ފްރާންސްގެ ގައުމީ ޓީމުގެ ކުޅުންތެރިން މެޗެއް ނިންމާފައި ދަނޑުން ފައިބަނީ: ސްކޮޑްގައި އުޅޭ އިރު އެއްވެސް ކުޅުންތެރިޔަކަށް ރޯދަ ނުހިފޭނެ

ފުޓްބޯޅަ

ފްރާންސްގެ ގައުމީ ޓީމުގައި ރޯދަ ހިފުން މަނާކުރުމުން ހިތްހަމަނުޖެހުން

އެ އުސޫލާ ގުޅިގެން 19 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިޔަކު މިހާރު ވަނީ ސްކޮޑުން އަމިއްލައަށް ބޭރުވެފައި
25 މާރިޗު 2024

ފްރާންސްގެ ގައުމީ ޓީމުތަކުގެ ތަމްރީން ކޭމްޕްގައި ކުޅުންތެރިން އުޅޭ އިރު ރޯދަހިފުން މަނާކުރުމުގެ ސިޔާސަތެއް ފްރާންސް ފުޓްބޯލް ފެޑެރޭޝަން (އެފްއެފްއެފް) އިން އެކުލަވާލުމުން އެކަމާ މުސްލިމް ކުޅުންތެރިން ހިތްހަމަނުޖެހިއްޖެ އެވެ.

މުސްލިމް ބައެއް ކުޅުންތެރިންގެ އެޖެންޓަކު، ނަން ނުޖަހާ ގޮތަށް، އީއެސްޕީއެންއަށް ބުނީ އެ ނިންމުމާ މެދު ބައެއް ކުޅުންތެރިން ހިތްހަމަނުޖެހޭ ކަމަށެވެ.

"ބައެއް ކުޅުންތެރިން ބޭނުންނުވަނީ މައްސަލަގަނޑެއް އުފައްދަން،" އޭނާ ބުންޏެވެ.

"އެކަމަކު އެ ކުޅުންތެރިން ދެކެނީ އެ މީހުންގެ ދީނަށް އެއްވެސް އިހުތިރާމެއް ނުކުރި ކަމަށް، ހަމައެހެން އެ މީހުންނަށް ވެސް އިހުތިރާމް ނުލިބޭ ކަމަށް."

މި މައްސަލައާ ގުޅިގެން މިހާތަނަށް ފްރާންސްގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ސްކޮޑުން ވަނީ ކުޅުންތެރިޔަކު ވަކިވެފަ އެވެ. މިޑްފީލްޑް ކުޅުންތެރިޔާ މަހަމަދު ދިޔަވަރާ އެގޮތަށް ހެދީ ރޯދަ ދޫކޮށްލައިގެން ހުރެ ކުޅެން ބޭނުންނުވާތީ އެވެ.

އެފްއެފްއެފްއިން އާ ސިޔާސަތު ދިފާއުކުރެ އެވެ. އެ އިދާރާއިން ބުނަނީ އެއީ ވަކި ދީނަކަށް އަމާޒުކޮށްގެން ހެދި އުސޫލެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ކުޅިވަރުގެ ތެރޭގައި ސިޔާސީ ކަމެއް، ދީނީ ކަމެއް ނުގެންގުޅުމުގެ ހަމަތަކަށް ފެރޭ ކަމެއް ކަމަށް ބުންޏެވެ.

ފްރާންސްގެ އާބާދީގެ %10އަކީ މުސްލިމުންނެވެ.

މިހާރު ކަނޑައަޅާފައިވާ ގޮތުން ސީނިއަ އަދި ޖޫނިއަ ގައުމީ ޓީމުތަކުގެ ބައްދަލުވުންތަކާއި ތަމްރީންތަކާއި އެންމެން ބައިވެރިވާ ކެއުންތަކުގައި ކުޅުންތެރިއެއްގެ ދީނަށް ބަލައިގެން ކަންކަން ބަދަލެއް ނުކުރެވޭނެ އެވެ. މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ މެޗުތަކުގެ ތެރޭގައި ރޯދަ ދޫކޮށްލާ ކުޅުންތެރިން ފަހުގެ ދުވަސްތަކުގައި ރޯދަ ހިފިދާނެ ކަމަށް، އެފްއެފްއެފްއިން ބުނެ އެވެ.

ފްރާންސުން އަންނަނީ އިސްލާމް ދީނުގެ ބައެއް ކަންކަމާ ދެކޮޅު ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ފްރާންސްގައި މި އަހަރު އޮންނަ އޮލިމްޕިކްސްގައި މުސްލިމް އެތުލީޓުން ބުރުގާ ބޭނުންކުރުން ވެސް އޮތީ މަނާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް