މެންޗެސްޓަ ސިޓީގެ ފިލް ފޯޑެން (މ) ބޯޅަ ހިފައިގެން ދަނީ: އޭނާ ވަނީ މި ސީޒަންގައި 21 ލަނޑު ޖަހާފައި

ފޯޑެންގެ ހެޓްރިކެއް، ސިޓީ އާއި ލިވަޕޫލް ތާވަލްގައި ހަމަހަމަ

އާސެނަލްގެ މެޗުން މޮޅުވުމާ އެކު މި ވަގުތު ތާވަލްގެ އެއްވަނައަށް އަނެއްކާވެސް ވަނީ އަރާފައި
4 އޭޕްރީލު 2024

ތާވަލްގެ ހަތަރު ވަނާގައި އޮތް އެސްޓަން ވިލާ ކޮޅަށް ފިލް ފޯޑެން ރޭ ހެދި ހެޓްރިކްއާ އެކު އިނގިރޭސި ޕްރިމިއަ ލީގުގެ ތާވަލްގައި މެންޗެސްޓަ ސިޓީ އާއި ލިވަޕޫލް 67 ޕޮއިންޓުން އެއްވަރުވެއްޖެ އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި ފޯޑެންގެ ތިން ލަނޑު އައީ ފުރަތަމަ ހާފުގައި ރޮޑްރީ ލީޑް ނަގާފައި އޮއްވާ އެސްޓަން ވިލާއިން އެއްވަރުކުރި ފަހުންނެވެ.

މި ސީޒަންގައި ފޯޑެން ޖެހި ލަނޑުގެ އަދަދު މިހާރު ވަނީ21 އަށް އަރައިފަ އެވެ.

މި މެޗުގެ ކުރިން އާސެނަލް ވަނީ އަމިއްލަ ދަނޑުގައި ލޫޓަން ޓައުން2-0 އިން ބަލިކޮށް ތާވަލްގެ އެއް ވަނައަށް އަރައިފަ އެވެ.

ނަމަވެސް މި ގޮތަށް ތާވަލް އޮންނަނީ މިރޭ ލިވަޕޫލުން ޝެފީލްޑް ޔުނައިޓެޑްގެ މެޗު ނިމެންދެން ކަމަށް ބެލެވެ އެވެ. ތާވަލްގެ ފުލުގައި އޮތް ޝެފީލްޑްގެ މައްޗަށް ލިވަޕޫލުން ކާމިޔާބު ހޯދައިފި ނަމަ އަނެއްކާވެސް ދެ ޕޮއިންޓްގެ ލީޑަކާ އެކު ތާވަލްގެ ކުރިއަށް އަރާނެ އެވެ.

މިއީ އިނގިރޭސި ޕްރިމިއަ ލީގުގެ ތާރީހުގައި މިހާ ކައިރިން ތިން ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ. ބާކީ އަށް މެޗަށް މި ތިން ޓީމު ނުކުންނާނީ ގެއްލޭ ކޮންމެ ޕޮއިންޓަކީ ވެސް ބޮޑު ވެއްޓުމެއް ކަމަށް ބަލައިގެންނެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    އާސެނަލް، ކުޅުނު 30، ޕޮއިންޓް 68

  • 2-

    ލިވަޕޫލް، ކުޅުނު 29، ޕޮއިންޓް 67

  • 3-

    މެންޗެސްޓަ ސިޓީ، ކުޅުނު 30، ޕޮއިންޓް 67

  • 4-

    އެސްޓަން ވިލާ، ކުޅުނު 31، ޕޮއިންޓް 59

  • 5-

    ޓޮޓެންހަމް، ކުޅުނު 30، ޕޮއިންޓް 57

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް