ފްރާންސް އާއި ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ

މިއީ ހުވަފެނެއް ހަގީގަތަކަށް ވުން: އެމްބާޕޭ

ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އޭނާގެ އުފަން ސިޓީގެ ޕީއެސްޖީ ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް މިހާރު ވަނީ ސޮއިކޮށްފައި
4 ޖޫން 2024

ކުޑައިރު އޭނާގެ ކޮޓަރީގައި ހަރުކޮށްފައި ހުރީ ކްރިސްޓިއާނޯ ރޮނާލްޑޯ، ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އައިއިރު އޭނާގެ ފޮޓޯތަކެވެ. ރޮނާލްޑޯއަކީ، ކީލިއަން އެމްބާޕޭގެ ކުޑައިރުގެ އުއްމީދެވެ.

ފަސް އަހަރުގެ އެގްރިމެންޓެއްގައި އެމްބާޕޭ މިހާރު ވަނީ ރެއާލްއަށް ސޮއިކޮށްފަ އެވެ. އަންނަ މަހު އޭނާގެ ދިިރިއުޅުން ފްރާންސްގެ ޕެރިހުން މެޑްރިޑަށް ބަދަލުކުރާނެ އެވެ. އޭގެ ކުރިން ރެއާލްގެ ބޮޑު ދަނޑު ސެންޓިއާގޯ ބެރްނެބެއޫގައި، ރެއާލްގެ ޖާޒީގައި، ސަޕޯޓަރުންނަށް އޭނާ ދައްކާލުން އޮންނާނެ އެވެ.

މަދުވެގެން 240 މިލިއަން ޑޮލަރު (3.7 ބިލިއަން ރުފިޔާ)ގެ އަގުހުރި އެއްބަސްވުމަށް ފަހު އިންސްޓަގްރާމްގައި ލިއުނު ޕޯސްޓެއްގައި އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ބުނީ 'މިއީ ހުވަފެނެއް ހަގީގަތަކަށް ވުން' ކަމަށެވެ.

"އަހަރެން މިވަގުތު އުފާވެފައި ހުރި ވަރު އެކަކަށް ވެސް ނޭނގޭނެ އެވެ،" އެމްބާޕޭ ލިއުނެވެ.

"އަހަރެންގެ ހުވަފެންތައް ގުޅިފަައި އޮތް ކްލަބާ ގުޅުނީތީ އުފާވުމާ އެކު އެހާމެ ފަހުރުވެރި ވެސް ވަމެވެ."

އެމްބާޕޭގެ އާމްދަނީ މަދުވެގެން 240 މިލިއަން ޑޮލަރަށް އަރާނީ އެއްބަސްވުމުގެ ދަށުން އަހަރަކު ލިބޭ 16 މިލިއަން ޑޮލަރު (246 މިލިއަން ރުފިޔާ)ގެ މުސާރަ އާއި ސޮއިކުރުމުގެ ބޯނަސްގެ ގޮތުގައި ދޭ 160 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ) އެއްކޮށްލުމުންނެވެ. އޭނާގެ ފޮޓޯ ބޭނުންކޮށްގެން ރެއާލްއިން ކުރާ ވިޔަފާރިން ވެސް ވަކި ޕަސެންޓެއް ލިބެ އެވެ. އެކަމަކު އެއީ ކިހާ ވަރެއްކަން އަދި ލަފައެއް ނުކުރެވެ އެވެ. 

މީގެ ދެ ދުވަސް ކުރިން ޗެމްޕިއަންސް ލީގުގެ ތަށި 15 ވަނަ ފަހަރަށް އުފުލާލި ރެއާލްއަށް އެމްބާޕޭ ދިއުމަކީ، އެ ކްލަބް އާ ޖީލެއްގެ ކުޅުންތެރިންނާ ދިމާއަށް ފުރޮޅާލުމެވެ. މިހާރު ތިބި ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އާއި ރޮޑްރިގޯ އަދި އެ ގައުމުގެ ކުރިމަގުގެ 'ޖާދޫ' ކަމަށް ބެލެވޭ އެންޑްރިކްގެ އިތުރުން އިންގްލެންޑްގެ ޖޫޑް ބަލިންހަމްއަކީ ހުނަރުން ފުރިފައި ތިބި ޒުވާން ކުޅުންތެރިންނެވެ.

ކޯޗު ކާލޯ އަންޗެލޮޓީއަށް ކުރިއަށް އޮތް ސީޒަންގައި ވަރުގަދަ ޓީމެއް ތައްޔާރުކުރުމުގެ ފުރުސަތު މި އޮތީ ހުޅުވިފަ އެވެ. ހަލުއި ފޯވަޑް ލައިންގައި އެމްބާޕޭ ބޭނުންކުރާނެ ގޮތް މިހާރު ވެސް އޭނާގެ ސިކުނޑީގައި އޮތް ކަމަށް، މީޑިއާތަކުން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް