މެންޗެސްޓަ ސިޓީގެ ކުޅުންތެރިން އުފަލުގައި: މިދިއަ ތިން ސީޒަންގެ ޗެމްޕިއަން ފެންނަނީ ޕްރެޝަރުގައި ވެސް މޮޅަށް ކުޅޭ ތަން

މެންޗެސްޓާ ސިޓީ

ސިޓީ ހާސްކަމެއް ނެތި ތައްޓާ ކައިރިއަށް، އާސެނަލްއަށް އޮތީ މާދަމާ ރޭ ޔުނައިޓެޑް ބަލިކުރުން

މިރޭ ފުލަމް އަތުން 4-0 އިން ހޯދި ކާމިޔާބީއާ އެކު ސިޓީ ފެންނަނީ މުހިންމު ދަނޑިވަޅުގައި ވެސް ހާސްކަމެއް ނެތި ކުޅެލާ ޓީމެއްގެ ގޮތުގައި
11 މޭ 2024

އިނގިރޭސި ޕްރިމިއަ ލީގުގައި އިތުރު ޓީމެއް ރެލިގޭޓްވިކަން މިރޭ ކަށަވަރުވި އިރު ވެސް ޗެމްޕިއަންކަން ހޯދާނެ ޓީމަކާ މެދު އަދިވެސް އޮތީ ސުވާލެކެވެ. ނަމަވެސް މިއަދުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ކުޅެ ފުލަމްގެ މައްޗަށް މެންޗެސްޓަ ސިޓީ ހޯދި، ހާސްކަމެއް ނެތް، 4-0ގެ ކާމިޔާބީއާ އެކު އެވަނީ ތައްޓާ ކައިރިއަށް ޖެހިލައިފަ އެވެ.

މިރޭ ޓޮޓެންހަމްގެ އަތުން 2-1 އިން ބަލިވުމާ އެކު ބާންލީ ވަނީ ޕްރިމިއަ ލީގުން ރެލިގޭޓްވެފަ އެވެ. މި މޮޅަކީ ސިޓީއާ ދެކޮޅަށް އަންނަ އަންގާރަދުވަހުގެ ރޭ ޓޮޓެންހަމް ނުކުންނަ އިރު، އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުކުރަން ވެސް މުހިންމު މެޗެކެވެ.

ނަމަވެސް މިހާތަނަށް މި ފެންނަނީ ޕެޕް ގާޑިއޯލާގެ ޓީމު ޕްރެޝަރުގައި ކުޅެން ޖެހުނަސް ހާސްކަމެއް ނެތި އަދި އެހާމެ ތަފާތު ބޮޑުކޮށް މޮޅުވާ ތަނެވެ. މިރޭގެ ނަތީޖާގެ މާނައަކީ 36 މެޗު ނިމުނު އިރު އާސެނަލްއަށް ވުރެ ދެ ޕޮއިންޓް މައްޗަށް ޖެހިލައި ސިޓީން އެއްވަނަ ހޯދުމެވެ. ދެން އޮތީ ދެ ޓީމަށް ވެސް ފަހު ދެ މެޗެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    މެންޗެސްޓަ ސިޓީ، ކުޅުނު 36، ޕޮއިންޓް 85 (ފައިދާ ގޯލް: 58)

  • 2-

    އާސެނަލް، ކުޅުނު 36، ޕޮއިންޓް 83، (ފައިދާ ގޯލް: 60)

  • 3-

    ލިވަޕޫލް، ކުޅުނު 36، ޕޮއިންޓް 78 (ފައިދާ ގޯލް: 43)

  • 4-

    އެސްޓަން ވިލާ، ކުޅުުނު 36، ޕޮއިންޓް 67

  • 5-

    ޓޮޓެންހަމް، ކުޅުު 36، ޕޮއިންޓް 63

މިހާރު މި އޮތީ އަންނަ ހަފުތާގެ އާދިއްތަ ދުވަހު އެންމެ ފަހު 10 މެޗު، އެއް ވަގުތެއްގައި ކުޅޭ އިރު ނޭވާ ހިފަހައްޓާލަން ޖެހޭ ހިސާބަށް ގެންދިއުމުގެ ބާރު އާސެނަލްގެ އަތަށް އަރައިފަ އެވެ.

މިދިއަ ސީޒަންގައި މިހާ ހިސާބަށް އެޅުނު އިރު ސިޓީ އޮތީ ލީގު ކަށަވަރުކޮށްފަ އެވެ. އާސެނަލް ވެއްޓުނީ ދެ ވަނައަށެވެ.

ނަމަވެސް ޔުނަައިޓެޑްގެ ދަނޑުގައި މާދަމާ ރޭ ކުޅޭ މެޗުން އާސެނަލް މޮޅުވެއްޖެ ނަމަ ޗެމްޕިއަންކަން ލިބޭނެ ޓީމު ކަނޑައަޅަން ޖެހޭނީ އެންމެ ފަހު ދުވަހު އެވެ. 

ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން އާސެނަލްއަށް އެންމެ ފަހުން ލިބުނީ މީގެ 20 އަހަރު ކުރިން 04-2003ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް