ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ (މ)ގައި

އެމްބާޕޭއަށް ވެސް ގޮތެއް ނުހެދި ޑޯޓްމުންޑްގެ ކުރިމަތީގައި ޕީއެސްޖީ އިސްޖަހައިފި

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޖަރުމަން ޓީމު އަތުން 1-0 އިން ޕީއެސްޖީ ބަލިވުމުގެ ބަދަލުހިފަން ދެން އޮތީ އަންނަ ހަފުތާގައި ލިބޭ ފުރުސަތު
2 މޭ 2024

މުޅި މެޗުގައި ވެސް ވަރުގަދަ އެންމެ ހަމަލާއެއް ފޮނުވާލައިގެން ކީލިއަން އެމްބާޕޭ ކަހަލަ ކުޅުންތެރިއަކަށް އެ އޮތީ އަސްލު ފެންވަރު ދައްކައި، ޒިންމާ ވެސް ނުނެގިފަ އެވެ. ކުރާނެ ކަމެއް ނެތެވެ. ރޭ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑްގެ ދަނޑުގައި ޕީއެސްޖީ ކުޅެ، ޒުވާން ހުނަރުވެރި ފޯވަޑުގެ ފަރާތުން ފެނުނީ އެ ތަނެވެ.

ނަތީޖާއަކީ 1-0 އިން ޑޯޓްމުންޑް މޮޅުވުމެވެ. މެޗުގެ ހަމައެކަނި ލަނޑު 36 ވަނަ މިނިޓްގައި ނިކްލަސް ފުލްކްރަޖް ޖަހާލީ ރީތިކޮށް އެހާމެ މޮޅަށެވެ.

އެ ލަނޑަށް އެކަށީގެންވާ ވަރުގެ ރައްދެއް އެމްބާޕޭއަށް ދެވުނީ 51 ވަނަ މިނިޓްގަ އެވެ. ޕެނެލްޓީ އޭރިޔާގެ ތެރެއިން ވާތް ފަރާތުން ފޮނުވާލި ބޯޅަ އެނބުރިފައި ގޮސް ޖެހުނީ އަރިމަތީ ދަނޑީގަ އެވެ. އެ ބޯޅަ އަނެއްކާވެސް ލިބުނީ އެމްބާޕޭއަށެވެ. އޭނާ އަލުން ޖެހި ތަނުން ޑޯޓްމުންޑްގެ ކުޅުންތެރިއެއްގެ ފަގައި ޖެހިފައި ތަނަވަސްވީ ޕީއެސްޖީގެ އަޝްރަފް ހަކީމީއަށެވެ. ހަކީމީ އޭނާގެ ކުރީގެ ޓީމުގެ ގޯލަށް ފޮނުވާލުމުން މިފަހަރު ވެސް ޖެހުނީ އަރިމަތީ ދަނޑީގަ އެވެ.

ޕީއެސްޖީ ކަހަލަ ގިނަ ތަރިން ހިމެނޭ ޓީމަކާ ދެކޮޅަށް ޑޯޓްމުންޑުން ދެއްކި ހިތްވަރުން އެނގެނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުކުރާ ބަޔަކަށް ބަލިނުކުރެވޭނެ ޓީމެއް ނޯންނާނެ ކަމެވެ. ނަމަވެސް ދެން އޮތީ ދެވަނަ ލެގެވެ. ޕީއެސްޖީގެ ދަނޑުގައި އަންނަ އަންގާރަދުވަހުގެ ރޭ ކުޅޭ މެޗަކީ އަސްލު ހަނގުރާމަ އެވެ.

ސެމީ ފައިނަލަށް ޕީއެސްޖީ އައީ ވެސް ކްއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސެލޯނާ އަތުން 3-2 އިން ބަލިވެ، ދެވަނަ ލެގުގައި 4-1ގެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. އެހެންކަމުން ޕީއެސްޖީ އާއި އެމްބާޕޭއަށް ފުރުސަތު އޮތީ ބޮޑަށް ހުޅުވިފަ އެވެ. ރޭ ނުދެއްކުނު މޮޅު ކުޅުން އޭނާގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ނުނެރޭނޭ ބުނާކަށް ނުވާނެ އެވެ. އެހާ ވެސް އޭނާގެ ހުނަރު ތަފާތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް