އާސެނަލް ކުޅުންތެރިން ލަނޑަކަށް ފަހު އުފާ ފާޅުކުރަނީ: ޗެމްޕިއަންކަން ލިބެން އޮތީ ފަހު ދުވަހު މެންޗެސްޓަ ސިޓީ ބަލިވެގެން

އާސެނަލް

އާސެނަލް މޮޅުވެ، ޕްރިމިއަ ލީގުގެ ތަށި ހޯދުމުގެ ހަނގުރާމަ ފަހު ދުވަހަށް ދަންމާލައިފި

ޔުނައިޓެޑްގެ ދަނޑުގައި 1-0އިން ހޯދި ކާމިޔާބީއާ އެކު މެންޗެސްޓަ ސިޓީއަށް ވުރެ އާސެނަލް އެއް ޕޮއިންޓުން ތާވަލްގެ ކުރި ވަނީ އަތުލާފައި. އަންނަ އާދިއްތަދުވަހު އެއް ވަގުތެއްގައި ކުޅޭ 10 މެޗުގެ ތެރެއިން ދެ މެޗު ވާނީ ފަހު ހަނގުރާމައަށް
12 މޭ 2024

މެންޗެސްޓަ ޔުނައިޓެޑްގެ ދަނޑަކީ ބޮޑެތި، މުހިންމު މެޗުތަކުގައި އިދިކޮޅު ޓީމަށް ވުރެ ޔުނައިޓެޑަށް ފައިދާ ނެރެދޭ ތަނެއް ނަމަވެސް މިރޭ 1-0 އިން އާސެނަލް މޮޅުވެ، ޕްރިމިއަ ލީގުގެ ތަށި ލިބޭ ޓީމު ކަނޑައެޅުން އެންމެ ފަހު ދުވަހަށް ދަންމާލައިފި އެވެ.

އެ ފަހު ދުވަހަކީ އަންނަ އާދީއްތަދުވަހުގެ ރެ އެވެ. ލީގުގެ 20 ޓީމުގެ 10 މެޗު އެއް ވަގުތެއްގައި ކުޅޭ އިރު ހަނގުރާމަ އޮތީ އާސެނަލް އާއި މެންޗެސްޓަ ސިޓީއާ ދެމެދުގަ އެވެ. އޭގެ ސަބަބަކީ ތިރީގައި އެ އޮތް ނަތީޖާ އެވެ.

  • 1-

    އާސެނަލް، ކުޅުނު 37، ޕޮއިންޓް 86 (ފައިދާ ގޯލް: 61)

  • 2-

    މެންޗެސްޓަ ސިޓީ، ކުޅުނު 36، ޕޮއިންޓް 85 (ފައިދާ ގޯލް: 58)

މި ދެ ޓީމުގެ އަތުން ޗެމްޕިއަންކަން އަތުލެވޭނެ އެހެން ބަޔަކު ދެން ނެތެވެ. މިހާރު މި އޮތް ގޮތުން 37 ވަނަ މެޗުގައި އަންނަ އަންގާރަދުވަހުގެ ރޭ ޓޮޓެންހަމް ހޮޓްސްޕާގެ ދަނޑުގައި ސިޓީ ވާދަކުރާ އިރު، މޮޅުވިޔަސް ނުވަތަ ބަލިވިޔަސް ލީގު ޗެމްޕިއަންކަން ކަނޑައެޅޭނީ އާދީއްތަދުވަހުގެ ރެ އެވެ.

އެރޭ ސިޓީގެ ފަހު ހަނގުރާމަ އޮންނަނީ އަމިއްލަ ދަނޑުގައި ވެސްޓް ހެމްއާ ދެކޮޅަށެވެ. އާސެނަލް އަމިއްލަ ދަނޑުގައި ވާދަކުރާނީ އެވަޓަންއާ އެވެ.

މިއީ ޕްރިމިއަ ލީގުގެ ތާރީހުގައި ޗެމްޕިއަން ޓީމު ކަނޑައެޅުން އެންމެ ފަހު ދުވަހަށް ދިޔަ 10 ވަނަ ފަހަރެވެ.

މިރޭގެ މުހިންމު ލަނޑު އާސެނަލްއަށް ޖަހައިދިނީ ލިއެންޑްރަ ޓްރޮސާޑް 

މިރޭގެ މެޗުގެ 20 ވަނަ މިނިޓްގައި ލިއަންޑްރަ ޓްރޮސާޑް ޖެހި ލަނޑަށް ފަހު އާސެނަލް ފެނުނީ ބޯޅަ ނުހިފެހެއްޓި އަބަދު ބޯޅަ ހޯދަން ޖެހުނު ގޮތަކަށެވެ.

މެޗަށް ފަހު ކޯޗު މިކޭލް އާޓެޓާ ބުނީ އެތައް ގޮތަކުން ޓީމު ފެނުނީ އަސްލު ފެންވަރުގައި ނޫން ކަމަށެވެ. ނަމަވެސް މުހިންމީ ތިން ޕޮއިންޓް ހޯދުން ކަމަށް ވެފައި އެކަން ވީ ކުޅުންތެރިންގެ ކުޅަދާނަކަމުން ކަމަށް ބުންޏެވެ.

"ބައެއް ކުޅުންތެރިން މިކަހަލަ ހާލަތެއްގައި ކުރިން ކުޅެފައެއް ނުވޭ،" އާޓެޓާ ބުންޏެވެ.

އެހެންކަމުން މިކަހަލަ ޕްރެޝަރު ބޮޑު، މުހިންމު މެޗެއް ކާމިޔާބުކުރުމަކީ ވަރަށް ބޮޑު މަސައްކަތަކަށް ވާތީ ކުޅުންތެރިންނަށް އޭނާ ތައުރީފްކުރި އެވެ.

ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން އެންމެ ފަހުން އާސެނަލްއަށް ލިބުނީ މީގެ ބަރާބަރު 20 އަަހަރު ކުރިން، 04-2003 ސީޒަންގަ އެވެ. އެއީ މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ ޓީމަކުން ޕްރިމިއަ ލީގު ކާމިޔާބުކުރި ފަހަރު ވެސް މެ އެވެ.

މިދިއަ ތިން ސީޒަންގެ ޗެމްޕިއަނުންނަކީ މެންޗެސްޓަ ސިޓީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް