ބާންލީގެ ކޯޗު ވިންސެންޓް ކޮމްޕެނީ: އޭނާ ކޯޗަކަށް ހަމަޖައްސަން ޖަރުމަންގެ ބަޔާން މިޔުނިކުން އަންނަނީ ވާހަކަ ދައްކަމުން

ބަޔާން މިޔުނިކް

ކޮމްޕެނީގެ ބާންލީ އިނގިރޭސި ލީގުގައި ދިޔައީ ފުލަށް، އެކަމަކު ބަޔާން މިޔުނިކުން އޭނާ ކޯޗަކަށް ހަމަޖައްސަނީ

މެންޗެސްޓަ ސިޓީގެ ކުރީގެ ކެޕްޓަން ޖަރުމަންގެ އެންމެ ވަރުގަދަ ކްލަބްގެ ކޯޗުގެ މަގާމަށް ގެންދިއުމަކީ ގިނަ ބަޔަކަށް ހައިރާންކަމެއް
24 މޭ 2024

އިނގިރޭސި ޕްރިމިއަ ލީގުގެ ފުލުން ދެ ވަނާގައި އޮވެ ރެލިގޭޓްވި ބާންލީގެ ކޯޗު ވިންސެންޓް ކޮމްޕެނީ ޖަރުމަންގެ ބިޔަ ކްލަބް ބަޔާން މިޔުނިކްގެ ކޯޗަކަށް ހަމަޖެއްސުމުގެ ވާހަކަތައް ފަށައިފި އެވެ. އެކަމަކު މިއީ ވަރަށް ގިނަ ބަޔަކު ހައިރާންވި ނިންމުމެކެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ ކްލަބްތަކުގެ ތެރޭގައި ހިމެނޭ ބަޔާންއިން މިހާރު އަންނަނީ ބާންލީއާ އެކު ވާހަކަތައް ބާއްވަމުންނެވެ. ބާންލީއާ އެކު ކޮމްޕެނީ ހެދި އެއްބަސްވުން މިދިއަ އަހަރު ވަނީ ފަސް އަހަރުގެ މުއްދަތަކަށް އާކޮށްފަ އެވެ. އެހެންކަމުން ކޮމްޕެނީ ގެންދާ ނަމަ ބަދަލުގެ ގޮތުގައި ފައިސާ ދައްކަން ޖެހޭނެ އެވެ.

މެންޗެސްޓަ ސިޓީގެ ކެޕްޓަންކަން ކުރި އަދި ކުޅުންތެރިއެއްގެ ގޮތުން ހަތަރު ފަހަރަށް އިނގިރޭސި ޕްރިމިއަ ލީގު ކާމިޔާބުކޮށްފައިވާ 38 އަހަރުގެ ކޮމްޕެނީއަކީ މޮޅު ކޯޗެއްގެ ކުރިމަގު އޮތް ފުޓްބޯޅައިގެ ވިސްނުންތެރިއެއް ކަމަށް ބެލެވެ އެވެ. މިދިއަ ސީޒަނަށް ބާންލީ ޕްރިމިއަ ލީގަށް އެރުވީ އޭނާގެ ވަރަށް ތަފާތު ރޭވުންތެރިކަމަކާ އެކުގަ އެވެ. ނަމަވެސް ޕްރިމިއަ ލީގުގައި އުއްމީދުުކުރި ވަރުގެ ނަތީޖާއެއް ނުނެރެވި ޗެމްޕިއަންޝިޕްއަށް ރެލިގޭޓްވީ، 20 ޓީމު ހިމެނޭ ތާވަލްގެ ފުލުހުން ދެ ވަނާގައި އޮވެގެންނެވެ.

ކޮމްޕެނީ ވަނީ ކުރިން ޖަރުމަން ލީގުގައި ވެސް ކުޅެފަ އެވެ. އޭނާއަށް ޖަރުމަން ބަސް ވެސް އެނގެ އެވެ. ކޮމްޕެނިއާ އެކު ބާންލީގައި ހިމެނޭ އޭނާގެ ކޯޗިން ހުރިހާ މުވައްޒަފުން ވެސް ބަޔާނަށް ބަދަލުވާނެ ކަމަށް ބެލެވެ އެވެ.

ބަޔާންގެ މިހާރުގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ސީޒަނަށް ފަހު މަގާމުން ދުރުވެފަ އެވެ. އޭނާ ބެހެއްޓޭތޯ ފަހު ވަގުތު ވެސް މަސައްކަތްކުރި އެވެ. ބަޔާނުން ދެން ބޭނުންވި އެހެން ކޯޗުންގެ ތެރޭގައި މިފަހަރު ބުންޑަސްލީގާ ކާމިޔާބުކުރި ބަޔާ ލެވަކޫސަންގެ ކޯޗު ޒާބީ އެލޮންސޯ ވެސް ހިމެނެ އެވެ. ނަމަވެސް އޭނާ ނިންމީ ލެވަކޫސަންގައި މަޑުކުރާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް