ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް

ޔުނައިޓެޑް މިހާރު އޮތް ފެންވަރުން އާސެނަލް ބައްޔެއް ނުކުރެވޭނެ: ކްލޮޕް

ރޭގެ މެޗުގައި ޔުނައިޓެޑް އަތުން ލިވަޕޫލަށް މޮޅުނުވެވުމުގެ މާނައަކީ ތާވަލްގެ އެއްވަނައިން ވެއްޓި އާސެނަލްއަށް ކުރި ލިބުން. ކްލޮޕްގެ އެދުމަކީ ޔުނައިޓެޑްގެ އަތުން އާސެނަލް ބަލިވުން
8 އޭޕްރީލު 2024

ރޭގެ މެޗުގައި މުހައްމަދު ސަލާހުގެ ޕެނެލްޓީން 2-2 އިން އެއްވަރުވެ ޕޮއިންޓެއް ލިބުނު ނަމަވެސް މެންޗެސްޓަ ޔުނައިޓެޑް ބަލިނުކުރެވުމުގެ ނަތީޖާއަކީ ތާވަލްގެ އެއްވަނައިން ލިވަޕޫލް ވެއްޓުމެވެ. އަދި އިނގިރޭސި ޕްރިމިއަ ލީގު ހޯދުމުގެ ހުރިހާ ބާރެއް އާސެނަލްއަށް ލިބުމެވެ.

ނަސީބު ދެރައީ އެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ލިވަޕޫލުން އެތައް ހަމަލާއެއް އުފައްދައި، ގޯލަށް އަމާޒުކުރި އެވެ. ނަަމަވެސް އެހެންޏާ ކީޕަރު މަތަކުރީ އެވެ. ނޫނީ ބޭރަށް ދިޔައީ އެވެ. އެހާ ގިނަ ހަމަލާ އުފައްދައި، މުޅި މެޗު ކޮންޓްރޯލްކުރިޔަސް، ތިން ޕޮއިންޓާ އެކު ޔުނައިޓެޑްގެ ދަނޑުން ލިވަޕޫލަށް ނުކުމެވޭ ގޮތް ނުވުމަކީ ވަރަށް ބޮޑު ދެރައެކެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްއަށް މިހާރު އުއްމީދުކުރެވެނީ އާސެނަލް އާއި ޔުނައިޓެޑް ކުޅޭ މެޗުން އާސެނަލް ބަލިވުމެވެ. ނަމަވެސް އޭނާ ބުނި ގޮތުގައި ޔުނައިޓެޑްގެ މިހާރުގެ ފެންވަރަށް ބަލާއިރު އެެއީ ވުމަށް ވުރެ ނުވުން ދުރު ކަމެކެވެ.

"އާސެނަލްއަކީ މޮޅު ފުޓްބޯޅަ ޓީމެއް. މިއަދު ކުޅުނު ގޮތަށް ޔުނައިޓެޑް ކުޅެފި ނަމަ އާސެނަލް މޮޅުވާނެ، އެއީ އަހަންނަށް %100 ޔަގީން ކަމެއް،" ރޭގެ މެޗަށް ފަހު ކްލޮޕް ބުންޏެވެ.

"އެހެން ބުނަން ޖެހޭތީ ދެރަ ވެސް ވޭ."

އޭނާ އެގޮތަށް ބުނީ އާސެނަލްއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުން އާސެނަލް ބަލިވުމަކީ، ލިވަޕޫލަށް އޮތް ވެސް ލިބޭނެ ވަރަށް ބޮޑު ފުރުސަތަކަށް ވާނެތީ އެވެ. މިހާރު ތާވަލްގައި އާސެނަލް އާއި ލިވަޕޫލް އަދި މެންޗެސްޓަ ސިޓީ އުޅެނީ ދާދި އެއްވަރެއްގަ އެވެ. ކުރިއަށް އޮތީ ކޮންމެ ބަޔަކަށް ވެސް ހަތް މެޗެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    އާސެނަލް، ކުޅުނު 31، ޕޮއިންޓް 71 (ފައިދާ ގޯލް: 51)

  • 2-

    ލިވަޕޫލް، ކުޅުނު 31، ޕޮއިންޓް 71 (ފައިދާ ގޯލް: 42)

  • 3-

    މެންޗެސްޓަ ސިޓީ، ކުޅުނު 31، ޕޮއިންޓް 70 (ފައިދާ ގޯލް: 40)

  • 4-

    ޓޮޓެންހަމް، ކުޅުނު 31، ޕޮއިންޓް 60

  • 5-

    އެސްޓަން ވިލާ، ކުޅުނު 32، ޕޮއިންޓް 60

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް