމަކު އެވަގުތު އެހެން ކުޅުންތެރިޔަކު އަރުވަން ފުރުސަތު ނުދީ ކުޅުން ފެށުމާ އެކު ރެފްރީގެ ހުއްދަ ނެތި އެމްބާޕޭ ދަނޑަށް އެރި އެވެ. ރެފްރީއަށް އެކަން އެނގި އޭނާ ކައިރިއަށް އަންނަން ފެށުމުން ދަނޑު މަތީގައި އިށީނީ އެވެ. އެކަމަކު މުޅިން ބޭކާރު ރީނދޫ ކާޑަކުން ސަލާމަތެއް ނުވި އެވެ.

އޮސްޓްރިއާގެ ކެވިން ޑަންސޯގެ ބުރަކަށީގައި ކީލިއަން އެމްބާޕޭގެ ނޭފަތް ޖެހެނީ

މެޗަށް ފަހު ވާހަކަ ދައްކަމުން ޑިޝޯމްޕްސް ބުނީ އެމްބާޕޭގެ ހާލު ރަނގަޅު ނޫން ކަމަށެވެ. ނަމަވެސް ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނިގޮތުގައި އޮޕަރޭޝަނެއް ކުރަން ޖެހޭ ވަރެއް ނުވެ އެވެ.

"އޭނާގެ ހާލު ރަނގަޅެއް ނޫން. އިތުރު ޓެސްޓްތައް ހަދައިގެން ބަލަން ޖެހޭ ވަރުގެ ކަމެއް. އަނެއްކާ އަހަރެމެންނަށް އޮތް އެހާމެ ބޮޑު ކަންބޮޑުވުމެއް ވެސް މެ،" ފްރާންސްއަށް 1998ގެ ވޯލްޑް ކަޕާއި 2000ގެ ޔޫރޯ މުބާރާތް ކާމިޔާބުކޮށްދިން ކެޕްޓަން އަދި 2018ގެ ވޯލްޑް ކަޕްގެ ތަށި ހޯދައިދިން ކޯޗު ބުންޏެވެ.

އެމްބާޕޭއަކީ ފްރާންސް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ވޯލްޑް ކަޕްގައި މިހާތަނަށް 12 ގޯލު ޖަހާފައި ވިޔަސް އޭނާއަށް ޔޫރޯގައި އަދި އެންމެ ލަނޑެއް ވެސް ކާމިޔާބެއް ނުކުރެވެ އެވެ. ރޭ މުޅިން ހުސްކޮށް ލިބުނު ފުރުސަތުގައި ވެސް ޖެހީ ބޭރަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް