6 ޖޫން 2024 - ކްރިސްޓިއާނޯ ރޮނާލްޑޯ 2016ގެ ޔޫރޯ ތަށި ހިފައިގެން: މި މަހު ޖަރުމަންގައި އޮންނަ ޔޫރޯއަށް ވެސް ޕޯޗުގަލްގެ ޓީމަށް އޭނާ ވަނީ ނަގާފައި

ޔޫރޯ 2024

ރޮނާލްޑޯއަށް މިހާރު ވެސް އެތައް ރެކޯޑެއް، އެކަމަކު ދެން ވެސް އާ ރެކޯޑްތައް ހެދެން އޮތީ އޭނާއަށް

ޕޯޗުގަލްގެ ތަރިއަށް އަލަށް ހެދެން ހުރި ރެކޯޑްތަކުގެ ތެރޭގައި ޔޫރޯގައި ލަނޑު ޖަހާ އެންމެ ދޮށީ ކުޅުންތެރިޔާއަށް ވުމާއި ލަނޑު ޖަހަން އެންމެ ގިނަ ފުރުސަތު އުފެއްދުން ހިމެނޭ
6 ޖޫން 2024

ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށެން ކައިރިވާ އިރު އެއް ކުޅުންތެރިޔަކާ ބެހޭ ވާހަކަތައް މީޑިއާގައި ގިނަވެ އެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާ ގުޅިފައި ހުރި ރެކޯޑްތަކާއި އާ ރެކޯޑްތައް ހަދަން އޭނާއަށް އޮތް ފުރުސަތު ވެސް ބޮޑެވެ.

މިހާތަނަށް ޔޫރޯއާ ގުޅޭ ބައެއް ރެކޯޑްތައް ހުރީ، 39 އަހަރުގެ ފޯވަޑްގެ އަތުގަ އެވެ. އެގޮތުން:

  • 14 ލަނޑު: ޔޫރޯގައި ކުޅުންތެރިޔަކު މިހާތަނަށް އެންމެ ގިނައިން ޖެހި އަދަދު

  • 25 މެޗު: ޔޫރޯގައި އެއް ކުޅުންތެރިޔަކު އެންމެ ގިނައިން މެޗު ކުޅުނު ވަރު

  • 137: ލަނޑު ޖަހަން އެންމެ ގިނަ ފަހަރު މަސައްކަތްކުރުން

ޔޫރޯގައި ރޮނާލްޑޯ އެންމެ ފުރަތަމަ ކުޅެން ފެށީ އުމުރުން އެންމެ 19 އަހަރުގައި 2004ގަ އެވެ. އަމިއްލަ ގައުމުގައި އޮތް މުބާރާތުގެ ފައިނަލަށް ވެސް ޕޯޗުގަލް އެފަހަރު ދަތުރުކުރި އެވެ. ނަމަވެސް ގްރީސް އަތުން ފައިނަލްގައި ބަލިވީ އެވެ.

މިހާތަނަށް ޔޫރޯގެ ފަސް މުބާރާތުގައި ރޮނާލްޑޯ ކުޅެފި އެވެ. އަނިޔާއެއް ނުވެއްޖެ ނަމަ މިއީ ހަ ވަނަ މުބާރާތެވެ.

ގަތަރު ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލްގައި މޮރޮކޯ އަތުން 1-0 އިން ބަލިވެ ކެޓުމުން ރޮނާލްޑޯ ހިތާމަކުރަނީ (ފޮޓޯ/ފީފާ)

މި ފަހަރުގެ މުބާރާތުގައި ރޮނަލްޑޯއަށް ކުޅެވޭ ނަމަ އޭނާއަށް ހެދެން ހުރި ރެކޯޑްތައް ވެސް އެބަ ހުއްޓެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ރެކޯޑްތަކަކީ:

  • ލަނޑު ޖަހަން އެންމެ ގިނަ ފުރުސަތު ހޯދައިދިނުން

މި ރެކޯޑް މިހާރު އޮންނަނީ ޕޯޗުގަލްގެ ކުރީގެ ތަރި ލުއިސް ފީގޯ އަތުގަ އެވެ. އޭނާ ވަނީ 42 ފުރުސަތު އުފައްދައިފަ އެވެ. ރޮނާލްޑޯގެ ޖުމްލައަކީ 41 އެވެ. އެހެންކަމުން އެ ރެކޯޑް މުގުރާލުން އޮތީ އަތުޖެހޭ ހިސާބުގަ އެވެ.

  • ލަނޑު ޖަހާ އެންމެ ދޮށީ ކުޅުންތެރިޔާ

ދެން ހެދިދާނެ އަނެއް ރެކޯޑަކީ ޔޫރޯގައި ލަނޑު ޖަހާ އެންމެ ދޮށީ ކުޅުންތެރިޔާގެ ރެކޯޑެވެ. މިހާތަނަށް އެ ރެކޯޑް އޮތީ އޮސްޓްރިއާގެ އިވިކާ ވަސްޓިޗު އަތުގަ އެވެ. ޕޯލެންޑް ކޮޅަށް 2008ގައި އޭނާ ލަނޑު ޖެހި އިރު އުމުރަކީ 38 އަހަރެވެ.

ކުރިއަށް އޮތް މުބާރާތުގައި ކުޅޭ އެންމެ ދޮށީ ކުޅުންތެރިޔަކީ ރޮނާލްޑޯއެއް ނޫނެވެ. ޕޯޗުގަލްގެ ދިފާއީ ކުޅުންތެރިޔާ 41 އަހަރުގެ ޕެޕޭ ވަނީ ސްކޮޑަށް ނަގައިފަ އެވެ. އެކަމަކު މިއީ އާންމުކޮށް ލަނޑު ޖަހާ ކުޅުންތެރިޔަކަށް ނުވާތީ، ރޮނަލްޑޯއަށް އޮތް ފުރުސަތު ބޮޑުވަނީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް