މެންޗެސްޓަ ސިޓީގެ ކުޅުންތެރިން، ކޯޗު ޕެޕް ގާޑިއޯލާގެ ބެލުމުގެ ދަށުން، އިނގިރޭސި ޕްރިމިއަ ލީގުގެ ތަށި މިިދިއަ އަހަރު އުފުލާލަނީ

މެންޗެސްޓާ ސިޓީ

ގާޑިއޯލާ: ފައިސާއިން ވާ ކަމެއް ނަމަ ޗެލްސީ އާއި ޔުނައިޓެޑަށް އެކަން ނުވަނީ ކީއްވެ؟

ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އިނގިރޭސި ޕްރިމިއަ ލީގު ހޯދުމުގެ މުހިންމު މެޗަކަށް މިރޭ ނުކުންނަ އިރު މެންޗެސްޓަ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އޭނާގެ ޓީމާ މެދު ދައްކާ ވާހަކަތަކަށް ރައްދުދީފައި
14 މޭ 2024
2

މެންޗެސްޓަ ސިޓީއަށް އެހާ ބޮޑެތި ކާމިޔާބު ހޯދެނީ އެވަރަށް ފައިސާ ހޭދަކޮށްގެން ކަމަށް ބުނާ ބުނުމަށް ކޯޗު ޕެޕް ގާޑިއޯލާ އިއްޔެ ޖަވާބު ދީފި އެވެ. އޭނާ މިސާލު ނެގީ މެންޗެސްޓަ ޔުނައިޓެޑް އާއި ޗެލްސީންނެވެ. އޭނާ ސުވާލުކުރީ ފައިސާއިން އެކަން ވާ ނަމަ އެ ދެ ކްލަބަށް އެކަން ނުވަނީ ކީއްވެގެން ހެއްޔޭ އެވެ.

ޖެހިޖެހިގެން ހަތަރު އަހަރު އެއްވެސް ޓީމަކަށް އިނގިރޭސި ލީގު ކާމިޔާބުކުރެވިފައެއް ނެތެވެ. އެކަމަކު ގާޑިއޯލާއަށް އެ ޝަރަފު ލިބެން ދެން އޮތީ އެންމެ ދެ މެޗެވެ. އޭގެ ތެރެއިން މިރޭ ޓޮޓެންހަމް ހޮޓްސްޕާގެ ދަނޑުގައި ނުކުންނަ އިރު ގިނަ މީހުންގެ ހިތުގައި ސިޓީއާ މެދު ޝައްކެއް ނެތެވެ. އެއީ ޓޮޓެންހަމްގެ އާ ދަނޑުގައި މިހާތަނަށް ސިޓީއަށް ލީގުގައި އަދި އެންމެ ލަނޑެއް ކާމިޔާބުކުރެވިފައި ނެތް ނަމަވެސް މެ އެވެ.

ގާޑިއޯލާ ބުނީ ޔުނައިޓެޑް އާއި ޗެލްސީ އަދި އާސެނަލް ވެސް މިދިއަ ފަސް އަހަރު ސިޓީއެކޭ އެއްގޮތަށް ފައިސާ ހޭދަކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ޓީމުތަކަށް ސިޓީއާ އެއްވަރުގެ ކާމިޔާބު ލިބިފައިނުވާކަން އޭނާ ފާހަގަކުރި އެވެ.

މެންޗެސްޓަ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ގާޑިއޯލާ ބުނި ގޮތުގައި ޖެހިޖެހިގެން ހަތަރު އަހަރު ލީގު ނެގިދާނެ ކަމަށް، މި ސީޒަން ފެށިއިރު އޭނާގެ ސިކުނޑީގައި ނެތެވެ. ނަމަވެސް ފެބްރުއަރީ، މާޗު އަދި އެޕްރީލް މަހު ވެސް އެހާ ކުރީގައި އުޅުމުން، އެއީ ވެދާނެ ކަމެއް ކަމަށް ގަބޫލުކުރެވުނު ކަމަށް ބުންޏެވެ.

