މެންޗެސްޓަ ޔުނައިޓެޑްގެ ރަފޭލް ވަރާން
ވަރާން ބުނަނީ ބޯޅާގައި ބޮލުން ޖަހަޖަހާ އޭނާގެ ހަށިގަނޑަށް ގެއްލުން ވެއްޖެ ކަމަށް
ހުއްޓުމެއް ނެތި ބޯޅާގައި ބޮލުން ޖަހާތީ އޭނާގެ ހަށިގަނޑަށް ގެއްލުން ދެވިއްޖެ ކަމަށް، މެންޗެސްޓަ ޔުނައިޓެޑްގެ ދިފާއީ ކުޅުންތެރިޔާ ރަފޭލް ވަރާން ބުނެފި އެވެ.
އޭނާގެ ބޮލަށް ލިބުނު ގެއްލުންތައް ކިޔައިދެމުން އެއް މިސާލެއްގެ ގޮތުން ނެގީ 2014ގެ ވޯލްޑް ކަޕްގެ މެޗެކެވެ. ނައިޖީރިޔާއާ ދެކޮޅަށް އެ ވޯލްޑް ކަޕްގެ ގަދަ 16ގައި ކުޅުނު މެޗުގައި ބޮލަށް ލިބުނު ގެއްލުމާ އެކު ވެސް ކުޅުން ކުރިއަށް ގެންދިޔަ އެވެ. އެކަން ސިފަކުރީ 'އޮޓޯޕައިލެޓަށް' ލައިގެން މަތިންދާބޯޓެއް ދުއްވުމާ އެވެ.
"އަހަރެންގެ ހަތް އަހަރުގެ ފިރިހެން ދަރިފުޅު ފުޓްބޯޅަ ކުޅޭ. އޭނާ ކައިރީގައި އަހަރެން ބުނަން ބޮލުން ނުޖަހާށޭ،" ވަރާން ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފުޓްބޯޅައިގައި ބޮލުން ޖަހައިގެން ލިބޭ ގެއްލުމުގެ އަސަރު އެވަގުތު ނުކުރި ނަމަވެސް ދުރު މުސްތަގުބަލުގައި އެއީ ގެއްލުމެއް ކަމަށެވެ.
"އަހަންނަކަށް އަސްލު ނޭނގޭ އަހަރެން 100 އަހަރު ވަންދެން ދުނިޔޭގައި ހުރެދާނެއެކޭ. އެކަމަކު ޔަގީންވާ ކަމަކީ އަހަންނަށް އަހަރެންގެ ހަށިގަނޑަށް ގެއްލުން ދެވިއްޖެ ކަން،" ވަރާން ބުންޏެވެ.
ފްރާންސަށް 2018ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކުޅުންތެރިޔާ މިހާރު ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް މިވަގުތު ދެނީ ކްލަބް ފުޓްބޯޅައަށެވެ.
އެއް މެޗެއްގައި ބޮލަށް ގެއްލުން ލިބުނަސް ޖެހިގެން އަންނަ މެޗުގައި ވެސް ވަރާން ވަނީ ކުޅެފަ އެވެ. އެގޮތުން 2014ގެ ވޯލްޑް ކަޕްގެ ގަދަ 16ގައި ނައިޖިރިޔާއާ ކުޅުނު އިރު ބޮލަށް ލިބުނު ގެއްލުމާ އެކު ވެސް އޭނާ ކުޅުން ކުރިއަށް ގެންދިޔަ އެވެ. އަދި ދެން ކްއާޓާ ފައިނަލްގައި ޖަރަމަނާ ދެކޮޅަށް ވެސް އޭނާ އެރި އެވެ. އޭރު ވެސް ބޮލަށް ލިބުނު ގެއްލުން ފިލައިގެން ނުދެ އެވެ. އެ މެޗުން ޖަރުމަން އަތުން ފްރާންސް ވީ ބައްޔެވެ.
ވަރާން ބުނީ އެ މެޗުގައި އޭނާ ރަނގަޅަށް ކުޅުނު ނަމަވެސް ނޭނގެނީ މެޗުގައި ދެން ބޮލަށް ގެއްލުމެއް ލިބިއްޖެ ނަމަ އޭނާއަށް ވާނެ ގޮތެކެވެ.
"އެންމެ މަތީ ފެންވަރުގައި ކުޅޭ ކުޅުންތެރިންނަކީ ތަދަށް ހުށައެޅިފައިވާ ބައެއް. އެއީ ސިފައިން ފަދަ ހިތްވަރުގަދަ ބައެއް. ޖިސްމާނީ ގޮތުން ވެސް ވަރުގަދަ ބައެއް. އެކަމަކު ބޮލަށް ލިބޭ ގެއްލުން އޮތީ ފޮރުވިފައި،" ވަރާން ބުންޏެވެ.