މިއަދުގެ މެޗުގައި ދެ ޓީމުގެ ކުޅުންތެރިންނާ ރެފްރީ ވާހަކަ ދައްކަނީ. މެޗު އެއްވަރުވުމަކީ ލިވަޕޫލަށް ބޮޑު ގެއްލުމެއް
ސަލާހުގެ ރުޅިގަނޑު ކްލޮޕަށް، ކޮންމެހެން ވެސް ތިން ޕޮއިންޓް ބޭނުންވެފައި އޮއްވާ ލިބުނީ އެންމެ ޕޮއިންޓެއް
ފުރަތަަމަ 11 އިން ޖާގަ ނުލިބުނަސް، އެންމެންގެ ކުރިމަތީގައި ކޯޗު ދެކެ އެހެން ރުޅިއަންނާކަށް ނުވާނެ އެވެ. އެކަމަކު ލިވަޕޫލުގެ ސަޕޯޓަރުންނަށް މިއަދު އެ މަންޒަރު ވެސް ބަލަން ޖެހުނީ އެވެ.
އިނގިރޭސި ޕްރިމިއަ ލީގުގައި މިއަދުގެ ފުރަތަމަ މެޗުގައި ލިވަޕޫލަށް މޮޅުނުވެވި 2-2އިން އެއްވަރުވީ ވެސްޓް ހެމް އަތުންނެވެ. ޕްރިމިއަ ލީގު ހޯދުމުގެ ރޭހުގައި ތިން ޕޮއިންޓް އެހާ މުހިންމުވެފައި އޮތް ދަނޑިވަޅެއްގައި އެއް ޕޮއިންޓުން ފުއްދާލަން ޖެހުމަކީ ހިތާމައެކެވެ.
އެއަށް ވުރެ ބޮޑަށް އަޅައިގަތީ މެޗުގެ ފަހު 10 މިނިޓަށް ކުޅެން ނެރެން އުޅުނު ވަގުތު ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހި ފޯވަޑް މުހައްމަދު ސަލާހާއި ކޯޗު ޔާގެން ކްލޮޕްގެ މެދުގައި ހޫނުގަނޑެއް އުފެދުމުންނެވެ. ސަލާހު މައިތިރިކުރެވޭތޯ، އޭނާ ކައިރީގައި އެވަގުތު ހުރި ޑާވިން ނުނޭޒް އުޅުނު ތަން ވެސް ފެނުނެވެ.
ކޮމަންޓޭޓަރުން ބުނާ ގޮޮތުގައި ސަލާހުގެ ހިތްހަމަނުޖެހުން އައީ ފުރަތަމަ 11އިން ޖާގަ ނުދިނުމުން ކަމަށް ވެދާނެ އެވެ. އެކަމަކު މިއީ ސަލާހުގެ ފެންވަރު ވެސް ދަށް ދުވަސްކޮޅެކެވެ.
ފުރަތަމަ ހާފުގައި ވެސްޓް ހެމްއަށް ނެގި ލީޑާ ލިވަޕޫލުން އެއްވަރުކުރީ ފަހު ހާފު ހަމަ ފެށުނުތަނާ އެންޑީ ރޮބަޓްސަން އެވެ. އޭގެ ފަހުން 65 ވަނަ މިނިޓްގައި ވެސްޓް ހެމްގެ ބައި ކޮޅަށް ވަން ލަނޑުން ލިވަޕޫލަށް ލީޑް ވެސް ލިބުނެވެ.
މައްސަލައަކީ ލިވަޕޫލްގެ ނަސީބު ވެސް ނެތުމެވެ. ކިތައްމެ ހަމަލާއެއް ވެސްޓް ހެމްގެ ކީޕަރު މަތަކުރި އެވެ. ހުރަސް ދަނޑީގައި ޖެހިގެން ވެސް ބޭރަށް ދިޔަ އެވެ.
އެކަމަކު އެއްވަރުކުރަން 77 ވަނަ މިނިޓްގައި ފޯވަޑް މިކައިލް އެންޓޯނިއޯ ބޮލުން ޖަހާލި ލަނޑުގެ ހިތްގައިމުކަމާ އެވެ. ލިވަޕޫލްގެ ކީޕަރު އެލިސަން ހުރީ ހަރަކާތްކޮށްލަން ވެސް ނޭނގި ހުއްޓިފަ އެވެ.
މި ނަތީޖާއާ އެކު އެއް މެޗު އިތުރަށް ކުޅެ ލިވަޕޫލް ވަނީ އާސެނަލްއަށް ވުރެ ދެ ޕޮއިންޓް ފަހަތަށް ވެއްޓިފަ އެވެ.
ޕްރިމިއަ ލީގުގެ ގަދަ ފަހެއް
-
1-
އާސެނަލް، ކުޅުނު 34، ޕޮއިންޓް 77 (ފައިދާ ގޯލް: 56)
-
2-
މެންޗެސްޓަ ސިޓީ، ކުޅުނު 33، ޕޮއިންޓް 76 (ފައިދާ ގޯލް: 48)
-
3-
ލިވަޕޫލް، ކުޅުނު 35، ޕޮއިންޓް 75 (ފައިދާ ގޯލް: 41)
-
4-
އެސްޓަން ވިލާ، ކުޅުނު 34، ޕޮއިންޓް 66
-
5-
ޓޮޓެންހަމް، ކުޅުނު 32، ޕޮއިންޓް 60