"އެއްވެސް ޓީމަކަށް މިހާތަނަށް ކުރެވުނު ކަމެއް ނޫން އެއީ. އެހެންވެ އެނގޭ އެއީ ކިހާ އުނދަގޫ ކަމެއް ކަން ވެސް. ލިވަޕޫލަށް 80ގެ އަހަރުތަކުގައި، ސާ އެލެކްސް ފާގަސަންއާ އެކު ޔުނައިޓެޑަށް 1990ގެ އަހަރުތަކުގައި، [ރޯމަން] އަބްރޮމޮވިޗް އާއި ހޯސޭ މޮރީނިއޯއާ އެކު ޗެލްސީއަށް އަދި އާސެން ވެންގާއާ އެކު އާސެނަލްއަށް ވެސް އެކަމެއް ނުކުރެވުނު،" ގާޑިއޯލާ ބުންޏެވެ.

މިރޭ މެޗުން މޮޅުވުން ސިޓީއަށް މަޖުބޫރެވެ. މެޗު އެއްވަރުވިޔަސް ލީގުގެ އެންމެ ފަހު 10 މެޗު އޮންނަ އަންނަ އާދިއްތަދުވަހުގެ ރޭ، އާސެނަލްއަށް ތަށި ލިބުމުގެ ފުރުސަތު ބޮޑެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ދޭއް

  • 1-

    އާސެނަލް، ކުޅުނު 37، ޕޮއިންޓް 86 (ފައިދާ ގޯލް: 61)

  • 2-

    މެންޗެސްޓަ ސިޓީ، ކުޅުނު 36، ޕޮއިންޓް 85 (ފައިދާ ގޯލް: 58)

އާސެނަލް އާއި ސިޓީގެ ކުރިއަށް ހުރި މެޗުތައް

  • ސިޓީއަށް: ޓޮޓެންހަމް (މިރޭ)، ވެސްޓް ހެމް (އަންނަ އާދިއްތަދުވަހުގެ ރޭ)

  • އާސެނަލްއަށް: އެވަޓަން (އަންނަ އާދިއްތަދުވަހުގެ ރޭ)

ކޮމެންޓް (2)

އަސްމާ އަހްމަދު

14 މޭ 2024
ފައިސާ ހަރަދު ކުރެވޭ ދެގޮތެއް ހުރޭ. އެއީ ފޮތުގައި ޖަހައިގެން ފެންނަ ގޮތަށް ހަރަދު ކުރުމާއި، ފޮތުގައި ޖަހަން ނުޖެހޭ ގޮތަށް، ފޮތަށް ނުވެސް ފެންނާނެ ގޮތަށް އެކި އެކި ހަދިޔާތައް ދީގެން އެކަން ކުރުން. މެންޗެސްޓާ ސިޓީ ފޮތުން ބޭރުން ކުރާ ކަންކަމާ ހެދި އަށް ވުރެ ގިނަ މާލީ ގަވާއިދުތަކާ ހިލާފުވާކަމަށް ބުނެ ތަހްގީގެއް އެބަ ހިނގާ. ކީއްވެ؟ އެޕާޓްމަންޓުތަކާ ބިންތަކާ އެކި ތަންތަނުން ކުޅުންތެރިންނަށް އެހެނިހެން ގޮތްގޮތުން ދީ. ފައިސާ ދެނީ ސިޓީ ފުޓުބޯޅަ ކްލަބަކުން ނޫން. އަބޫ ދާބީއިން. ވެރިޔާގެ ލާރި ކޮންމެ ގޮތަކަށް ހަރަދު ކުރިއަށް ދުބާއީގެ އިދާރާއެއް ތަހްގީގެއް ނުކުރާނެ ދޯ؟ ޗެލްސީ އާއި މެން ޔުނައިޓެޑްގެ އޯނަރުން ވެސް ޑިމޮކްރެޓިކް ނޫން ގައުމަކަށް ނިސްބަތްވެފައި ތެޔޮ ވަޅެއް އޮތް ނަމަ މަންޒަރު ވަރަށް ތަފާތު ވާނެ.
0 0

ހާލަންޑް

24 މޭ 2024
@އަސްމާ އަހްމަދު ހަޖަމް ޕުލީޒް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް