އެފްއޭ ކަޕް ކާމިޔާބު ކުރުމަށްފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ޔުނައިޓެޑުން ބުނީ ސިޓީއަށް ހުރިހާ މޮޅެއް ނުލިބޭނެ ކަމަށް

ފޯރިގަދަކޮށް ފެނުނު އެފްއޭ ކަޕްގެ ފައިނަލް މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓުކޮށް، ދެ ގޯލާ އެކު ލީޑު ނެގީ ޔުނައިޓެޑުން. މެޗުގެ ދެ ވަނަ ހާފުގައި ސިޓީއިން ގޯލެއް ޖެހި ނަމަވެސް 2-1ގެ ނަތީޖާއަކުން މޮޅުވީ ޔުނައިޓެޑް.
25 މޭ 2024

ހަނި ގޮތަކަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ މިރޭ އެފްއޭ ކަޕްގެ ފައިނަލުގައި ނުކުތީ މިވަގުތު އަނިޔާގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެ، ބަލިކަށިވެފައި އޮތް މެންސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. މެޗުގެ ފުރަތަމަ މިނެޓުގައި ވެސް ސިޓީއިން އެދުނީ ޕެނަލްޓީއަކަށެވެ. ރެފްރީ ނިންމީ ޕެނަލްޓީ ދޭންޖެހޭ ވަރުގެ ކަމެއް ނުހިނގާ ކަމަށެވެ.

ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް މެޗުގެ 30 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. އަމިއްލަ ހާފުގެ އެންމެ ފަހަތުން ޑިފެންޑަރު ޑަލޮޓް، މަތިމަތިން ނަގައިދިން ހުރަހަށް މަސައްކަތް ކުރީ ގާނާޗޯ އާއި ސިޓީއަށް ލީގު ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކުރި ޑިފެންޑަރު ގުވާޑިއޯލް އެވެ.

ގުވާޑިއޯލް މަސައްކަތްކުރީ މަތިން އައި އެ ބޯޅަ ބޮލުން ކީޕަރަށް ޖައްސާލުމަށެވެ. އޭނާއަށް ހެދުނު އެ ގޯހުގެ ބޮޑުކަން، ގޯލުގެ ފަހަތުގައި ތިބި ސިޓީގެ މަދު ސަޕޯޓަރުން ކޮޅު ތެދުވެ، ބޮލުގައި އަތް އެޅި ހިސާބުން އެނގޭނެ އެވެ. ކީޕަރުގެ އަތުގައި ނުޖެހި، ބޯމަތިން ދިޔަ އެ ބޯޅަ، ހުސް ދާގަނޑުގެ ތެރެއަށް ފޮނުވާލުމަކީ ގާނާޗޯއަށް އެއްވެސް ކަމަކަށް ނުވި އެވެ.

ސިޓީގެ ގުވާޑިއޯލް ބޮލުން ކީޕަރަށް ޖައްސާލި ބޯޅަ ދިޔައީ މާ މަތިން.
ޔުނައިޓެޑުގެ ގާނާޗޯ އެ ޓީމުގެ ފުރަތަމަ ގޯލު ޖެހި ވަގުތު.

ސިޓީގެ ބެންޗު ކައިރީގައި ކޯޗު ގާޑިއޯލާ ހުރީ ހުއްޓުން އަރާފަ އެވެ. އުނަގަނޑުގައި އަތް ވިއްދާލައިގެން މިނެޓެއް ހާއިރު ވަންދެން އޭނާ ބަލަން ހުރީ ގޯސް ހެދި ގުވާޑިއޯލް އާއި ކީޕަރު އޯޓޭގާއަށެވެ. އަދި އިރުކޮޅެއް ނުވަނީސް ބެންޗުގައި އިން ސިޓީގެ ޑިފެންޑަރު އަކަންޖީ ވޯމްއަޕްކުރަން ފޮނުވާލި އެވެ.

ނަތީޖާއާ މެދު ގާޑިއޯލާ (ވ)ގައި ހިތްހަމަނުޖެހިފައި.
ސިޓީގެ ސަޕޯޓަރުން. ޔުނައިޓެޑުގެ ގޯލާ އެކު ސަޕޯޓަރުން ހުއްޓުން އެރި.

އޭގެ 8 ވަރަކަށް މިނެޓު ފަހުން ޔުނައިޓެޑުގެ ރަޝްފޯޑް އިތުރު ގޯލެއް ޖެހި ނަމަވެސް، ލައިންސްމަން ނިންމީ އޭގެ މާ ކުރިން، ރަޝްފޯޑަށް ޕާސް ދިން ގާނާޗޯއަށް ބޯޅަ ލިބުނުއިރު އޭނާ ހުރީ އޮފްސައިޑުގައި ކަމަށެވެ.

އެއީ މާ ބޮޑު މައްސަލައަކަށް ނުހަދައި، މިނެޓެއް ފަހުން އަނެއްކާ ވެސް ސިޓީގެ ގޯލު އޮތީ ފޫއަޅުވައިލާފަ އެވެ. މިފަހަރު އޮފްސައިޑޭ ބުނާނެ އެއްވެސް ފުރުސަތެއް ނެތެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފަނާންޑޭޒް ހަމަޖެހިލާފައި ދިން ޕާސް، އެއަށް ވުރެ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލީ ޔުނައިޓެޑުގެ ޒުވާން ތަރި ކޯބީ މައިނޫ އެވެ.

މައިނޫ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަނީ.
ޔުނައިޓެޑުގެ ދެ ވަނަ ގޯލު ޖެހުމަށްފަހު މައިނޫ އުފާ ފާޅު ކުރަނީ.

މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ފެނުނީ މި ސީޒަނުގައި ޗެމްޕިއަންކަން ހޯދަން ސިޓީއިން އާންމުކޮށް ދެއްކި ކުޅުމާ މުޅިން ހިލާފު ކުޅުމެވެ. މާ ބޮޑު ރޭވުންތެރިކަމެއް ނެތެވެ. މުޅި ހާފުގައި ވެސް އެންމެ ތިން ޝޮޓު ހެދިއިރު، ޔުނައިޓެޑުގެ ކީޕަރު އޮނާނާ ޓެސްޓު ކޮށްލެވުނީ އެންމެ ފަހަރަކު އެވެ.

ޔުނައިޓެޑުގެ ދެ ވަނަ ގޯލާ އެކު ސިޓީގެ ކުޅުންތެރިން މާޔޫސްވެފައި.

ސިޓީ ދެ ވަނަ ހާފަށް ނުކުތީ ދެ ބަދަލަކާ އެކު އެވެ. ހީކުރި ގޮތަށް އަކަންޖީ އެރުވި ނަމަވެސް، ފޭބީ ގުވާޑިއޯލްގެ ބަދަލުގައި އަކޭ އެވެ. އަދި މެދުތެރެއިން ކޮވަސިޗުގެ ބަދަލުގައި އެރުވީ ޑޯކޫ އެވެ.

ބަދަލުތަކާ އެކު ނުކުމެ ސިޓީގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކުރި އެވެ. ޓީމުގެ ކުޅުން އަވަސްކޮށް، ފުލުފުލުގައި ޔުނައިޓެޑުގެ ގޯލަށް ނުރައްކާކުރަން ފެށި އެވެ.

ނަތީޖާއަކަށް ވީ، މެޗުގެ ފުރިހަމަ ވަގުތުން ހަމަވާން ތިން މިނެޓަށް ވެފައި އޮއްވާ ސިޓީއިން ލަނޑެއް ޖެހުމެވެ. ބަދަލުގައި ކުޅެން އެރި ޑޯކޫ ތިރިތިރިން ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ޔުނައިޓެޑުގެ ތިން ޑިފެންޑަރުންގެ ފައިގައި ނުޖެހި، އެހެން ނަމަވެސް ކީޕަރުގެ އަތުގައި ޖެހިފަ އެވެ.

އިތުރު ވަގުތަށް ހަތް މިނެޓު ދިން ނަމަވެސް ސިޓީއަށް އިތުރަކަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ފަހު ކަށިގަނޑު ފުމެލިއިރު މެޗުގެ ނަތީޖާ އަކީ 2-1 އެވެ. މިއީ މިދިޔަ އަހަރުގެ ވެސް އެފްއޭ ކަޕްގެ ފައިނަލްގެ ނަތީޖާ އެވެ. ތަފާތަކީ، މިދިޔަ އަހަރު ސިޓީ މޮޅުވި ކަމެވެ.

ޔުނައިޓެޑަށް ގޯލުތައް ޖަހައިދިން ގާނާޗޯ (ކ) އާއި މައިނޫ. ޔުނައިޓެޑުން މި މެޗު ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުން.

އަނިޔާގެ މައްސަލައާ ހުރެ ޔުނައިޓެޑާ ބަލާއިރު މި ސީޒަންގައި ދަށް ނަތީޖާއެއް ނެރެވުނު ނަމަވެސް ސިޓީއަށް އެ ދިން މެސެޖު ވަރަށް ސާފެވެ: ސިޓީއަކަށް ވެސް ހުރިހާ މޮޅެއް ނުލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް