ރޭ ޕެރިހުގައި ކުޅުނު މެޗުގެ ފަހު ކަށިގަނޑާ އެކު ބޮރޫޝިއާ ޑޯޓްމުންޑްގެ ކުޅުންތެރިން އުފަލުން ދަނޑު މައްޗަށް ތިރިވި އިރު ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ހިތާމަވެރިކަމާ އެކު ކަރުއެލިފައި

ޕީއެސްޖީ

އެމްބާޕޭއަށް ވެސް ޕީއެސްޖީގެ އެ ބަދުނަސީބުން ސަލާމަތެއް ނުކުރެވުނު

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅެގެން ވެސް ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑް އަތުން ބަލިވެ ވަނީ ކަޓާފައި
8 މޭ 2024

ޕީއެސްޖީގެ މައި ހިއްސާދާރަކަށް ގަތަރު ސަރުކާރުގެ ހިއްސާ އޮންނަ ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓް ވީ ފަހުން އެންމެ ބޮޑު އުއްމީދަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. ނަމަވެސް އެ މަސައްކަތް ރޭ، ކީލިއަން އެމްބާޕޭގެ އިސް ޒިންމާގެ ތެރެއިން ވެސް، ނިމުނީ ނާކާމިޔާބުވެގެންނެވެ.

މިއީ ދުނިޔޭގައި މިހާރު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ޕީއެސްޖީގެ ޖާޒީގައި ޗެމްޕިއަންސް ލީގުގައި މި ވަގުތަށް ކުޅޭނެ އެންމެ ފަހު ފަހަރެވެ. މި ސީޒަނަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ހުރިހާ ކަމެއް ގާތްގަނޑަކަށް މިހާރު ވަނީ ނިމިފަ އެވެ.

ލިއޮނެލް މެސީ އާއި ނޭމާ އަދި އެމްބާޕޭ އެކުގައި ކުޅެގެން ވެސް ޗެމްޕިއަންސް ލީގު ހޯދޭ ގޮތެއް ޕީއެސްޖީއަކަށް ނުވި އެވެ. އެހެންކަމުން ސަޕޯޓަރުން ރޭ އުއްމީދުކުރީ، ކްލަބް ދޫކޮށްލުމުގެ ކުރިން އެމްބާޕޭގެ ފަރާތުން އެ ނަސީބު ފެނިދާނެ ކަމަށެވެ. ނަމަވެސް ޖަރުމަންގައި ކުޅުނު ފުރަތަމަ ލެގުގެ މެޗެކޭ އެއްގޮތަށް ޑޯޓްމުންޑްގެ ވަރުގަދަ ދިފާއު އާއި ހިތްވަރުގެ މައްޗަށް ޕީއެސްޖީއަށް ރޭ ވެސް ގަދައެއް ނުދެއްކުނެވެ.

ފުޓްބޯޅާގައި ނަސީބަކީ ވެސް އެހާމެ މުހިންމު އެއްޗެކެވެ. ދެ މެޗުގައި ޑޯޓްމުންޑްގެ ގޯލަށް ޕީއެސްޖީން 44 ހަމަލާ ފޮނުވާލި އެވެ. އެކަމަކު ނިންމާލަން މި ޖެހުނީ ޖަރުމަން ލީގުގެ ފަސް ވަނަ ޓީމު ކޮޅަށް، ފްރާންސްގެ ޗެމްޕިއަނުންނަށް އެންމެ ލަނޑެއް ވެސް ނުޖެހި އެވެ. ރޭ ފޮނުވާލި 16 ހަމަލާއިން ވެސް ނަތީޖާއެއް ނުފެނި އެވެ. 

ރޭ ޑޯޓްމުންޑް މޮޅުވީ 50 ވަނަ މިނިޓްގައި މެޓްސް ހަމެލްސް ޖަހާލި ލަނޑުންނެވެ. ކުރީ މެޗު ވެސް ނިމުނީ އެ ނަތީޖާގަ އެވެ.

ޕީއެސްޖީގެ ޖާޒީ ބާލައި އެހެން ޓީމެއްގައި ފުޓްބޯޅައިގެ ދެން އޮތް ތަަޖުރިބާއާ އެމްބާޕޭ ކުރިމަތިލާ އިރު އޭނާއަށް ނުލިބި އޮތް ފުޓްބޯޅައިގެ ބޮޑު ކާމިޔާބީއަކީ ވެސް ޗެމްޕިއަންސް ލީގެވެ.

އިންގްލެންޑްގެ ބޮޑު ސްޓޭޑިއަމް ވެމްބްލީގައި 1 ޖޫންގައި ކުޅޭ ފައިނަލް މެޗުގައި ޑޯޓްމުންޑާ ވާދަކުރާނެ ޓީމެއް އެނގޭނީ މިރޭ ރެއާލް މެޑްރިޑް ދަނޑުގައި ރެއާލް އާއި ޖަރުމަންގެ ބަޔާން މިޔުނިކްގެ މެޗުގެ ނަތީޖާއިންނެވެ. ފުރަތަމަ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް