ޕީއެސްޖީ އާއި ފްރާންސްގެ ފޯވަޑް ކީލިއަން އެމްބާޕޭ، ޕީއެސްޖީއަށް ލަނޑެއް ޖެހުމަށް ފަހު އުފާ ފާޅުކުރަނީ: މިއީ ޕީއެސްޖީގައި ފަހު ސީޒަން

ޕީއެސްޖީއަކީ ފަހުރެއް ކަމަށް ބުނަމުން އެމްބާޕޭގެ ވަދާއީ ނިންމުން އިއުލާންކޮށްފި

ފްރާންސާއި ޕީއެސްޖީގެ ތަރި ދެން ފަށާ ދަތުރުގެ މަންޒިލަކީ ކޮބައިކަން އަދި ހާމަނުުކުރިޔަސް އެއީ ރެއާލް މެޑްރިޑްކަން އޮތީ ކަށަވަރުވެފައި
11 މޭ 2024

ޕީއެސްޖީއަކީ އަބަދުވެސް އޭނާގެ ފަހުރެއް ކަމަށް ބުނަމުން ފުޓްބޯޅައިގެ އާ ދަތުރަށްޓަކައި އޭނާގެ ވަދާއީ ނިންމުން ރޭ، ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއިން، ކީލިއަން އެމްބާޕޭ އިއުލާންކޮށްފި އެވެ.

ފްރާންސް އާއި ޕީއެސްޖީގެ ތަރި ބުނީ މިއީ ފްރާންސްގެ ޗެމްޕިއަން ޓީމުގައި އޭނާ ހޭދަކުރާނެ ފަހު ސީޒަން ކަމަށާއި 'އުފާވެރި، ފަހުރުވެރި ދަތުރު އިތުރަށް ދިގުނުކުރަން ނިންމާފައިވާ' ކަމަށެވެ.

"މިއީ އެތައް، އެތައް އިހުސާސްއެއް. ފްރާންސްގެ އެންމެ ބޮޑު ޓީމު އަދި ދުނިޔެއިން ވެސް އެންމެ ވަރުގަދަ އެއް ޓީމުގެ މެމްބަރެއްގެ ގޮތުގައި އަހަންނަށް ހުރެވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް،" އުމުރުން 25 އަހަރުގެ ފޯވަޑް ބުންޏެވެ.

ޕެރިހަށް އުފަން ކުޅުންތެރިޔާ މޮނާކޯއިން 2017ގައި ޕީއެސްޖީއަށް ބަދަލުވީ 206 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ)ގެ ޓްރާންްސްފާ ފީއެއްގަ އެވެ. މިހާތަނަށް ޕީއެސްޖީއަށް 225 ގޯލް ޖަހައިފައިވެ އެވެ. ލީގުގައި ޕީއެސްޖީގެ ދަނޑުގައި އޭނާ ކުޅޭ ފަހު މެޗު އޮންނާނީ މާދަމާ އެވެ. އެކަމަކު ރަށުން ބޭރުގައި ލީގުގެ ފަހު ދެ މެޗާއި 25 މޭގައި އޮންނަ ފްރާންސް ކަޕް ފައިނަލްގައި ވެސް އޭނާ ކުޅޭނެ އެވެ.

ލިއޮނެލް މެސީ (ވ) އާއި ކީލިއަން އެމްބާޕޭ ބޯޅައާ އެކު: އެމްބާޕޭ ބުނީ ދުނިޔޭގެ މޮޅު ކުޅުންތެރިންނާ އެކު ކުޅުމުގެ ފުރުސަތު ވެސް ޕީއެސްޖީގައި ލިބުނު ކަމަށް

އެމްބާޕޭ ބުނީ ޕްރެޝަރާ އެކު ކުޅުމުގެ ތަޖުރިބާ އޭނާއަށް ފުރަތަމަ ލިބުނީ ވެސް ޕީއެސްޖީގައި ކަމަށެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނާ އެކު އެއް ޓީމަކަށް ކުޅުމުގެ ފުރުސަތަކީ ވެސް، އޭނާގެ ފުޓްބޯޅައިގެ ހަޔާތުގެ މުހިންމު ބައެއް ކަމަށް ބުންޏެވެ.

އެމްބާޕޭ ވަނީ ލިއޮނެލް މެސީ އާއި ނޭމާއާ އެކު ޕީއެސްޖީއަށް ކުޅެފަ އެވެ.

އޭނާ ބުނީ ޕީއެސްޖީ ދޫކޮށްލުމަކީ 'އެހާ އުނދަގޫ އަދި އެކަން އިއުލާންކުރަން ވެސް އެހާ ފަސޭހަ ނޫން ކަމެއްކަން ކުރިއަކުން ނޭނގޭ' ކަމަށެވެ.

"އެކަމަކު ހަތް އަހަރަށް ފަހު އާ ގޮންޖެހުންތަކާ ކުރިމަތިލާން އަހަރެން ބޭނުން،" އެމްބާޕޭ ބުންޏެވެ.

މިހާރު ކަށަވަރުވެފައިވާ ގޮތުގައި ރެއާލް މެޑްރިޑަށް އޭނާ ސޮއިކުރަނީ ފަސް އަހަރަށެވެ. އަހަރަކު 16 މިލިއަން ޑޮލަރު (246 މިލިއަން ރުފިޔާ)ގެ މުސާރައެއް ލިބޭނެ އެވެ. އޭގެ އިތުރުން ސޮއިކުރުމުގެ ބޯނަސްއަކަށް 160 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ)، ފަސް އަހަރަށް ބަހާލައިގެން ވެސް ދޭ ގޮތަށް ވަނީ އެއްބަސްވެ އެވެ.

ދެން ރެއާލްގައި އޭނާއަށް ލިބޭނެ އާމްދަނީއަކީ އޭނާގެ ފޮޓޯ ބޭނުންކޮށްގެން ކުރާ ވިޔަފާރީގެ ވަކި ޕަސެންޓެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް