ޒަބީ އޮލޮންސޯ: އޭނާ އަންނަ ސީޒަންގައި ވެސް ހުންނާނީ ލެވަކޫސަންގައި

ފުޓްބޯޅަ

އޮލޮންސޯ: ލިވަޕޫލް، ބަޔާން ނުވަތަ ރެއާލް މެޑްރިޑަށް ދިއުމުގެ ވިސްނުމެއް ވެސް ނެތް

ކުރީގެ ލިވަޕޫލްގެ ކުޅުންތެރިޔާ އަންނަނީ ބެޔާން ލެވަކޫސަންގައި ހައިރާންކުރުވަނި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން. އެެހެންވެ އޭނާއަށް ވަނީ ބޮޑެތި ކްލަބްތަކުގެ ނަޒަރު ހުއްޓިފައި
30 މާރިޗު 2024

ޖަރުމަން ލީގާއި މި ސީޒަންގެ އެހެން މުބާރާތްތަކުގައި ބަޔާން ލެވަކޫސަން އަދި ބައްޔެއް ނުވެ އެވެ. ލީގުގައި 10 ޕޮއިންޓްގެ ތަފާތުން އޮތީ ކުރީގަ އެވެ. މި ހައިރާންކުރުވަނިވި ކާމިޔާބީގެ ފަހަތުގައި ހުރީ ކުރީގެ ކުޅުންތެރިޔާ ޒަބީ އޮލޮންސޯ އެވެ.

އުމުރުން 42 އަހަރުގެ އޮލޮންސޯއަށް މި ވަގުތު ވެސް ދުނިޔޭގެ ބޮޑެތި ކްލަބްތަކުގެ ނަޒަރު ހުއްޓިއްޖެ އެވެ. ޖަރުމަންގެ ބަޔާން މިޔުނިކް އާއި ލިވަޕޫލް އަދި ސްޕެއިންގެ ރެއާލް މެޑްރިޑެވެ.

އެކަމަކު އޭނާގެ ކުރިމަގާ މެދު މި ދުވަސްވަރު އުފެދިފައި އޮތް ސުވާލުތަކަށް އިއްޔެ ޖަވާބު ދީފި އެވެ. އޮލޮންސޯ ބުނީ ލެވަކޫސަން ދޫކޮށްފައި ދިއުމުގެ ވިސްނުމެއް އޭނާގެ އަދި ނެތް ކަމަށެވެ. އެހެންކަމުން އަންނަ ސީޒަންގައި ވެސް އޭނާ ހުންނާނީ ލެވަކޫސަންގަ އެވެ.

ބަޔާން ލެވަކޫސަންގެ ކުޅުންތެރިން ލަނޑަކަށް ފަހު އުފާ ފާޅުކުރަނީ: ޖަރުމަން ލީގު ފުރަތަމަ ފަހަރަށް ހޯދުން އޮތީ ވަރަށް ކައިރީގައި

ސީނިއަ ޓީމެއްގެ މެނޭޖަރެއްގެ ގޮތުން އޮލޮންސޯ ނުކުތް ފުރަތަމަ ދަތުރު މިހާރު މިވަނީ ނިމުމުގެ މަގުމަތީގަ އެވެ. އޭނާއަށް އަދި އެއްވެސް ކާމިޔާބީއެއް ނެތެވެ. ފުރަތަމަ ފަހަރަށް ޖަރުމަން ލީގު ލިބޭނެކަން ވެސް އަދި ކަށަވަރެއް ނުވެ އެވެ. ދެން އޮތީ ޖަރުމަން ކަޕް އެވެ. އޭގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. ޔޫރޮޕާ ލީގު ވެސް އެބަ އޮތެވެ. އެހެންކަމުން ފުރަތަމަ މަސައްކަތަކީ ކާމިޔާބީތަކަކުން އެކަން ނިންމުމެވެ.

ލެވަކޫސަންގައި މަޑުކުރާ ވާހަކަ އިއްޔެ އޮލޮންސޯ އިއުލާންކުރީ އޭނާގެ ކުޅުންތެރިންގެ މެދުގައި ވެސް ޝައްކުތަކެއް އުފެދުނަ ނުދިނުމަށެވެ. އެ ކުޅުންތެރިން މިހާރު ކުރަމުން އަންނަ އާދަޔާ ހިލާފު މަސައްކަތަށް، އޭނާގެ ކުރިމަގުގެ ސުވާލުތަކުން ހިޔަނި އެޅެން ބޭނުންނުވީ އެވެ.

ސްޕެއިންގެ ކުޅުންތެރިޔާ ވަނީ ލިވަޕޫލްގެ އިތުރުން ރެއާލް އާއި ބަޔާން މިޔުނިކަށް ވެސް ކުޅެފަ އެވެ. އެހެންކަމުން އޭނާއަށް އެހުރިހާ ކްލަބެއްގެ ލޯބި ވެސް އެބަ އޮތެވެ.

ނަމަވެސް ސީނިއަ ޓީމެއްގެ މެނޭޖަރެއްގެ ޒިންމާ ފުރަތަމަ އޭނާއާ ހަވާލުކުރަން ލެވަކޫސަންއިން ނިންމި ނިންމުމުގެ މަތިން އޮލޮންސޯ ހަނދާން ނުނެތޭނެ ކަމަށް، ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ. އެހެންކަމުން އޭނާ އުއްމީދަކީ އަދިވެސް އެ ކްލަބްގައި މަޑުކޮށް ދެވެން ހުރި އެންމެ މައްޗަކަށް ދިއުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް