ޖަރުމަނާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗުގައި ލަނޑެއް ޖެހުމަށް ފަހު ޖަރުމަން ކުޅުންތެރިން އުފާފާޅުކުރަނީ

ޔޫރޯ 2024

ގޯލު ޖަހަމުން ޖަހަމުން ގޮސް ޖަރުމަނުން ބައިކޮޅަށް ވެސް ޖަހައިފި

ޔޫރޯ 2024ގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު ޖަރުމަނުން ސްކޮޓްލެންޑް ބަލިކުރީ 5-1އިން. ބައިކޮޅަށް ވަން ލަނޑާ އެކު މެޗުގެ ހަ ގޯލު ވެސް ޖެހީ ޖަރުމަން ކުޅުންތެރިން
15 ޖޫން 2024

ޔޫރޯ 2024ގެ ފުރަތަމަ މެޗުގައި ރޭ ޖަރުމަނުން ސްކޮޓްލެންޑް ޓީމު ދަނޑުން ފޮނުވައިލީ 'ސުންނާފަތި' ކޮށްލުމަށް ފަހު އެވެ. ތަފާތު ބޮޑު، 5-1ގެ ނަތީޖާއަކުންނެވެ. އެކަމަކު ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ޖަރުމަނަށް އެއީ ހައިރާންކުރަނިވި ނަތީޖާއެއް ނޫނެވެ.

މުބާރާތް ބާއްވާ ގައުމުގެ ގޮތުގައި ސްކޮޓްލެންޑާ ދެކޮޅަށް ނުކުތްއިރު ވެސް ސްކޮޑުގެ ފެންވަރާއި ތާރީހަށް ބަލާއިރު ނަތީޖާ ބުރަވެފައި އޮތީ ޖަރުމަން ކޮޅަށެވެ. ސްކޮޓްލެންޑުން ނުކުތީ އެކަން ބަދަލުކުރުމަށެވެ. އިތުރު އެހީއެއްގެ ގޮތުގައި އަމިއްލަ ގައުމުގައި ކުޅޭ ކަމަށް އިހުސާސްކޮށްދޭން ސްކޮޓުލެންޑްގެ ބައި ލައްކައަށް ވުރެ ގިނަ ސަޕޯޓަރުން ޖަރުމަނަށް ދިޔަ ކަމަށްވެ އެވެ.

އަމިއްލަ ފަސްގަނޑުގައި ތިބި ޖަރުމަނު ސަޕޯޓަރުންނަށް ވުރެ، މެޗުގެ ކުރީކޮޅުގައި ސްކޮޓްލެންޑު ސަޕޯޓަރުންގެ އަޑު މާ ބާރެވެ. އަޑު މަޑުވާން ފެށީ 10 ވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް، ޕެނަލްޓީ އޭރިއާގެ ބޭރުން، ތިރިތިރިން ފޮނުވާލި ހަމަލާއަކުންނެވެ. ބޯޅަ ގޯލުގެ ތެރެއަށް ވަނީ ކީޕަރުގެ އަތުގައި ޖެހި، އަރިމަތިން ދަނޑީގައި ވެސް ޖެހުމަށް ފަހު އެވެ. އޭގެ ނުވަ މިނެޓު ފަހުން އިތުރު ގޯލެކެވެ. ޖަމާލް މުސިއާލާ ފޮނުވާލި ބާރު ހަމަލާ މަތަކުރަން ސްކޮޓްލެންޑް ކީޕަރަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

ޖަރުމަނުގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު ވާޓްޒް (ވ) އާއި މުސިއާލާ
މުސިއާލާ ޖަރުމަނުގެ ދެ ވަނަ ގޯލު ޖެހުމަށް ފޮނުވާލި ބާރު ހަމަލާ

ސްކޮޓްލެންޑަށް އިތުރު ވޭނަކަށް ވީ ފުރަތަމަ ހާފު ނިމިނިމި އޮއްވައި ޑިފެންޑަރު ރަޔަން ޕޯޓިއަސް ކުރި ނުރައްކާތެރި ޓެކުލަކާ ހެދި ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ ދަނޑުން ފައިބައިގެން ދިޔައީ މޮޅުވާން ނުވަތަ އެއްވަރު ކުރެވެން ކިރިޔާ ވެސް އޮތް އުންމީދު ހިފައިގެންނެވެ.

  • ޖަރުމަން ޓީމުގެ ކެޕްޓަން ގުންޑޮގާންއަށް ސްކޮޓްލެންޑުގެ ޕޯޓިއަސް ކުރި ނުރައްކާތެރި ޓެކުލް
  • ޕޯޓިއަސްއަށް ރަތް ކާޑު ދައްކަނީ
  • ރަތް ކާޑު ދެއްކުމުން ޕޯޓިއަސް ދަނޑުން ފައިބައިގެން ދަނީ
  • ލިބުނު ޕެނަލްޓީއިން ގޯލު ޖަހައިދިނީ ހެވަޓްޒް

ލިބުނު ޕެނަލްޓީ ނިކަން ހަމަޖެހިލުމަށް ފަހު ކީޕަރު ނުބައި ކޮޅަށް ޑައިވް ކުރުމުން ގޯލު ތެރެއަށް ފޮނުވާލީ އާސެނަލްގެ ހުނަރުވެރި ފޯވަޑް ކައި ހެވަޓްޒް އެވެ. 

މެޗުގެ ދެ ވަނަ ހާފަށް ނުކުތްއިރު މިއީ ވާ ވަރުގެ ކަމެއް ނޫންކަން ސްކޮޓްލެންޑަށް  އޮތީ ޔަގީންވެފަ އެވެ. އަމުދުން 10 ކުޅުންތެރިންނާ އެކީގަ އެވެ. އެހެންވެ ދެ ވަނަ ހާފުގައި ފެނުނީ 'ޖަރުމަނުގެ 10 ފޯވަޑުން' ހުއްޓުވަން ސްކޮޓްލެންޑުގެ '10 ޑިފެންޑަރުން'ނޭ ވެސް ބުނެވިދާނެ އެވެ.

ޖަރުމަނު ޓީމު އޮތީ ގިނަ ގޯލުތަކެއް ޖަހަން ފެންބޮވައިގެންފަ އެވެ. ފަހު ހާފުގައި ކުޅެން އެރިތާ ފަސް މިނެޓު ނުވަނީސް ނިކްލަސް ފުލްކްރުގް އިތުރު ލަނޑެއް ޖެހި އެވެ. ނަމަވެސް، ގޯލު ޖަހަމުން ޖަހަމުން ގޮސް، ޖަރުމަނު ޓީމަށް އެންމެ ފަހުން އޮޅިގެން ބައިކޮޅަށް ވެސް ގޯލެއް ޖެހުނީ އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުމަށްފަހު ފުލްކްރުގް ވަނީ ފަސް މިނެޓު ތެރޭގައި ގޯލެއް ޖަހާފައި

ސްކޮޓްލެންޑަށް ލިބުނު ހިލޭ ޖެހުމަކުން ނަގައިދިން ހުރަހެއްގައި ބޯޅަ ސާފުކުރަން އުޅުމުގެ ތެރޭގައި ޖަރުމަނު ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއަށް ބޮލުން ޖައްސާލެވުނީ އަމިއްލަ ގޯލާ ދިމާލަށެވެ. މުޅި މެޗުގައި އެއްވެސް ނުރައްކަލަކާ ކުރިމަތިނުވެ ހުރި ތަޖުރިބާކާރު ޖަރުމަނު ކީޕަރު މެނުއެލް ނޯޔާއަށް އެ ބޯޅަ ނުހުއްޓުވުނެވެ. ރޭގެ މެޗުގައި ސްކޮޓްލެންޑަށް ލިބުނު ހަމައެކަނި ހިތްހަމަޖެހުމަކީ ވެސް އެއީ އެވެ.

ރުޑިގާ އަތުން ބައިކޮޅަށް ގޯލެއް ވަދެ، ކްލީންޝީޓެއް ނުލިބުމުން ޖަރުމަން ކުޅުންތެރިން ތިބީ ހިތްހަމަނުޖެހިފައި

ޖަރުމަނުގެ ފަހު ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އެމްރޭ ޗާން އެވެ.

މިއީ ޖަރުމަނުގެ ތާރީހުގައި ވެސް ޔޫރޯ މުބާރާތެއްގައި އެންމެ ތަފާތު ބޮޑުކޮށް މޮޅުވި މެޗެވެ. މުބާރާތް ބާއްވާ ގައުމުކަކުން، ހުޅުވާ މެޗުގައި ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާ ވެސްމެ އެވެ. އެ މެޗުގައި ވާޓްޒް ވެސް ވަނީ ތާރީހު ފޮތުން ޖާގައެއް ހޯދަފަ އެވެ. އެއީ ޔޫރޯގައި ޖަރުމަނަށް ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އާއި ޔޫރޯ މުބާރާތެއްގެ ފުރަތަމަ ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގަ އެވެ. ރޭގެ މެޗަށް ނުކުތްއިރު އޭނާގެ އުމުރަކީ 21 އަހަރާއި 42 ދުވަހެވެ.

ފްލޯރިއަން ވާޓްޒް. އޭނާއަކީ ނިމިދިޔަ ބުންޑަސްލީގާގެ އެންމެ މޮޅު ކުޅުންތެރިޔާ

ގްރޫޕް އޭގައި މިއަދު ދެން ކުޅޭނީ ހަންގޭރީ އާއި ސުވިޒަލެންޑް ބައްދަލުކުރާ މެޗެވެ. އެއަށް ފަހު ޖަރުމަން ދެން ނުކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ. އަދި ސްކޮޓްލެންޑް ބައްދަލުކުރާނީ ސުވިޒަލެންޑާ އެވެ.

މިއަދު ކުޅޭ މެޗުތައް

  • ހަންގޭރީ - ސުވިޒަލެންޑް (ހަވީރު 6 ޖަހާއިރު)

  • ސްޕެއިން - ކްރޮއޭޝިއާ (ރޭގަނޑު 9 ޖަހާއިރު)

  • އިޓަލީ - އަލްބޭނިއާ (ދަންވަރު 12 ޖަހާއިރު)

އިތުރު އާޓިކަލް

އިތުރު އާޓިކަލް