ޕީއެސްޖީގެ ކީލިއަން އެމްބާޕޭ: ދެން ފެންނާނީ ރެއާލް މެޑްރިޑުން

އެމްބާޕޭ ފަސް އަހަރުގެ އެއްބަސްވުމެއްގައި ރެއާލްއަށް ސޮއިކޮށްފި

ފްރާންސާއި ޕީއެސްޖީގެ ތަރި ރެއާލްގެ ސަޕޯޓަރުންނަށް ރަސްމީކޮށް ދައްކާލުން އޮންނާނީ ޔޫރޯ ފެށުމުގެ ކުރިން
3 ޖޫން 2024

އެންމެ ފުރަތަމަ އަޑުއެހީ ރެއާލް މެޑްރިޑަށް އޭނާ ދާން އުޅޭ ވާހަކަ އެވެ. އޭގެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޕީއެސްޖީ ކެޓުމާ އެކު އިއުލާންކުރީ މި ސީޒަނަށް ފަހު ޕީއެސްޖީގައި އޭނާ ނުހުންނާނެ ކަމަށެވެ. މިހާރު އެންމެ ފަހުން ފަސް އަހަރުގެ އެއްބަސްވުމެއްގައި ކީލިއަން އެމްބާޕޭ ސޮއިކުރީ އެވެ.

ޕީއެސްޖީއާ އެކު އެމްބާޕޭ، 25، ހަދާފައި އޮތް އެއްބަސްވުން ނިމޭނީ މި މަހު 30ގަ އެވެ. އޭނާ ރެއާލްއަށް ބަދަލުވީ ޓްރާންސްފާ އެއްވެސް ފީއެއް ނެތި އެވެ.

ރެއާލްއާ އެކު 2029އާ ހަމައަށް ހެދި އެއްބަސްވުމުގެ ދަށުން އަހަރަކު 16 މިލިއަން ޑޮލަރު (246 މިލިއަން ރުފިޔާ)ގެ މުސާރައެއް ލިބޭނެ އެވެ. އޭގެ އިތުރުން ސޮއިކުރުމުގެ ބޯނަސްއަކަށް 160 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ)، ފަސް އަހަރަށް ބަހާލައިގެން ވެސް ދޭ ގޮތަށް ވަނީ އެއްބަސްވެ އެވެ.

ދެން ރެއާލްގައި އޭނާއަށް ލިބޭނެ އާމްދަނީއަކީ އޭނާގެ ފޮޓޯ ބޭނުންކޮށްގެން ކުރާ ވިޔަފާރީގެ ވަކި ޕަސެންޓެކެވެ.

ރެއާލްގެ އަމިއްލަ ދަނޑު ސެންޓިއާގޯ ބެރްނެބެއޫގައި ސަޕޯޓަރުންގެ ކުރިމަތީގައި އެމްބާޕޭ ދައްކާލުން އޮންނާނީ މި މަހު ޖަރުމަންގައި ފަށާ ޔޫރޯގެ ކުރިންނެވެ. ސްޕެއިންއަށް އޭނާ ބަދަލުވާނީ ޔޫރަޕްގެ ޓްރާންސްފާ މުއްދަތު 1 ޖުލައިގައި ފެށުމުންނެވެ.

އެމްބާޕޭއާ އެކު ރެއާލްއިން އަންނަ ސީޒަންގައި ފެންނާނެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔަކަށް ވާނީ ލޫކާ މޮޑްރިޗް އެވެ. އުމުރުން 38 އަހަރުގެ ކުޅުންތެރިޔާ ވަނީ އެއް އަހަރުގެ ދުވަހުގެ އާ އެގްރިމެންޓެއްގައި ސޮއިކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް